Advertisement

ވިޕްލައިނާ ހިލާފުވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕީޖީ ލީޑަރު ދެއްވައިފި

14 ޖޫން 2022 - 13:52 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް: ވިޕްލައިނާ ހިލާފުވެއްޖެނަމަ ފިޔަވަޅު އަޅާނެކަމުގެ ދެއްވައިފި - ފޮޓޯ: ހުސައިން ވަހީދު | އަދަދު


ވިޕްލައިނާ ހިލާފުވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕީޖީ ލީޑަރު ދެއްވައިފި

14 ޖޫން 2022 - 13:52 1

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިނާ މެންބަރުން ހިލާފުވެއްޖެނަމަ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ދެއްވައިފި އެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިންތަކާ މެދު ހިތްހަމަނުޖެހޭކަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފަ އެވެ.

ކޮންމެ ފަހަރަކު ވިޕްލައިންއާ އެއްގޮތަށް ވޯޓުލާން ބޭނުން ނުވާ މެންބަރުން ނަން ނޯޓްކުރުމަށް ވެސް ނަޝީދު އެދިވަޑައިގެންނެވި އެވެ. ނަޝީދު އެ ގޮތަށް އެދިވަޑައިގަތުމުން ޖުމްލަ 65 މެމްބަރުން ތިބި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ތެރެއިން 18 މެންބަރަކު ނަން ނޯޓު ކުރެއްވި އެވެ.

ހިތަދޫ އުތުރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަސްލަމް "އަދަދު"އަށް ވިދާޅުވީ ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް ވިޕްލައިނާ ހިލާފުވުމަކީ ވަރަށް ވެސް ހުތުރު އަމަލެއް ކަމަށެވެ.

"ޕާޓީ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީން ނިންމާ ނިންމުންތަކަށް، ވިޕްލައިންތަކަށް އަމަލު ނުކުރަން ނުކުތުމަކީ، ޕާޓީއެއް ތެރޭ މަސައްކަތް ކުރާއިރު ކުރާނެ އެންމެ ހުތުރު އަމަލު އެއީ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ 65 މެންބަރުން ތިބޭ ޕާލިމެންޓްރީ ގްރޫޕްގެ ނިންމުމަކާ އެންމެ 18 މެންބަރުން ދެކޮޅަށް ނުކުތުމަކީ މާ ބޮޑަށް އޭގެ އަސަރު ކުރާނެ ކަމެއް ނޫން ކަމަށެވެ.

"ހިލާފުވާނެ ކަމަށް ބުނެފައި ހިލާފުވެއްޖެނަމަ ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ،" އަސްލަމް ވިދާޅުވި އެވެ.

މިގޮތުން ވިޕްލައިނާ ހިލާފުުނުވާން މެންބަރުންނަށް ނަސޭހަތް ދިނުމާއި، ޕާޓީތަކުގެ މަގާމުތަކަށް ކުރިމަތިނުލެވޭ ގޮތަށް ވަކި މުއްދަތަކަށް ސަސްޕެންޑް ކުރުން އަދި ފަހު ފިޔަވަޅެއްގެ ގޮތުގައި ޕާޓީން ވަކިކުރުން ވެސް ހިމެނެ އެވެ. އަޅާނެ ފިޔަވަޅެއް ނިންމާނީ އެ މައްސަލައެއް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ވިޕްލައިނާ ހިލާފުވެގެން މެންބަރުން ވަކިކޮށްފައިވެ އެވެ. ނަމަވެސް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބި، މި މަޖިލީހަށް ފަހު އެފަދަ ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އެމްޑީޕީގައި މިހާރު ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި ނަޝީދުގެ ފެކްޝަނެވެ. ދެ ލީޑަރުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުއިރު، ދެ ލީޑަރުން ވެސް ތިއްބެވީ ރިޔާސީ އިންތިހާބަށް ނުކުންނެވުމަށް ނިންމަވައިގެނެވެ.