Advertisement

އެމްޑީޕީގެ "ނަމޫނާ" ޑިމޮކްރަސީއަކީ ވަކި ރައީސަކު ބޭނުންވާ ގޮތް؟

16 ޖޫން 2022 - 12:59 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު. އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ މެދުގައި ވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި --- ފޮޓޯ: އަބްދުﷲ ޝަފީއު/އަދަދު


އެމްޑީޕީގެ "ނަމޫނާ" ޑިމޮކްރަސީއަކީ ވަކި ރައީސަކު ބޭނުންވާ ގޮތް؟

16 ޖޫން 2022 - 12:59 0

ހާމަކަން ބޮޑު ގޮތަށް ފެންނާން އޮތް ކަމެއް ތަކުރާރުކުރުމުގެ މާބޮޑު ބޭނުމެއް ނެތެވެ. އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ މެދުގައި އުފެދުނު "ހިޔާލުތަފާތުވުން" މިހާރު ރަނގަޅަށް ވެސް ވަނީ ވަރުގަދަ "ހަނގުރާމަ"އެއްގެ ސިފަ ޖެހިފަ އެވެ.

މި ސިލްސިލާގެ ތެރެއިން ރައީސުންގެ ވަފާތެރި ފެކްޝަނުތަކުން އެކި ގޮތްގޮތުން ހަމަލާތައް ބަދަލުކުރުމުގެ އެންމެ ފަހުގެ މައިދާނަކީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިވަނީ ވެފަ އެވެ. މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އެމްޑީޕީގެ އަތުގައި އޮތް އިރު، ދެ ރައީސުންގެ ފަރާތުން ހަނގުރާމައިގެ ފްރަންޓްލައިންގައި ތިބީ އެމްޑީޕީގެ މެމްބަރުންނެވެ.

"އަޅުގަނޑު ހަމަ ގައިމު ވެސް ބަހުސަށް ޖާގަ ނުދޭ ވިޕްލައިނަކަށް ތަބާވާކަށް ބޭނުމެއް ނޫން, ހަދާނެ އެއްޗެއް ހަދާ, އަޅުގަނޑު އިންތިހާބު ކުރީ ބަހުސްކުރަން, އެޅިހާ ބަތަކަށް ރިހަވާކަށް ނޫން," އެންމެ ފަހުން ކެކިގެން އުޅޭ ކޯޅުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ސިފަކޮށްދެއްވީ މިހެނެވެ.

އީވާ އެ ހުލާސާކޮށްދެއްވީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން މިވަގުތު ޖައްސަމުންދާ މައްސަލަ އެވެ.

ވިޕްލައިންގެ އަރަރިރުން

ނަޝީދާއި އެމަނިކުފާނަށް ވަފާތެރި މެމްބަރުން ބޭނުންވާ ބައެއް ކަންކަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕު ތެރެއިން ފުރުސަތު ނުދީ ހުރަސްއަޅާކަމުގެ ތުހުމަތު ދަނީ އަމާޒުކުރަމުންނެވެ.

މިކަން އެންމެ ފުރަތަމަ ހޫނުވާން ފެށީ ހައިކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ, މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ޗެއާ ކުރައްވާ ޖުޑިޝަރީ ކޮމިޓީން އަނބުރާ ފޮނުވާލަން ނިންމާފައިވަނިކޮށް ޕާލިމެންޓްރީ ގްރޫޕުން ތަޅުމުގައި ފަނޑިޔާރު ވަކިކުރުމަށް ވޯޓު ދޭން ވިޕްލައިން ނެރުމުންނެވެ.

އޭގެފަހުން ކީރިތި ރަސޫލާއަށް އިންޑިއާގެ ބީޖޭޕީގެ މެންބަރަކު ފުރައްސާރަކުރި މައްސަލަ ކުށްވެރިކުރަން އިދިކޮޅުން ހުށަހެޅި ގަރާރު ބޭރުކޮށްލަން ވެސް އެމްޑީޕީން ވިޕްލައިން ނެރުނެވެ. މި ދެ ވިޕްލައިންއާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހުންތައް އޮއްވައި، ހުޅު ފަޅައިގެން ދިޔައީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ބޭނުންވާ ކަންކަން ތަރުތީބު ކުރުމަށް ގޮވާލައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ގަރާރެއް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ފޮނުވުމުން އެ ގަރާރު ހުށަހަޅަން ތާއީދު ނުލިބުމުންނެވެ.

"މިހާރު ވިޕް އޮންނަނީ މާ ވަރުގަދަ ބައެއްގެ އަތުގައި، ސަރުކާރު އަތުގައި ވިޕް އޮންނަނީ، ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ބާރުތައް ވަކިކުރެވިފައި ވަނީ އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ބާރުތައް އެއްވެފަ މި އޮތީ، ސަރުކާރުން އަންގާ ގޮތަކަށް ވިޕް ނެރެނީ،" މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެފައިވެ އެވެ.

އެއާއެކު ނަޝީދު ވަނީ އެމަނިކުފާނުގެ ވަފާތެރި މެމްބަރުންނާ އެކު އެކަމާ ދެކޮޅަށް ޒާތަކަށް ތެދުވެވަޑައިގެންފަ އެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި އެންގެވީ, ޕާލިމެންޓްރީ ގްރޫޕުން ކަންކަން ނިންމަމުންދާ ގޮތާއި, ކޮންމެ ފަހަރަކު ވިޕްލައިންއާ އެއްގޮތަށް ވޯޓުލާން ބޭނުން ނުވާ މެންބަރުން ނަން ނޯޓްކުރުމަށެވެ.

"...އާންމު މެންބަރުންނަށް ސާފުވާނެ އަޅުގަނޑުމެން އެގޮތަށް ވޯޓުލާ ސަބަބު, އަޅުގަނޑު އުއްމީދުކުރަނީ އާންމު މެންބަރުން އަޅުގަނޑުމެން ޕާޓީން ވަކި ނުކުރާނެ ކަމަށް," ނަޝީދުގެ މެސެޖްގައިވެ އެވެ.

ނަޝީދު އެންގެވި ގޮތަށް 18 މެންބަރަކު ވަނީ ނަން ނޯޓް ކުރައްވާފަ އެވެ.

އެ "ބަޣާވާތު"ގެ ދިފާއުގައި ނަޝީދު ވިދާޅުވަނީ އެންމެ ވާހަކަ އެކެވެ. ބާރުތައް ވަކިވެފައިވާ ނިޒާމެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވޭނެ މަގު މަޖިލީހުގެ ތެރެއިން ބަންދުވީމަ އެވެ. އަދި، އެކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމުގެ އިންޒާރު ވެސް އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ. ހާއްސަކޮށް ދަރަނި ރީސްޓްރަކްޗާ ކުރަން އެމަނިކުފާނު ތަކުރާރުކޮށް ގޮވާލައްވަނީ އެހެންވީމަ އެވެ.

އެކަމަކު ސަރުކާރުން ދައްކަން ބޭނުންނުވާ ވާހަކައެއް މަޖިލީހުގެ ތަޅުމާ ހަމައަށް އަންނަން ހުރަސްއަޅަމުންދާކަމީ ނަޝީދުގެ ފެކްޝަނުން ފެންމަތިކުރަމުންދާ ކަންބޮޑުވުމެވެ.

ސަރުކާރު ފަޅީގެ ދިފާއު

އެކަމަކު ނަޝީދާއި އެމަނިކުފާނުގެ ވަފާތެރި މެމްބަރުންގެ އެ ކަންބޮޑުވުންތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް އަނެއް ފަޅީގައި ތިބި މެމްބަރުން ގަބޫލުކުރެ އެވެ. ރައީސް ސޯލިހުގެ ފެކްޝަންގެ މެމްބަރަކު ނަން ހާމަނުކުރަން އެދި ވިދާޅުވި ގޮތުގައި ނަޝީދު މިހާރު ކުޅުއްވަނީ އިދިކޮޅުގެ އަތްބައިގައި ހުރި ކާޑުތަކުންނެވެ. ދަރަންޏާއި ދީން "ހަތިޔާރަކަށް" ނަގައިގެން ސަރުކާރު ހިންގަން އުނދަގޫ ކުރަނީ އެވެ.

ސަރުކާރުގެ ދިފާއުގައި އޭނާ ނެންގެވީ ދަރަނި ރީސްޓްރަކްޗާ ނުކުރަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ސަބަބެވެ. އަމީރު ވިދާޅުވެފައިވާ ގޮތުގައި ދަރަނި ރީސްޓްރަކްޗާ ކުރަން އުޅެފިނަމަ ބައިނަލް އަގުވާމީ ޑެޓް މާކެޓަށް ފެންނާނީ ރާއްޖެ "ޓެކްނިކަލް ޑިފޯލްޓް" ނޫނީ ބަނގުރޫޓްވާ ހެނެވެ.

"ނަތީޖާއަކަށް ވާނީ ރާއްޖޭގެ މާލީ ނިޒާމަށް [ބައިނަލް އަގުވާމީ މުޖުތަމައުގައި] އޮންނަ އިތުބާރު ގެއްލިގެން ދާނެ. ހަމަ އެކަނި ސަރުކާރަކަށް ނޫން، ރާއްޖޭގެ ޕްރަައިވެޓް ސެކްޓާއަށް ވެސް ލޯނު ދޭން ބޭރުގެ ފަރާތްތަކުން، ބޭންކްތަކުން ޖެހިލުންވާނެ، ނުދޭނެ،" އެކަމުގެ ނުރައްކާތައް ތަފްސީލުކޮށް ދެއްވަމުން އަމީރު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ މާލީ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން އެ މައުލޫމާތުތައް ހިއްސާކޮށްފައިވަނީ މަޖިލީހުގެ ކޮމިޓީއެއްގަ އެވެ. އަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ގަވަރުނަރު އަލީ ހާޝިމް ވެސް މިހާރު އޮތް ހާލަތުގެ ފުރިހަމަ މައުލޫމާތު ވަނީ ހިއްސާކޮށް ދެއްވައިފަ އެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ މެޖޯރިޓީ އޮތީ ރައީސް ސޯލިހުގެ ފަޅީގައި. ނަޝީދާއެކު ތިއްބެވީ 18 މެމްބަރުން --- ފޮޓޯ: ރައީސް އޮފީސް


ރައީސް ސޯލިހު ފަޅީގެ މެމްބަރުން ގަބޫލުކުރަނީ އެވަރުން ފުދެންޖެހޭ ކަމަށެވެ. މާލީ އަދި އިގުތިސޯދީ ކަންކަން ހަވާލުކޮށްފައި ތިބީ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންނަށް ކަމަށްވާއިރު، އެ ބޭފުޅުންގެ ޕްލޭންތަކާއި އަޅުއްވާ ފިޔަވަޅުތަކަށް ޕާޓީގެ ތެރެއިން އިތުބާރު ކުރަންޖެހެ އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް ވިދާޅުވި ގޮތުގައި ކޮންމެ ހާލަތެއްގައި ނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ސަރުކާރުން ފޯރުކޮށްދޭންޖެހޭއިރު، އެކަން ކުރަން ލޯނު ނަގަން ޖެހުނަސް އެކަމަށް މަޖިލީހުން އެއްބާރުލުން ދޭންޖެހެ އެވެ.

"މިސަރުކާރު ހިނގަންޖެހޭ. ހިންގުމަށް ފަސޭހަވެސް ކޮށްދޭންޖެހޭނެ. މިގޮތަށް ނުސީދާ ގޮތުން ކުރާ ދުއްތުރާތައް އަޅުގަނޑުމެން ތިބޭނީ ވަރަށް ހޭލާ ބަލައިގެން،" މަޖިލީހުގައި ބަހުސްކުރައްވަމުން ސަލީމް ވިދާޅުވި އެވެ.

ފިޔަވަޅު އެޅުން، ބޭނުންވާ ގޮތް؟

ވިޕްލައިނާ ހިލާފުވާން ނަޝީދު ފާޅުގައި ނުކުންނަވާފައިވާއިރު، އެކަން ކޮށްފިނަމަ ޕާޓީގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ދެއްވައިފަ އެވެ.

"ޕާޓީ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީން ނިންމާ ނިންމުންތަކަށް، ވިޕްލައިންތަކަށް އަމަލު ނުކުރަން ނުކުތުމަކީ، ޕާޓީއެއް ތެރޭ މަސައްކަތް ކުރާއިރު ކުރާނެ އެންމެ ހުތުރު އަމަލު އެއީ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ 65 މެންބަރުން ތިބޭ ޕާލިމެންޓްރީ ގްރޫޕްގެ ނިންމުމަކާ އެންމެ 18 މެންބަރުން ދެކޮޅަށް ނުކުތުމަކީ މާ ބޮޑަށް އޭގެ އަސަރު ކުރާނެ ކަމެއް ނޫން ކަމަށެވެ.

"ހިލާފުވާނެ ކަމަށް ބުނެފައި ހިލާފުވެއްޖެނަމަ ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ،" އަސްލަމް ވިދާޅުވި އެވެ.

މިގޮތުން ވިޕްލައިނާ ހިލާފުުނުވާން މެންބަރުންނަށް ނަސޭހަތް ދިނުމާއި، ޕާޓީތަކުގެ މަގާމުތަކަށް ކުރިމަތިނުލެވޭ ގޮތަށް ވަކި މުއްދަތަކަށް ސަސްޕެންޑް ކުރުން އަދި ފަހު ފިޔަވަޅެއްގެ ގޮތުގައި ޕާޓީން ވަކިކުރުން ވެސް ހިމެނެ އެވެ. އަޅާނެ ފިޔަވަޅެއް ނިންމާނީ އެ މައްސަލައެއް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ވިޕްލައިނާ ހިލާފުވެގެން މެންބަރުން ވަކިކޮށްފައިވެ އެވެ. ނަމަވެސް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބި، މި މަޖިލީހަށް ފަހު އެފަދަ ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އެފަދަ ފިޔަވަޅެއް ނޭޅުމަށް ނަޝީދު އެދިވަޑައިގެންފައިވީ ނަމަވެސް، އެ ހިސާބަށް މައްސަލަ ހޫނުކުރަން އެމަނިކުފާނު ބޭނުންވާ ކަމުގެ ތުހުމަތުގެ އަޑުތައް ވެސް ދަނީ އިވެމުންނެވެ.

އެއާއެކު، ވިޕްލައިނާ ހިލާފުވެގެން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާކަމުގެ އިޝާރާތެއް ވެސް އަސްލަމް ވަނީ ދެއްވައިފަ އެވެ. މިގޮތުން، ވިޕްލައިނާ މެންބަރުން ހިލާފުވެއްޖެނަމަ އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެއް އަހަރަށް ޕާޓީގެ ޓިކެޓު އިންތިހާބުތަކުގައި ވާދަކުރުމަށް ނުލިބޭ ގޮތަށް އޮތް މާއްދާ އިސްލާހުކޮށް އެ މުއްދަތު ފަސް އަހަރަށް ބަދަލު ކުރުމަށް ތާއީދު ކުރައްވާކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮންމެ އަކަސް މިއީ މި ހަނގުރާމައިގެ އެންމެ ފަހު ހަމަލާއަށް ނުވާނެ ކަން ޔަގީނެވެ. އަންނަ ރިޔާސީ އިންތިހާބާ ހަމައަށް މިފަދަ ހަމަލާތައް އިތުރަށް ހޫނުވެ، އެމްޑީޕީގެ ތެރޭގައި އޮތް ރެނދު އިތުރަށް ފުޅާވެގެންދާނެ އެވެ.

ޕާޓީގެ ތެރޭގައި ޑިމޮކްރެޓިކް ހަމަތައް ހިފަހައްޓައި، އެހެން ސިޔާސީ ޕާޓީތަކަށް "ނަމޫނާ"އެއްގެ ގޮތުގައި އަބަދުވެސް ވަކާލާތުކުރާ އެމްޑީޕީގެ އަސްލު މިހާރު ހަގީގަތަށް ވެސް އޮޅިފަ އެވެ. ދެ ރައީސުންގެ ގަދަހިފުމުގެ ތެރެއިން ޕާޓީން ގެންގުޅޭކަމަށް ބުނާ އަސާސްތައް ރޫޅި ބިމާ ހަމަވާ މަންޒަރު ދަނީ ފެންނަމުންނެވެ. "ޑިމޮކްރަސީ"ގެ މާނަ އޮޅި، މެޖޯރިޓީ ރޫލްގެ ހަމައަކީ، ހަމައެކަނި ދެ ރައީސުން ބޭނުންވާ ގޮތް ކަމަށް މިވަނީ ރަނގަޅަށް ވެސް ވެފަ އެވެ.