Advertisement

ހުޅުމާލެ ފޭސް 2 ގައި ހޮސްޕިޓަލެއް އަޅަނީ

16 ޖޫން 2022 - 09:45 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ބޭއްވި އިވެންޓުގައި ވާހަކަފުޅު ދައްކަވަނީ. މިއީ އެމަނިކުފާނު ފޭސް 2 ގައި ބޭއްވި އިވެންޓެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރު --- ފޮޓޯ: ރައީސް އޮފީސް


ހުޅުމާލެ ފޭސް 2 ގައި ހޮސްޕިޓަލެއް އަޅަނީ

16 ޖޫން 2022 - 09:45 0

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޓީީސީސީގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ބަހުގެ ހިދުމަތް ރަސްމީކޮށް ދެވަނަ ފިޔަވަހީގައި ފެށުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށިއިރު ވަރަށް ގިނަ އަސާސީ އަދި ޒަރޫރީ ހިދުމަތްތައް ހުރީ ނުފެށި ކަމަށެވެ.

އެހެންކަމުން، ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރެއްވި މަސައްކަތަކީ އެއީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލެ ފޭސް ދޭކަށް ސްކޫލުތަކާއި މިސްކިތްތަކާއި ސިއްހީ ހިދުމަތުގެ އިތުރުން މަގު ހެދުމުގެ މަޝްރޫއުތަކުގެ ބޭނުން ޖެހިފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، އެ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން، ސިއްހީ ހިދުމަތް ހުޅުމާލޭ ފޭސް ދޭއްގައި އިތުރު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސިއްހީ ހިދުމަތް ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ތަކުން ދިނުމަށްޓަކައި ތިން ކްލިނިކާއި ތިން ފާމަސީގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވޭ. އަދި އޭގެ އިތުރުން ހުޅުމާލެ ފޭސް ދޭއްގައި އިތުރު ހޮސްޕިޓަލަކާއި އިތުރު ސިއްހީ ހިދުމަތްދޭ ވަސީލަތްތައް ގާއިމުކުރުމަށް ދަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

ފޭސް ދޭއްގައި ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ކަމަށް ރައިސް ވިދާޅުވެފައި ވާއިރު، ހަތް ރަށެއްގައި ހޮސްޕިޓަލް ހަދަން ނިންމާފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ހޮސްޕިޓަލު އަޅަނީ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށީގައި ހޮސްޕިޓަލް އަޅަން ވެސް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.

އޭގެ ތެރެއިން ބޮޑު ރަށްރަށުގައި އަޅާނީ 50 އެނދުގެ ހޮސްޕިޓަލެވެ. އަދި، ކުދި ރަށްތަކުގައި އަޅާނީ 30 އެނދުގެ ހޮސްޕިޓަލެވެ. އޭގެ އިތުރުން، ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި 100 އެނދުގެ ހޮސްޕިޓަލް އަޅާނެ އެވެ.