Advertisement

މޭވާ އާއި ތަރުކާރީ ހައްދަން ލަންކާގައި ހަފްތާއަކު އިތުރު އެއް ދުވަސް ބަންދު

ސްރީލަންކާގައި ކާބޯތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް


މޭވާ އާއި ތަރުކާރީ ހައްދަން ލަންކާގައި ހަފްތާއަކު އިތުރު އެއް ދުވަސް ބަންދު

ކާބޯތަކެތީގެ ދަތިކަމުގެ ބިރާއެކު މޭވާ އާއި ތަރުކާރީ ހައްދަން ހިތްވަރު ދިނުމުގެ ގޮތުން ސްރީ ލަންކާގައި ސަރުކާރު އޮފިޝަލުންނަށް ހަފްތާއަކު އިތުރު އެއް ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ސްރީލަންކާގައި ސަރުކާރު އޮފިޝަލުންގެ ގޮތުގައި މިލިއަނެއްހާ މީހުން އުޅެ އެވެ. ސްރީލަންކާއަށް މިހާރު ކުރިމަތިވެފައި ވަނީ 70 އަހަރުގެ ތެރޭގައި އެންމެ ބޮޑު އިގްތިސާދީ ކާރިސާ އެވެ.

ކާބޯތަކެއްޗާއި ތެލާއި ގޭސް އަދި ބޭސް ފަދަ ޒަރޫރީ ތަކެތި އިމްޕޯޓް ކުރަން ބޭނުންވާ ޑޮލަރު އެ ގައުމުގައި ނެތެވެ. އެހެންވެ، ކާބޯތަކެތި ހުސްވުމުގެ ބިރު ދަނީ ބޮޑުވަމުންނެވެ.

އެހެންވެ، ސަރުކާރުން ނިންމީ ކުރިއަށް އޮތް ތިން މަހު، ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރު އޮފިޝަލުންނަށް ހަމަޖެއްސުމަށެވެ.

އޭގެ ބޭނުމަކީ ތެޔޮ ނުލިބުމުގެ ސަބަބުން ދަތުރުފަތުރުގައި ދިމާވެފައިވާ ގޮންޖެހުން ކުޑަ ކުރުމާއި، އާއިލާއަށް ބޭނުންވާ މޭވާ އާއި ތަރުކާރީ ހެއްދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެފައި ވަނީ ޒަރޫރީ ތަކެތި އިމްޕޯޓް ކުރަން މި އަހަރު ފަސް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހޯ ހޯދަން ސަރުކާރުން މަޝްވަރާ ކުރަމުންދާ އިރު، އައިއެމްއެފްގެ ވަފުދެއް އަންނަ ހޯމަ ދުވަހު ކޮލޮމްބޯއަށް ދަތުރު ކުރާނެ އެވެ. -- ބީބީސީ --