Advertisement

ޓިކްޓޮކް ފަހަތަށް ވައްޓާލުމަށް ފަހު ޔޫޓިއުބް ޝޯޓްސްގައި 1.5 ބިލިއަން މީހުން

ޔޫޓިއުބް ޝޯޓްސްގެ އެކި ފީޗާތައް -- ފޮޓޯ: ދަ ވާޖް


ޓިކްޓޮކް ފަހަތަށް ވައްޓާލުމަށް ފަހު ޔޫޓިއުބް ޝޯޓްސްގައި 1.5 ބިލިއަން މީހުން

ސޭން ފްރެންސިސްކޯ، އެމެރިކާ (ޖޫން 16) - ޓިކްޓޮކްއާ ވާދަކުރުމަށް އުފެއްދި ޔޫޓިއުބް "ޝޯޓްސް" ކޮންމެ މަހަކު ވެސް 1.5 ބިލިއަން މީހުން ބޭނުން ކުރާ ކަމަށް ޔޫޓިއުބުން ބުނެފި އެވެ.

އެލްފެބެޓް ކުންފުނީގެ ޔޫޓިއުބް އަދި މެޓަ ކުންފުނީގެ ފޭސްބުކުން ކުރު ވީޑިއޯ ހިއްސާ ކުރެވޭ ޕްލެޓްފޯމް އުފެއްދީ ޓިކްޓޮކަށް ލިބެމުން ދިޔަ މަގްބޫލުކަމާ ގުޅިގެންނެވެ. މިދިޔަ އަހަރު ޓިކްޓޮކުން ބުނީ ބިލިއަނަކަށް ވުރެ ގިނަ މީހުން އެ ޕްލެޓްފޯމް ބޭނުން ކުރާ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން އާއްމުކުރި ޔޫޓިއުބް ޝޯޓްސް ޕްލެޓްފޯމަށް އަޕްލޯޑް ކުރެވެނީ 60 ސިކުންތަށް ވުރެ ކުރު ވީޑިއޯ އެވެ.

"ޝޯޓްސްއަށް ބޮޑު މަގްބޫލު ކަމެއް ލިބިއްޖެ. މިހާރު ކޮންމެ މަހަކު ވެސް 1.5 ބިލިއަން މީހުން ޕްލެޓްފޯމް ބޭނުން ކުރޭ،" ޔޫޓިއުބްގެ ޗީފް ޕްރޮޑަކްޓް އޮފިސަރު ނީލް މޯހަން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި އެ ޕްރޮޑަކްޓް ވާނީ ޔޫޓިއުބްގެ މުސްތަގްބަލްގައި ވަރަށް މުހިއްމު ބަޔަކަށް."

މިދިޔަ އަހަރު ޔޫޓިއުބުން ވަނީ ވީޑިއޯތައް މެދުވެރިކޮށް އޯޑިއެންސް މެމްބަރުން އިތުރުވާ ނަމަ ވީޑިއޯ އުފައްދާ ފަރާތްތަކަށް ފައިސާ ލިބޭނެ ގޮތް ހެދުމަށް 100 މިލިއަން ޑޮލަރުގެ ފަންޑެއް ލޯންޗުކޮށްފަ އެވެ.

ޗައިނާގެ ބައިޓް ޑާންސް ކުންފުނީގެ ދަށުން ހިންގާ ޓިކްޓޮކުން މި އަހަރުގެ ކުރީކޮޅު ވަނީ އަޕްލޯޑް ކުރެވޭ ވީޑިއޯގެ ދިގުމިން ތިން މިނެޓުން 10 މިނެޓަށް އިތުރުކޮށްފަ އެވެ.

ޔޫޓިއުބް، މެޓަ އަދި ޓިކްޓޮކްގެ ވާދަވެރިކަމުގެ ތެރެއިން ވީޑިއޯ އުފައްދާ ފަރާތްތަކަށް ސަބްސްކްރިޕްޝަނާއި ވީޑިއޯ ޝެއާ ކުރާ ވަރުގެ މައްޗަށް ބިނާކޮށް، އަދި އިޝްތިހާރުން ފައިސާ ލިބޭ ގޮތް ފަހިކޮށްދެ އެވެ.