Advertisement

ސީރިއާގައި އައިއެސްގެ އިސްވެރިޔަކު ހައްޔަރުކޮށްފި

އައިއެސް ގްރޫޕްގެ ދިދަ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ސީރިއާގައި އައިއެސްގެ އިސްވެރިޔަކު ހައްޔަރުކޮށްފި

ބަގްދާދް، އިރާގް (ޖޫން 16) - ބުރާސްފަތި ދުވަހު ސީރިއާގައި ހިންގި އޮޕަރޭޝަނެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓް ގްރޫޕްގެ އިސްވެރިޔަކު ހައްޔަރުކޮށްފި އެވެ.

އެމެރިކާ އިސްވެ އައިއެސްއާ ދެކޮޅަށް ހިންގާ ބައިނަލްއަގްވާމީ އަސްކަރީ ކޯލިޝަނުން ބުނީ ހައްޔަރު ކުރީ "ބޮން އުފެއްދުމުގައި ތަޖުރިބާކާރު" މީހެއް ކަމަށެވެ. އޭނާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.

"އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ވަރަށް ފަރުވާތެރިކަމާ އެކު ރާވައިގެން އެއްވެސް މުދަލަކަށް އަދި އާއްމު ރައްޔިތަކަށް ގެއްލުން ނުވާނެ ގޮތް ބަލައިގެން،" އެ ކޯލިޝަނުގެ ބަޔާނެއްގައި ބުންޏެވެ.

ސީރިއާ އާއި އިރާގުގެ ބޮޑު ބަޔެއް ހިފައި، އަމިއްލަ ވެރިކަމެއް ގާއިމްކޮށްގެން އުޅުނު އައިއެސް ހަނގުރާމައިން ބަލިވީ މާޗް 2019 ގަ އެވެ. ނަމަވެސް ސީރިއާގެ ސަހަރާގެ ބައެއް ހިސާބުތަކުގައި އައިއެސްގެ މެމްބަރުން ފިލައިގެން އުޅެމުންދެ އެވެ.

ފިލައި ތިބެ ދޭތެރެ ދޭތެރެއިން ސީރިއާ އާއި އިރާގުގައި ސިފައިންނާ ދެކޮޅަށް ކުއްލި ހަމަލާތައް އެ މީހުން ހިންގަ އެވެ.

އައިއެސްގެ ކުރީގެ ލީޑަރު އަބޫ އިބްރާހިމް އަލް ގުރައިޝީ މަރުވީ މިދިޔަ ފެބްރުއަރީ މަހު އެމެރިކާއިން ސީރިއާގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރަން ގާތްވުމުން، އަމިއްލައަށް ބޮމެއް ގޮއްވާލައިގެންނެވެ.

އައިއެސްއިން ބުނެފައި ވަނީ އެކަމުގެ ބަދަލު ހިފާނެ ކަމަށެވެ. އެގޮތުން ޔޫކްރެއިން ހަނގުރާމައިގެ ފައިދާ ނަގައި އައިއެސްގެ ސަޕޯޓަރުން ޔޫރަޕްގައި ހަމަލާތައް ދިނުމަށް އެ ގްރޫޕްގެ ތަރުޖަމާނަކު ގޮވާލާފައިވެ އެވެ.

އައިއެސްގެ ފުރަތަމަ ލީޑަރު އަބޫ ބަކުރު އަލް ބަގްދާދީ މަރުވީ 2019 ވަނަ އަހަރު އެމެރިކާއިން ހިންގި އޮޕަރޭޝަނެއްގަ އެވެ. ދެ ވަނަ ލީޑަރު އަބޫ އިބްރާހިމް އަލް ގުރައިޝީގެ މަރަށް ފަހު އާ ލީޑަރު ކަމަށް އައްޔަނު ކުރި އަބޫ ހަސަން އަލް ހާޝެމީ އަލް ގުރައިޝީއާ ގުޅޭ މާ ބޮޑު މައުލޫމާތެއް ނޭނގެ އެވެ. -- އޭއެފްޕީ --