Advertisement

ބައިޑެން އާއި ސައުދީ ވަލީ އަހުދު ބައްދަލުކުރައްވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން. -- ފޮޓޯ: ޓްރިބިއުން


ބައިޑެން އާއި ސައުދީ ވަލީ އަހުދު ބައްދަލުކުރައްވަނީ

ވޮޝިންޓަން، އެމެރިކާ (ޖޫން 15) - ޖުލައި މަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން މެދުއިރުމައްޗަށް ކުރައްވާ ދަތުރުގައި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވަން ހަމަޖެހިއްޖެ އެވެ.

ބައިޑެން ވެރިކަމަށް ވަޑައިގެންނެވީ ސައުދީ އަރަބިއްޔާއާ މެދު ހަރުކަށި ސިޔާސަތެއް ގެންގުޅޭނެ ކަމުގެ ވައުދާ އެކު އެވެ. ނަމަވެސް ގޭހާއި ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި އެ ސިޔާސަތު ދޫކޮށްލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ބެލެވެ އެވެ.

ޖުލައި 13 އިން 16 އަށް މެދުއިރުމައްޗަށް ކުރައްވާ ދަތުރުގައި ސައުދީ އަރަބިއްޔާގެ އިތުރުން އިޒްރޭލާއި ހުޅަނގު އައްސޭރިއަށް ވެސް ބައިޑެން ވަޑައިގަންނަވާނެ އެވެ. މިއީ ރައީސް ކަމަށް ވަޑައިގެންނެފި ފަހުން މެދުއިރުމައްޗަށް ބައިޑެން ކުރައްވާ ފުރަތަމަ ދަތުރެވެ.

އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ ވަކި ލީޑަރަކާ ގުޅިގެން މަސައްކަތް ކުރުމުން ނަތީޖާ ނެރެވޭ ނަމަ، އެ ލީޑަރަކާ އެކު ބައިޑެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ޔަމަނުގެ ދާހިލީ ހަނގުރާމައިގައި ވަގުތީ ސުލްހައެއް ގެންނަން ވަލީ އަހުދު އަދާކުރެއްވި ދައުރު ފާހަގަކުރެއްވި އެވެ.

ބައިޑެން ސައުދީ އަރަބިއްޔާގައި ހުންނަވާނީ ޖުލައި 15 އަދި 16 ވަނަ ދުވަހު އެވެ. ސައުދީ އަރަބިއްޔާ އިސްކޮށް އުޅޭ އޯޕެކް ގްރޫޕުން ވަނީ ހުޅަނގުގެ އެދުމާ އެއް ގޮތަށް ތެޔޮ އުފެއްދުން އިތުރު ކުރަން ދާދި ފަހުން އެއްބަސްވެފަ އެވެ.

ބައިޑެންގެ ދަތުރުގައި ސައުދީ އަރަބިއްޔާގެ އިތުރުން އިރާގާއި، މިސްރު އަދި އުރުދުންގެ ވެރިންނާ ބައްދަލުކުރައްވާނެ އެވެ. ގަލްފް ކޯޕޮރޭޝަން ކައުންސިލްގެ ނަމުގައި ބާއްވާ ސަމިޓަށް އެމެރިކާއިން ހުށަހެޅި އެޖެންޑާގައި ހިމެނެނީ ސަރަހައްދީ ރައްކާތެރިކަމާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުމާއި، ހަކަތައާ ގުޅޭ މައްސަލަ އެވެ.

ޖުލައި 13 އިން 14 އަށް ބައިޑެން އިޒްރޭލަށް ވަޑައިގެން، އެމެރިކާއިން އެ ގައުމަށް ކުރާ ތާއީދު ހާމަކުރައްވާނެ އެވެ. އެގޮތުން އަސްކަރީ އެހީގެ ގޮތުގައި ފޯރުކޮށްދޭ އެތައް ބިލިއަން ޑޮލަރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާނެ އެވެ. އޭގެ އިތުރުން އިޒްރޭލާއި، އިންޑިއާ އަދި ޔޫއޭއީގެ ވެރިންނާ އެކު ވާޗުއަލް ސަމިޓެއް އޮންނާނެ އެވެ.

އޭގެ ފަހުން ހުޅަނގު އައްސޭރިއަށް ވަޑައިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރައްވާނެ އެވެ. -- ރޮއިޓާޒް --