Advertisement

ސިއްހީ ނިޒާމު ހަރުދަނާކުރަން "މޯލްޑިވްސް ހެލްތު ސާވިސަސް" އުފައްދަނީ

15 ޖޫން 2022 - 12:14 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރައީސް ސޯލިހު ވަޒީރުންގެ މަޖިލީހުންގެ މެމްބަރުންނާ ބައްދަލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް


ސިއްހީ ނިޒާމު ހަރުދަނާކުރަން "މޯލްޑިވްސް ހެލްތު ސާވިސަސް" އުފައްދަނީ

15 ޖޫން 2022 - 12:14 0

ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއާ ވަރުގަދަކުރަން، މޯލްޑިވްސް ހެލްތު ސާވިސަސް އުފައްދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު މިގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރުމަށްފަހު ކަމަށެވެ.

އެ އޮފީހުން ބުނީ މޯލްޑިވްސް ހެލްތު ސާވިސަސް އުފެއްދުމުގެ ބޭނުމަކީ ޕްރައިމަރީ ހެލްތުކެއާ ދިނުމަށާއި ރާއްޖޭގެ ސިއްހީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކަމަށެވެ.

އަދި ސިއްހީ ދާއިރާއިން ފަންނީ މީހުން ބިނާކޮށް އެމީހުންގެ ހުނަރު އިތުރުކުރުމަކީ އެ ސާވިސް އުފެއްދުމުގެ މުހިންމު ބޭނުމެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގައި ސިއްހީ ހިދުމަތްދޭ 164 ތަނެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. މާލޭގެ މައި ހޮސްޕިޓަލުން ލިބޭ ހިދުމަތްތައް އަތޮޅުތަކުން ނުލިބޭތީ ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު ޑޮކްޓަރަށް ދެއްކުމަށް މާލެ އާދެ އެވެ. އެކަމަށް ހައްލެއް ހޯދުމަށް އަމާޒުކޮށް މި ސަރުކާރުން އަންނަނީ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމުކުރަމުންނެވެ.

މިގޮތުން ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށީގައި ހޮސްޕިޓަލް އަޅަން ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.

އޭގެ ތެރެއިން ބޮޑެތި ރަށްރަށުގައި އަޅާނީ 50 އެނދުގެ ހޮސްޕިޓަލެވެ. އަދި، ކުދި ރަށްތަކުގައި އަޅާނީ 30 އެނދުގެ ހޮސްޕިޓަލެވެ. އޭގެ އިތުރުން، ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި 100 އެނދުގެ ހޮސްޕިޓަލް އަޅާނެ އެވެ.

ރާއްޖޭގައި ހޮސްޕިޓަލްތައް މީގެކުރިން ހިންގަމުން ދިޔައީ ސީދާ ސަރުކާރުގެ ބެލުމުގެ ދަށުން ހެލްތު މިނިސްޓްރީންނެވެ. އަމިއްލަ ބޯޑެއްގެ ދަށުން ފުރަތަމަ ހިންގަން ފެށީ ސަރުކާރުގެ މައި ހޮސްޕިޓަލެވެ.

މިފަހުން ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލް އަދި ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގަން ބޯޑުތައް އެކުލަވާލާފަ އެވެ.

އެކަން ތަންފީޒުކުރުމުގައި މިވަގުތަށް އޮތީ ގާނޫނީ ދަތިކަމެއް ކަމަށާއި އެ ހުރަސްތައް ނައްތާލާއި ރާއްޖޭގެ ހޮސްޕިޓަލުތަކުގެ ހިންގުން ސަރުކާރުން ދޫކޮށްލުމަށް މޯލްޑިވްސް ހެލްތު ސާވިސަސްގެ ބިލެއްގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.