Advertisement

ހުލާސާކޮށް މަޖިލިސް: ނުތަނަވަސް ދުވަހެއް!

15 ޖޫން 2022 - 21:40 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބަައިވެރިވެވަޑައިގަންނަވަނީ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ނުތަނަވަސް މާހައުލެއް. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ހުލާސާކޮށް މަޖިލިސް: ނުތަނަވަސް ދުވަހެއް!

15 ޖޫން 2022 - 21:40 0

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ހޫނު ބަހުސްތައް ކުރިއަށް ގެންދާ ދުވަސް ދުވަހު ވެސް މެމްބަރުން ހެއްވައިލައްވާ ބޭފުޅަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނަކީ މެމްބަރުން އެންމެ ރުޅިގަދަވާ ވަގުތު ވެސް ހެއްވާލައި، ސަމާސާ ގޮތަކަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ. އެކަމަކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމެއް ނުފެނެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ވަޑައިގެން ހުންނެވީ އެންމެ ގިނައިން މަޖިލީހަށް ވަޑައިގަންނަވާ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. މެމްބަރުން އޭނާއާ ކުރެއްވި ފުރަތަމަ ސުވާލަށް ޖަވާބު ދެއްވުމުން، އިތުރު ސުވާލުކުރުމުގެ ފުރަތަމަ ފުރުސަތުގައި ވެސް ސުވާލުކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. އޭނާ ދެ ސުވާލެއް ކުރެއްވި އިރު، އޭގެ ތެރެއިން އެއް ސުވާލަކީ އަސްލަމަށް ތަންކޮޅެއް އުނދަގޫ ސުވާލަކަށް ވި އެވެ.

ދެވަނަ ސުވާލުގައި ޖާބިރު އެއްސެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާކަން އިއުލާނުކުރައްވާފައި ވާއިރު އެމަނިކުފާނުގެ ވައުދުތައް ފުއްދިއްޖެތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދަން އޭނާ ބާރަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެެވެ. އެހެން ނަމަވެސް ފުއްދިފައި ވަނީ ވައުދުތަކުގެ ކިތައް ޕަސެންޓްކަން ވިދާޅުނުވާނެ ކަމަށެވެ. ޖަވާބު ދެއްވުން އެގޮތަށް ކުރިއަށް ގެންދަވަން ފެއްޓެވުމުން ރިޔާސަތުން ނަޝީދު އިންޓަވެން ކުރެއްވި އެވެ.

"އިއްޒަތްތެރި ވަޒީރު، އިއްޒަތްތެރި މެމްބަރުގެ ސުވާލަށް ޖަވާބެއް ދެއްވުން ބޭނުންތެރި، ކޮންމެ ސުވާލެއްގެ ވަށައިގެން ވަރަށް ދިގު އިތުރު ވާހަކަ ދެއްކުމުގެ ބަދަލުގައި، ސާފު ސާދާކޮށް ސުވާލަށް ޖަވާބު ދެއްވުން އެދެން،" އަސްލަމްގެ ވާހަކައިގެ މެދު ތެރެއިން ނަޝީދު ވިދާޅުވި އެެވެ.

މިއަދުގެ ހާޒިރީ

  • ހާޒިރުވެވަޑައިގެންނެވީ: 24 މެމްބަރުން
  • ސަލާމުގައި: 03 މެމްބަރުން

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ކުރެއްވި ސުވާލަކަށް އަސްލަމް ޖަވާބު ދެއްވަން އުޅުއްވި ގޮތާ މެދުގައި ވެސް ނަޝީދު ރުހިވަޑައިނުގެން ވާހަކަފުޅު ދެއްކެވި އެވެ.

މިއަދުގެ ފޮޓޯ


ސަނީފު ސުވާލުކުރެއްވީ ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ތިނަދޫގައި ހިންގަން އުޅުނު މަޝްރޫއަކަށް ގެންގޮސްފައި ހުރި ތަކެތި، ހައުސިން މިނިސްޓްރީން އެހެން ތަނަކަށް ގެންދިޔަ އިރު، އެރަށު ކައުންސިލާ މަޝްވަރާ ނުކުރީ ކީއްވެތޯ އެވެ. އެ ސުވާލަށް އަސްލަމް ދެއްވި ޖަވާބުގެ ވަކި ހިސާބަކުން ނަޝީދު ވިދާޅުވީ، ސަނީފުގެ ސުވާލުގައި ހިމެނޭ މައްސަލައަކީ އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ މައްސަލައެއް ކަމަށެވެ. އެކަމާ ތިނަދޫ ރައްޔިތުން ތަކުރާރުކޮށް ގުޅާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ ސާފު ބަހުން، ރީތިކޮށް މިކަން އޮޅުން ފިލުވައިދިނުމަކީ ވަރަށް ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ކުރިއަށް މި ގެންދަނީ "އެ މަސައްކަތް"[ ސުވާލަށް ސާފުކޮށް ޖަވާބުދިނުމުގެ މަސައްކަތް] ކަމަށެވެ.