Advertisement

21 އަހަރުން ހަދާ ނުނިމުނު ހުދުފުށި ރިސޯޓު އަތުލާކަށް ނުވޭތަ؟

7 ޖުލައި 2022 - 09:26 8

އަމަން ހަލީމް

އަމަން ހަލީމް

ޅ. ހުދުފުށި: ތަރައްގީކުރަމުން އަންނަ ރިސޯޓުތަކުގެ ތެރެއިން މަސައްކަތް ނުނިމި އެންމެ ގިނަ ދުވަސްވެފައިވަނީ މި ރަށުގެ. -- ފޮޓޯ: ގޫގްލް އާތް


21 އަހަރުން ހަދާ ނުނިމުނު ހުދުފުށި ރިސޯޓު އަތުލާކަށް ނުވޭތަ؟

7 ޖުލައި 2022 - 09:26 8

ރަށްތައް ހަވާލުކުރިޔަސް ރިސޯޓުތައް ނުހުޅުވި ދިގުލައިގެން ދިޔުމުގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. މިހެން ހަވާލުކޮށްފައި ހުރި ރަށްތައް ނުހެދި ދައުލަތަށާއި ރައްޔިތުންނަށް ގެއްލިފައިވާ އާމްދަނީ ގުނާ އަދަދު ނުކުރެވެ އެވެ. މިކަމާ ގުޅޭ ތަފްސީލީ ރިޕޯޓެއް ނޫނީ ދިރާސާއެއް ފެންނަން ނެތުމުން އެއީ ކިހާ ވަރެއްގެ ގެއްލުމެއް ކަމަށް އަންދާޒާ ކުރަން ވެސް ދައްޗެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުފަޅާއި ބިންބިމުގައި 108 ރިސޯޓު ތަރައްގީކުރަމުން އެބަދެ އެވެ. މީގެ ތެރެއިން 75 ރަށަކީ މަސައްކަތް ނުކޮށް ނޫނީ ހުއްޓިފައިވާތާ ގިނަ ދުވަސްވެފައިވާ ރަށްރަށެވެ. ގިނައީ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ރަށްރަށެވެ. އެކަމަކު ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ރަށްރަށާއި 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ރަށްތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

މި ހުރިހާ ރަށެއްގެ ތެރެއިން ވެސް ރިސޯޓެއް ތަރައްގީކުރަމުންދާތާ މިހާރު އެންމެ ގިނަ ދުވަސްވެފައިވާ ރަށަކީ މީގެ 21 އަހަރު ކުރިން ސެޕްޓެމްބަރު 9، 2000 ވަނަ އަހަރުގައި ކުއްޔަށް ދިން ޅ. ހުދުފުއްޓެވެ.

ފެށުނީއްސުރެން މައްސަލަތަކުގެ ހިޔަނި އެޅިފައިވާ ރަށެއް

ޅަވިޔަނި އަތޮޅުގެ އިރުމަތީ ފަރާތުގައި އޮޅުވެލިފުއްޓާ އެއް ފަޅެއްގައި އޮންނަ ޅ. ހުދުފުއްޓަކީ 50 ހެކްޓަރުގެ ބޮޑު، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް އެކުލެވިގެންވާ ރަށެކެވެ. މި ރަށް 35 އަހަރަަށް ކުއްޔަށް ދިނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި މަޝްހޫރު ވިޔަފާރިވެރިޔާ މ. ސްނޯރޯސް، މަރުހޫމް އަބްދުލް ރައޫފް (ގިރާވަރު ރައޫފް) އަށެވެ.

ރަށާ ގުޅޭ ބީލަން ކުރިޔަށްގެންދިޔައީ ހުޅުވާލެވިފައިވާ ބީލަމެއްގެ ތެރެއިން ނަމަވެސް ރައޫފްއަކީ މައުމޫންގެ ދަރިކަލެއްގެ ބަފައިބެއަށް ވުމުން މި ރަށް ހަވާލުކުރުމުގައި ކޮރަޕްޝަނާއި ރިޝްވަތުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް އޭރު ތުހުމަތުކުރެވުނެވެ. ނަމަވެސް މިފަދަ އެއްވެސް މައްސަލައެއް ރަސްމީ އިދާރާއަކުން ބަލާފައެއް ނުވެ އެވެ. އޭރު ކަންކަން އޮތް ގޮތުން މިއީ ހައިރާންވާ ކަމެއް ނޫނެވެ.

މި ރިޕޯޓަށް "އަދަދު" ނޫހުން ހަބަރާއި ތަފާތު އެކި މަސްދަރުތަކުން އެއްކުރި ލިޔެކިޔުންތަކުގެ މައްޗަށް ކުރި ދިރާސާއިން ދައްކާ ގޮތުގައި އެއްބަސްވީ ދެ އަހަރުގެ ތެރޭގައި ރިސޯޓުގެ މަސައްކަތް ނިންމުމަށް ފަހު ޖޫން 30، 2002 ގައި ހުޅުވާށެވެ. އެކަމަކު ގިނަ އަހަރުތަކެއް ވަންދެން މި ރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަށް ވަނީ އެނގިފަ އެވެ. އަދި ތަފާތު އެކި ތާރީހުތައް ދިން ނަމަވެސް އަދިއަދަށް ދާން ދެން ވެސް މި ރަށުގެ މަސައްކަތް ނުނިމެ އެވެ.

ހުދުފުއްޓާ ގުޅޭގޮތުން އެންމެ ގިނަ މައުލޫމާތު ލިބެން ހުރީ 2008 ވަނަ އަހަރު އޭރުގެ އޮޑިޓާ ޖެނެރަލް އިބްރާހިމް ނައީމް (މާކުން ނައީމް) ނެރުއްވި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ 2007 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓެވެ. މިއީ އެ ދުވަސްވަރު ނެރުނު އޮޑިޓު ރިޕޯޓުތަކުގެ ތެރެއިން އޭރުގެ ސަރުކާރަށް އެންމެ ގެއްލުން ބޮޑުވި އެއް އޮޑިޓް ރިޕޯޓެވެ.

މި ރިޕޯޓުގައި ޓޫރިޒަމް ވިޔަފާރިވެރިންނަށާއި ސަރުކާރަށް ގެއްލުން ބޮޑު އެތައް ވާހަކަތަކެއް ހިމަނާފައި އޮތެވެ. އަދި ރަށްތައް ހަވާލުކުރުމުގައި ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ ކަމާއި މުޅި ނިޒާމު އޮތީ ކޮރަޕްޝަނަށް ފަހިވާ ގޮތަށް ކަމަށް ތުހުމަތުކޮށްފައި އޮތެވެ. އެ ތުހުމަތުތައް ރައްދުވީ އެއް ރަށަކީ އެހާތަނަށް އަށް އަހަރުވީ އިރުވެސް ނުނިމި އޮތް ހުދުފުށި ރިސޯޓެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި މި ރަށަކީ 400 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ހަވާލުކުރި ރަށެއް ނަމަވެސް ތަރައްގީކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރެވި އޮތް ރަށެކެވެ.

ރަށް ނުނިމުނު ނަމަވެސް 2008 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް ރަށުގެ ބިމު ކުލީގެ ގޮތުގައި 16 މިލިއަން ޑޮލަރު (246.5 މިލިއަން ރުފިޔާ) ސަރުކާރަށް ދައްކާފައިވެ އެވެ. ހުދުފުށީގެ ކުއްޔަކީ އަހަރަކު ދެ މިލިއަން ޑޮލަރެވެ. މިހެންކަމުން ރިސޯޓުގެ މަސައްކަތް ނުނިމުނު ނަމަވެސް ކޮންމެވެސް ވަރަކަށް ކުއްޔާއި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ދައްކާފައިވާކަން އެނގެ އެވެ.

ހުދުފުށީގެ ކުލީގެ ތެރެއިން އެހާތަނަށް ނުދައްކާ ހުރީ 2,269,500 ޑޮލަރެވެ. ނަމަވެސް ކުލި ދައްކަން ޖެހޭ ތާރީހުތަކުގައި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 50,339,226 ޑޮލަރު ޖޫރިމަނާ ވެފައިވެ އެވެ. މި ފައިސާގެ ތެރެއިން 4،021،669 ޑޮލަރު މާފުކޮށްދިނުމަށް ފަހު ވެސް 46،317,557 ޑޮލަރު ދައުލަތަށް ދައްކަން ޖެހިފައި އޮތެވެ.

ހުދުފުށި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނައީމް ލިޔުއްވާފައިވާ ގޮތުގައި މިރަށުގެ މައްސަލަ ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުން ރާއްޖޭގައި އެއްގޮތަކަށް ވެސް ރިސޯޓު އެއްބަސްވުންތައް ތަންފީޒު ނުކުރެވޭ ހާލަތަށް ގޮސްފި އެވެ. އަދި ރިސޯޓުތައް ދޫކުރުމުގައި ކޮރަޕްޝަނާއި، ނުފޫޒާއި ބާރުގެ ބޭނުންކުރުން އަށަގަނެފައިވާ މިންވަރު އިންވެސްޓަރުންނަށް އެނގި، އިތުބާރު ގެއްލިފައިވާ ކަމަށް ބަޔާންކުރައްވާފައިވެ އެވެ.

މިކަންކަމުގެ މައްޗަށް ބިނާކޮށް އޭނާ ލަފާދެއްވީ ގެއްލިފައިވާ އިތުބާރު އަލުން ހޯދަން މިހާރު ރަށް ދެއްވާފައިވާ ފަރާތުން ރަށް ނެގުމަށެވެ. އަދި މި ރަށާ ގުޅޭ އެއްބަސްވުން ތަންފީޒު ނުކޮށް ދޫކޮށްލުމުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް ގެއްލިފައިވާ އާމްދަނީ ގެއްލުނީ ބަޔެއްގެ އިހުމާލުން ކަމަށާއި، އެއީ ކޮންބައެއްގެ އިހުމާލުންތޯ ބަލައި ޖަވާބުދާރީ ކުރުވަން ވެސް ލަފާދެއްވި އެވެ.

އެކަމަކު ރިޕޯޓުގައި ހިމެނި އެއްވެސް ކަމެއް ތަންފީޒުކުރުުމުގެ ބަދަލުގައި ބޮޑެތި ތުހުމަތުތަކެއްކޮށް، ރިޕޯޓު ނެރުނު އަހަރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލިހުން ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ. މި އޮޑިޓު ނެރުނު ފަހުން ނެރުނު ޓޫރިޒަމް މިނިސްޓްރީގެ އަހަރީ ރިޕޯޓުގައި މި ރަށުގެ އެއްބަސްވުން ބާތިލުކުރަން މަދަނީ ކޯޓު (މިހާރު ސިވިލް ކޯޓު) އަށް މައްސަލައެއް ހުށަހެޅި ކަމަށް ބަޔާންކޮށްފައިވެ އެވެ.

ފަހުން އެ މައްސަލަ ދައުލަތުން އެދިގެން އަނބުރާ ގެންގޮސްފައިވާ ކަން ހަބަރުތަކުން އެނގެން އެބަ އޮތެވެ. އަދި މިއަދާ ހަމައަށް ވެސް މި ރަށް އޮތީ ރައޫފްގެ އާއިލީ ކުންފުންޏެއް ކަމުގައި އާރުޕީއައި ޕްރައިވެޓް ލިމިޑެޓްގެ އަތުގަ އެވެ.

އެއްބަސްވުން އާކޮށްދިނީ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރާފައިވަނިކޮށް

ހުދުފުއްޓާ ގުޅޭ އެއްބަސްވުން ބާތިލުކުރަން ދައުލަތުން ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެއީ ޖުލައި 1، 2002 އިން ފެށިގެން ސަރުކާރަށް ދައްކަން ޖެހޭ ކުލި ނުދައްކާތީ ކުރިޔަށް ގެންދިޔަ މައްސަލައެކެވެ. އެކަމަކު ވަކި ހިސާބަކުން ދައުލަތުން އެދިގެން މައްސަލަ ބޭރުކުރުމަށް ފަހު ހުދުފުއްޓާ ގުޅޭ އެއްބަސްވުން އާކޮށްދިނެވެ.

ދުވަހު ނޫސް "ހަވީރު"އިން މާޗު 31، 2011 ގައި ޝާއިއުކޮށްފައިވާ ހަބަރެއްގައިވާ ގޮތުގައި، ހުދުފުށިން ދައްކަން ޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ (85 މިލިއަން ޑޮލަރު) ފަސްކޮށްދިނީ 12 އަހަރަށެވެ.

މިކަން ކުރީ އޭރު ވެރިކަމުގައި އޮތް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން، ޓޫރިޒަމް މިނިސްޓަރަކަށް މަރިޔަމް ޒުލްފާ ހުންނެވި އިރު އެވެ. އެއްބަސްވުން އާކޮށްދިނީ އެހާތަނަށް އެންމެ ބޮޑުކޮށް ދައުލަތަށް ދަރާފައިވަނީ މި ރަށުން ކަމުގައި ހާމަވެފައި ވަނިކޮށް ކަމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވި އެވެ.

ކުލި ދައްކާ މުއްދަތުގެ އިތުރުން ދެ ފިޔަވައްސަކަށް ބަހާލައިގެން ހުދުފުށި ތަރައްގީކުރަން ހަތަރު އަހަރުގެ މުއްދަތެއް ވެސް ދިނެވެ. އަދި މި ހަތަރު އަހަރުގެ ކުލި ވެސް ޓޫރިޒަމް މިނިސްޓްރީން ފަސްކޮށްދީފައިވާ ކަމަށާއި އެ އަހަރުގެ ޖޫން އަދި ޑިސެމްބަރުގައި 750،000 ޑޮލަރުގެ ޕޭމަންޓެއް (ޖުމްލަ 1.5 މިލިއަން ޑޮލަރު) ނުދައްކައިފި ނަމަ އެގްރިމަންޓު ބާތިލުވާނެ ކަމަށް ޝަރުތުކުރި އެވެ.

އެކަމަކު މި ފައިސާ ދެއްކި ކަމެއް ނުވަތަ ނުދައްކާ ކަމެއް ކަށަވަރެއް ނޫނެވެ. މި ރިސޯޓާ ގުޅޭގޮތުން މައުލޫމާތޫ ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން "އަދަދު"ން ހުށަހެޅުމުން ޓޫރިޒަމް މިނިސްޓްރީން ދިން ޖަވާބަކީ "ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައުލޫމާތުތަކަށްވާތީ އެ މައުލޫމާތު ހިއްސާކުރެވޭނެކަމަށް ނުފެންނަ" ކަމަށެވެ.

މި ހަބަރުގައި އެއްބަސްވުން އިތުރުކުރި ކަމަށް ބުނާ ސަބަބު ވެސް އޮތެވެ. އެއީ "ޓޫރިޒަމް މިނިސްޓްރީން ރައޫފާ އެކު ހަދާފައިވާ އެއްބަސްވުން އާކުރީ، ކޯޓު މެދުވެރިކޮށް ވެސް ޓޫރިޒަމް މިނިސްޓްރީ އަށް އެ މައްސަލަ ކާމިޔާބު ވާނެ ކަމަށް ނުފެންނާތީ" އެވެ. ހައިރާންވީ ނުހެދި އޮތް ރިސޯޓެއްގެ މައްސަލައެއްގައި ދައުލަތަށް ކާމިޔާބު ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ސަރުކާރަށް ގަބޫލުކުރެވުނީމަ އެވެ.

އެ ހިސާބުން އުފެދުނު ސުވާލަކީ އެހާތަނަށް 11 އަހަރުވީއިރު ނުހެދި އޮތް ރިސޯޓެއްގެ އެއްބަސްވުން ބާތިލުކުރަން ކޯޓަށް ގޮސްގެން ދައުލަތަށް މައްސަލަ ކާމިޔާބު ނުވާންވީ ކީއްވެހެއްޔެވެ؟

ގާނޫނުން ތަންދޭ، އެކަމަކު ފިޔަވަޅު އެޅުމުގައި ސަރުކާރުތައް ފަހަތު ފަޔަށް

ހުދުފުށި ކުއްޔަށް ދިނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު (2/99)އަށް އަމަލުކުރަން ފެށި ފަހުންނެވެ. މިހެންކަމުން އެއްބަސްވުން އެކުލަވާލަން ޖެހޭނީ އެ ގާނޫނުގައި ބަޔާންކުރާ ކަންކަން ހިމަނައިގެންނެވެ.

އެގޮތުން މި ގާނޫނުގެ "އެގްރީމަންޓު ކުރުމާއި އެގްރީމަންޓުގައި ހިމަނަންޖެހޭ ކަންތައްތައް" މާއްދާގައި ކުއްޔަށް ދޫކުރާ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ބާތިލުކުރެވޭނެ ހާލަތްތަކާއި އެ ހާލަތުގައި އަމަލުކުރަން ޖެހޭ ގޮތް ރިސޯޓުތައް ކުއްޔަށް ދޫކުރަން އެކުލަވާލާ އެއްބަސްވުމެއްގައި ހިމަނަން މަޖުބޫރު ކަންކަމުގެ ތެރޭގައި ބަޔާންކޮށްފައިވެ އެވެ.

މިހެންކަމުން ހުދުފުށި ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ވެސް މި މާއްދާތައް އޮންނަން ވާނެ އެވެ. ބުއްދީގެ ހަމައިން ވިސްނާއިރު ރިސޯޓުގެ ކޮންސްޓްރަކްޝަން މުއްދަތުތަކުގެ ތެރޭގައި ނުނިމި، ރިސޯޓު ހަދަން އެއްވެސް މަސައްކަތެއް ނުކޮށްފި ނަމަ އެއްބަސްވުން ބާތިލުުކޮށް ރަށް އަތުލެވެން ޖެހޭނެ އެވެ. އޭގެ ބަދަލުގައި މި އަޑު އިވެނީ މައްސަލައިގައި ކާމިޔާބު ނުވާނެ ކަމަށް ބުނާ އަޑެވެ.

އެއްބަސްވުންތައް ބާތިލުކުރެވެން އޮތް އިރު އެކަން ނުކުރަނީ ކީއްވެކަމެއް ނޭނގެ އެވެ. އެނގޭ ކަމަކީ މި ރަށް ކުއްޔަށް ދިން ރައީސް މައުމޫން ސަރުކާރާއި އެއްބަސްވުން އާކޮށްދިން ރައީސް ނަޝީދުގެ ސަރުކާރުން ފެށިގެން އެފަހުން ވެރިކަން ކުރި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި މިހާރު ވެރިކަމުގައި އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ރަށް އަތުލުމުގެ ބަދަލުގައި ދީފައި ވަނީ ފުރުސަތުގެ މައްޗަށް ފުރުސަތު ކަމެވެ.

ނުހެދި ހުރި ރަށްރަށާ ގުޅިގެން މި ސަރުކާރުގެ ސީދާ ސިިޔާސަތަކީ ވެސް އެއީ އެވެ. އެކަމަކު ބުނަނީ މިއީ ފަހު ފުރުސަތު ކަމަށެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ފެބްރުއަރީ މަހު ވިދާޅުވީ ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި ހަދާ ނުނިންމައިފިނަމަ އެއްބަސްވުން ބާތިލުކުރެވޭ ގޮތަށް 75 ރިސޯޓެއްގެ އެއްބަސްވުމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

"ކުރިންވެސް ފާހަގަކޮށްފައިވާނެ، ނުހެދި ހުރި ހުރިހާ ރަށެއް އެގްރިމެންޓު ކުރާ ވާހަކަ، ސީދާ ތިން އަހަރުން، ހަދާ ނުނިންމައިފި ނަމަ އޮޓަމެޓިކުން އެގްރިމެންޓު ބާތިލްވާގޮތަށް ލިޔެވި، އެގޮތަށް އެއްބަސްވެ، އެގްރިމެންޓު ކުރެވެމުންދާ ވާހަަކަ"، މިނިސްޓަރު މައުސޫމް އެ ދުވަހު ވިދާޅުވި އެވެ.

މިއީ ކޮން ރަށްތަކެއްތޯ ސާފުކުރަން ޓޫރިޒަމް މިނިސްޓްރީން 2020 އަދި 2021 ގައި އެކުލަވާލި ކަމަށް ބުނާ "ޑިސްޓްރެސްޓް އައިލެންޑް ލިސްޓު" ހިއްސާކުރަން އާރްޓީއައި ހުށަހެޅުމުން މިނިސްޓްރީން ޖަވާބުގައި ފޮނުވީ އެ މިނިސްޓްރީގެ ވެބްސައިޓުން އާންމުކޮށް ފެންނަން އިންނަ "ޑިވަލޮޕިިން އައިލެންޑްސް" ލިސްޓެވެ. މިހެންކަމުން އެއްބަސްވުން އާކުރި ރަށްތަކެއް ނޭނގެ އެވެ. އަދި މިހެން މަސައްކަތް ހުއްޓިފައި ހުރި ރަށްތަކަކީ ކޮން ރަށްތަކެއް ކަމެއް ވެސް ނޭނގެ އެވެ.

ހުދުފުށި ރިސޯޓަކަށް ހެދޭތޯ މަސައްކަތްތަކެއް ކޮށްފައި އެބަހުރި، ދުވަހަކު ހުޅުވިދާނެތަ؟

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ރެކޯޑުތަކުން އިނގޭ ގޮތުގައި ހުދުފުށި ރިސޯޓަކަށް ހަދަން ފުރަތަމަ އީއައިއޭ ހުށަހެޅީ، ރަށް ހަވާލުކުރިތާ 13 އަހަރުފަހުން އޮކްޓޫބަރު 28، 2013 ގަ އެވެ.

އެ ރިޕޯޓުގައި އޮތީ ޖެނުއަރީ 2014 ގައި ފަށާ ގޮތަށް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލާ ގޮތަށް ފާސްކުރި މި އީއައިއޭގައި ވަނީ 27 ގާޑެން ވިލާ އާއި 30 ވޯޓާ ވިލާ އާއި 134 ބީޗް ވިލާ އަޅާނެ ކަމަށެވެ. އަދި 2015 ގައި ރިސޯޓު އޮޕަރޭޝަނަށް ގެނެސް ޓޫރިސްޓުންނަށް ހުޅުވާލާނެ ކަމަށެވެ.

އެ ދުވަސްވަރަކީ ރައޫފްގެ އަނެއް ރިސޯޓު، ގިރާވަރު ހިންގުމާ ތައިލެންޑުގެ ހޮޓެލް ޗެއިން ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ހަވާލުވީ ދުވަސްވަރެވެ. މިހެންވެ ހުދުފުށި ތަރައްގީކޮށް ނިމުމުން އެ ރަށް ވެސް ހިންގާނީ ސެންޓާރާއިން ކަމަށާއި ރަށް ތަރައްގީކުރަން އިންވެސްޓު ކުރާ ކަމަށް ނޫސްތަކުގައި ލިޔެފައި އެބަހުއްޓެވެ. ނަމަވެސް ފެންނަން ހުރި އެއްވެސް ލިޔެކިޔުމަކުން މިކަމަށް ބާރުދޭ ކަމެއް ނުފެނުނެވެ.

އީއައިއޭގައި ބުނާ ގޮތުން މަޝްހޫރުގެ އެދިޔާރަކީ އާރްޕީއައި ޕްރައިވެޓް ލިމިޓެޑެވެ.

މި ކުންފުނީގެ ހިއްސާދާރުންނަކީ ރައޫފްގެ ދެ ދަރިން ކަމުގައިވާ ހުސައިން ޝަހީލް އާއި ފާތުމަތު އަނޫޝާ އެވެ. މި ކުންފުނިން ވަނީ މި ރަށުގެ ހެޑްލީސް ރަހުނެއްގެ ގޮތުގައި ބެހެއްޓުމަށް ފަހު މި ރަށް ތަރައްގީކުރަން ސެޕްޓެމްބަރު 22، 2016 ގައި ބޭންކް އޮފް ސިލޯނުން ދެ މިލިއަން ޑޮލަރު (30.7 މިލިއަން ރުފިޔާ)ގެ ލޯނެއް ވެސް ނަގާފަ އެވެ.

އީއައިއޭއިން ކަށަވަރުވީ އަނެއް ކަމަކީ އީއައިއޭ ފާސްކުރުމާ ހަމައަށް އެ ރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމެވެ. މަޝްރޫއު ކުރިޔަށް ގެންދަން ހުށަހަޅާ ގޮތާ ގުޅިގެން ހުރި މައުލޫމާތުތަކުން އެ ރަށުގައި އެހާތަނަށް އަޅާފައިވާ ޖެޓީއެއް ފިޔަވައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށްފައި ނެތެވެ. އެހެންކަމުން 13 އަހަރު ވަންދެން މި ރަށުގައި އެއްވެއް ކަމެއް ކޮށްފައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ފާސްކުރި ޑިވެލޮޕްމަންޓް ޕްލޭންގައި ހުދުފުށި ތަރައްގީކުރާ ގޮތުގެ ކުރެހުން. ފޮޓޯ: ހުދުފުށި އީއައިއޭ/އާރްޕީއައި ޕްރައިވެޓް ލިމިޓެޑް


ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި މި ރަށް ތަރައްގީކުރަން ކޮންމެވެސް ވަރަކަށް މަސައްކަތްތަކެއް ކޮށްފައި އެބަހުއްޓެވެ. ބައެއް ވޯޓާ ވިލާތަކާއި ގާޑަން ވިލާތަކުގެ މަސައްކަތާއި މުވައްޒަފުން ބައިތިއްބާ ކުއާޓާތަކާއި ރެސްޓޯރަންޓު ފަދަ ތަންތަނުގެ އިމާރާތްކުރުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައި އެބަހުއްޓެވެ. އެކަމަކު އެތަންތަން އަޅާފައި ހުރީ ފާސްކޮށްފައިވާ ކުރެހުމާ އެއްގޮތަކަށް ނޫންކަން ފާހަގަކުރެވެ އެވެ.

ޅ. ހުދުފުށީގެ ސެޓެލައިޓް ފޮޓޮއެއް: ފޮޓޯގެ މަތިން އެފެންނަ މޫދުގައި ހުރި ކޮޓަރިތައް ފާސްކުރި ކުރެހުމުގައި ނެތް. -- ފޮޓޯ: ގޫގުލް އާތް


މިގޮތަށް ރަށުގެ ތަރައްގީގެ ޕްލޭނަށް ބަދަލު ގެންނަނަމަ ޓޫރިޒަމުން ހުއްދަ ހޯދުމަށް ފަހު އެޑެންޑަމްއެއްގެ ގޮތުގައި އީއައިއޭއަށް ބަދަލުގެންނަން ޖެހޭނެ އެވެ. ނަމަވެސް މީގެ އެޑެންޑަމްއެއް އީޕީއޭގެ ރެކޯޑުތަކުން ފެންނާކަށް ނެތެވެ.

ފެންނަން އޮތް ކުރެހުމާ އެންމެ ފަހުގެ ސެޓެލައިޓް އިމޭޖާ އަޅާކިޔާއިރު މި ރިސޯޓުގެ ބޮޑު ބައި މަސައްކަތްތައް ނުވެސް ފަށަ އެވެ. ގިނަ މަސައްކަތްތައް ރަށުގެ ހުޅަނގު ފަރާތުގައި ހުރި ނަމަވެސް ނިމިފައި ހުރި ގިނަ މަސައްކަތް ހުރީ އިރުމަތީ ފަރާތުގަ އެވެ.

މިހާރު ނިމިފައި ހުރި މަސައްކަތުގެ ނިސްބަތުން ރަށް އެއްކޮށް ނިންމަން ބޮޑު އިންވެސްޓްމަންޓެއް ބޭނުންވާކަން ޔަގީނެވެ.

އެކަމަކު މިހާރު ވެސް ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ރަށަކަށް ބޮޑެތި ލުއިތަކެއް ދީގެން ނޫނީ އިންވެސްޓަރަކު ލިބުން ނާދިރެވެ. ހަމައެގޮތަށް، މި ހުރިހާ ފައިސާއެއް މާފުކޮށްދީފިނަމަ އެއީ ގަވާއިދަށް އަމަލުކުރާ އިންވެސްޓަރުންނާއި ވިޔަފާރިތަކަށް ބޮޑު ބޭއިންސާފެއް ކަމުން، އެކަން ވެސް ކުރެވޭކަށް ނެތެވެ.

އަނެއްކާ މިއީ ހުދުފުއްޓަށް އެކަނި ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. މި ރާއްޖޭގައި މިހެން ހުރި ބައިވަރު ރަށްތައް އެބަހުއްޓެވެ. ކުއްޔަށް ނެގި ގޮތަށް އަތްޖައްސާނުލާ ރަށްތައް ވެސް އެބަހުއްޓެވެ. ޓޫރިޒަމަށް މިވީ ބައި ގަރުނުގެ ތެރޭގައި އަދި އެއްވެސް ރަށެއް ނުހެދިގެން އަތުލާފައި ނެތެވެ. އެކަން ކުރި ފަހަރުތަކުގައި ވެސް ކޯޓަށް ގޮސްގެން ބަދަލު ދޭން ޖެހިފައި ނޫނީ ނެތެވެ.

ނުހެދި ރަށްތަކުގެ މައްސަލައިގައި ސާފުވާ އަދި އެހެން ކަމެއް ވެސް އެބައޮތެވެ. މި މައްސަލަތަކުގައި ވިޔަފާރިވެރިޔާ ނޫން މީހެއްގެ މަސްލަހަތެއް ނެތެވެ. މިހެން މިބުނީ ރިސޯޓު ހަދަން ދޫކުރާ ރަށާ ކައިރި ރަށްރަށުގައި ތިބި ރައްޔިތުންގެ ލޮލުގައި ވަޒީފާ އާއި ތަރައްގީގެ އަނދުން އަޅުވާފައި، އެކަން ނުވާ ވިޔަފާރިވެރިޔާއަށް ލުއި ދިނުމުގައި ރައްޔިތެއްގެ މަސްލަހަތެއް ވެސް އަދި ސަރުކާރުގެ މަސްލަހަތެއް ވެސް ނުފެންނާތީ އެވެ.