Advertisement

ދަރަނި ރީސްޓްރަކްޗާކުރަން ގަރާރު ހުށަހަޅަން އެމްޑީޕީ ޕީޖީގެ ތާއީދެއް ނުލިބުނު

14 ޖޫން 2022 - 13:14 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބް: އިލްޔާސް ހުށަހެޅުއްވި ގަރާރެއް އެމްޑީޕީ ޕީޖީ ގްރޫޕުން ބޭރުކޮށްލި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު


ދަރަނި ރީސްޓްރަކްޗާކުރަން ގަރާރު ހުށަހަޅަން އެމްޑީޕީ ޕީޖީގެ ތާއީދެއް ނުލިބުނު

14 ޖޫން 2022 - 13:14 0

ދަރަނި ރީސްޓްރަކްޗާ ކުރުމަށް ބޭނުންވާ ކަންކަން ތަރުތީބު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ގަރާރެއް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ފޮނުވުމުން އެ ގަރާރު ހުށަހަޅަން ތާއީދު ނުކުރަން ގިނަ މެންބަރުން ވޯޓު ދެއްވައިފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި އިއްޔެ ބޭއްވި ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި އެ ކަމަށް ވަނީ ވޯޓަށް އަހައިފަ އެވެ. އަދި އެ ގަރާރު ބޭރުކޮށްލަން ޕާލިމެންޓްރީ ގްރޫޕުން ފާސްވި ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި އެމްޑީޕީން ނެރޭ ވިޕްލައިންތަކާ މެދު ނުރުހުން ފާޅުކުރައްވައިފަ އެވެ. އަަދި ވިޕްލައިންތަކާ ހިލާފުވާން ބޭނުންވާ މެންބަރުން އެމަނިކުފާނު ވަނީ ނަން ނޯޓުކުރައްވައިފަ އެވެ.

އެނގިފައިވާ ގޮތުގައި، ނަޝީދާއި އެމަނިކުފާނުގެ އަރިސް ބައެއް މެންބަރުން ރޭ ނުރުހުން ފާޅުކުރެއްވީ އިލްޔާސް ހުށަހެޅުއްވި އެ ގަރާރު މަޖިލީހަށް ހުށަހަޅަން ތާއީދު ނުކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ނިންމުމުންނެވެ.

އިލްޔާސް ހުށަހެޅުއްވި ގަރާރުގައިވަނީ 2012 އިން 2018 އަށް އޭރު އޮތް ސަރުކާރުން ނެގި ގިނަ ދަރަނިތައް 2022 ވަނަ އަހަރު އަދި 2023 ވަނަ އަހަރު ދައްކަން އޮތްއިރު، 2022 ވަނަ އަހަރު ފާސްކުރި ބަޖެޓްގައި ޖުމުލަ ދަރަނި 91 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންވެ ދަރަނި ރީސްޓްރަކްޗާ ކުރުން މުހިންމު ކަމަށާއި އެ ކަމަށް ބޭނުންވާ ކަންކަން ތަރުތީބުކޮށް އިންތިޒާމުކޮށް އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދަރަނީގެ ކަންކަމާ ގުޅިގެން އިއްޔެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހާޒިރު ވެސް ކޮށްފައިވެ އެވެ. ދަރަނި ރީސްޓްރަކްޗާ ކުރަން މިނިސްޓަރު ދެކޮޅެވެ. އޭނާ ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރަން އުޅެފިނަމަ ބައިނަލް އަގްވާމީ ޑެޓް މާކެޓަށް ފެންނާނީ ރާއްޖެ ބަނގުރޫޓުވާން އުޅޭހެން ކަމަށެވެ. އަދި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.