Advertisement

މެލޭޝިއާ ޓުއާ ރިވައިވަލް އަށް ކާމިޔާބު: ކުރިއަށް އިތުރު ޕްލޭންތަކެއް

14 ޖޫން 2022 - 11:51 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ރިވައިވަލް އިން އެ ޓީމުގެ ހައި ޕާފޯމަންސް ޓީމު މެލޭޝިއާގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ޓުއާ ކާމިޔާބު ކަމަށް އެ ޓީމުގެ ކޯޗު ނަޝްފާން ބުނެފައިވޭ.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު


މެލޭޝިއާ ޓުއާ ރިވައިވަލް އަށް ކާމިޔާބު: ކުރިއަށް އިތުރު ޕްލޭންތަކެއް

14 ޖޫން 2022 - 11:51 0

ރާއްޖޭގައި ޕްރޮފެޝަނަލް ވިސްނުމެއްގައި އެތުލީޓުންތަކެއް ބެޑްމިންޓަންގެ ތެރެއިން ކުރިއަށްދިއުމާއި ބައިނަލްއަގުވާމީ ފުރުސަތުތައް ފަހިކޮށްދިނުމުގައި ރިވައިވަލް ސްޕޯޓްސް ކްލަބުން މި ވަނީ އާ ހަރުފަތެއް ގިރާކޮށްފަ އެވެ. ބެޑްމިންޓަނުން ކުރިއަރާފައިވާ މެލޭޝިއާ އަށް ހަތް ދުވަހެއްގެ ޓުއާއެއް ދިއުމަށް ފަހު، އެ ގައުމުގެ މަތީ ފެންވަރުގެ ޓީމުތަކާ ދެކޮޅަށް ގިނަ މެޗުތަކެއް ކުޅެ، މުހިންމު ތަޖުރިބާތަކެއް ރިވައިވަލް އިން ހާސިލްކުރި އެވެ. އެއީ ކާމިޔާބީގެ ވިސްނުން ޓީމާއި އިންޑިވިޖުއަލް ކުޅުންތެރިންގެ ގައިގައި ބޮޑަށް އަށަގެންނެވުމުގެ ބޭނުމުގައި ރިވައިވަލް އިން ކުރިއަށް އެޅި ފިޔަވަޅެކެވެ.

މި ހުރިހާ ވިސްނުމަކުން ބެއްޔަސް ރިވައިވަލްގެ މެލޭޝިއާ ޓުއާ ފެނުނީ ކާމިޔާބު ކޮށެވެ.

މި މަހު ފަސް ވަނަ ދުވަހު ރިވައިވަލް އިން މެލޭޝިއާ ޓުއާ އަށް ފުރިއިރު، ޓީމުގައި ހިމެނެނީ ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ އަހުމަދު ތޯއިފް، ޒަޔާން ޒަކީގެ އިތުރުން ގައުމީ ޓީމަށް މީގެ ކުރިން ކުޅެފައިވާ ރިޝްވާން ޝިޔާމްގެ އަދި އަރަމުން އަންނަ ބެޑްމިންޓަން ކުޅުންތެރިޔާ، ހައިޝަމް އިބްރާހިމް އެވެ. ރިވައިވަލްގެ ކޯޗަކީ ބައިނަލްއަގުވާމީ އަދި ގައުމީ ލެވަލްގައި ގިނަ އަހަރުތަކެއް ކުޅެފައިވާ، ނަޝްފާން މުހައްމަދު އެވެ. ޓްރެއިނިން ޓުއާގައި އޭނާ ވެސް ބައިވެރިވެ އެވެ.

ޓްރެއިނިން ކޭމްޕްގެ ފުރަތަމަ ދެ ދުވަހު ރިވައިވަލް އިން ވަނީ މެލޭޝިއާގެ ނިއު ވިޝަން އެކެޑަމީއާ ދެކޮޅަށް މެޗުތަކެއް ކުޅެފަ އެވެ. މިއަދު ކުޅުނު މެޗުތަކަށް ބަލާއިރު، ރިވައިވަލް އިން ވަނީ އަށް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފަ އެވެ. ޒަޔާން ދެ މެޗުން މޮޅުވިިއިރު، ތޯއިފާއި ހައިޝަމް ވެސް ވަނީ މެޗަކުން މޮޅުވެފަ އެވެ. މޮރިޝަސް ގައުމީ ޓީމުގެ ދެ ކުުޅުންތެރިން ވެސް މެލޭޝިއާގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރަމުން އެބަދެ އެވެ. އެންމެ ފަހުން، 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރިހި މެޑަލް ހޯދި ޖީން ބެނާޑް ބޮންގޯއާ ދެކޮޅަށް ރާއްޖޭގެ ރިޝްވާން ރަނގަޅު ކުޅުމެއް ދެއްކިއިރު، ސެޓުތައް ނިމުނީ 21-18، 21-16 އިންނެވެ. މޮރިޝަސްގެ ހަތަރު ވަނަ، ތޭޖްރަޖް ޕުލްޓޫއާ ވާދަކޮށް ރާއްޖޭގެ ޒަޔާން މޮޅުވީ 21-07، 21-09 އިންނެވެ.

ރިވައިވަލްގެ ކޯޗު ނަޝްފާން، ޓުއާ އަށް ފަހު "އަދަދު" އަށް ބުނީ ފުރަތަމަ ދުވަސްތަކުގައި ނިއު ވިޝަންއާ އެކު ކުޅުނުއިރު، ކުޅުންތެރިންގެ އިތުބާރު ބޮޑުވި ކަމަށާއި އެއީ "ޓޮޕް" ޓީމުތައް ކައިރީގައި ވެސް ޕާފޯމްކުރަން ހިތްވަރު ލިބުމުން ކަމަށެވެ.

"ހަ ޓީމާ އެކު މެޗުތައް މި ކުޅުނީ، މީގެއިން ކޮންމެ މެޗަކީ ވެސް އިންޓަނޭޝަނަލް ތަޖުރިބާ، މީގެއިން ކުޅުންތެރިން ދަސްކުރި ކަންކަން ވަރަށް ވެސް ގިނަ،" ނަޝްފާން ބުންޏެވެ.

ރިވައިވަލްގެ ކުޅުންތެރިންނާ އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިލައިގެން.


ރިވައިވަލް އިން ޓުއާގެ ދެ ވަނަ މެޗުގައި ވަނީ ވޯލްޓްރެކްސް އެކެޑަމީއާ ދެކޮޅަށް ކުޅެ، މޮޅުވެފަ އެވެ. ވޯލްޓްރެކްސްއާ ދެކޮޅަށް ރިވައިވަލްގެ ޒަޔާން ސިންގަލްސް ދެ މެޗުން މޮޅުވިއިރު، ރިޝްވާން އާއި ހައިޝަމް ވެސް ވަނީ ދެ ސިންގަލްސް މެޗުން މޮޅުވެފަ އެވެ. ޑަބަލްސް އަށް ބަލާއިރު، ރިޝްވާން އާއި ހައިޝަމް ވަނީ މޮޅުވެފަ އެވެ. ރިވައިވަލް ބަލިވީ ތޯއިފްގެ ސިންގަލްސް އަކާއި ޒަޔާން އާއި ތޯއިފްގެ ޑަބަލްސް އިންނެވެ.

ޖުމްލަ އެކު ޓުއާގައި ކުޅުނު ހަ މެޗުން ރިވައިވަލް ވަނީ 25 އަށް ވުރެ ގިނަ މެޗުން މޮޅުވެފަ އެވެ. ނަޝްފާން ބުނީ މެޗުތަކުން މޮޅުވުމުގެ އެންމެ ބޮޑު ބަޔަކީ ކޮންފިޑެންސް މައްޗަށް ހިއްލާލައި، ކުޅުންތެރިޔާ އަމިއްލަ ހުނަރު ޑިވެލޮޕްކުރަން ދެން ކުރަން ޖެހޭ ކަންކަން ދެނެގަތުން ކަމަށެވެ.

"މިސާލަކަށް ބަލަމާ މި ޓީމުގައި އިންޓަނޭޝަނަލް މެޗުތައް (މުބާރާތެއްގެ މެޗުތައް) އެންމެ މަދުން ކުޅެފައި އެ ހުރީ ރިޝްވާން އާއި ހައިޝަމް. އެ ދެ މީހުން ވެސް އެ ހުރީ ހަމަ ރަނގަޅު މެޗުތަކެއް ވިން ކޮށްފައި، އަސްލު އޭގެއިން އެ ބުނެދެނީ، މި ކަހަލަ އިންޓަނޭޝަނަލް ޓުއާގެ ބޭނުން. އެ ފަދަ ކުޅުންތެރިން ޑިވެލޮޕްވާން މި ދެވެނީ މެޗުތަކެއްގެ ސިފައިގައި ފުރުސަތުތަކެއް،" ނަޝްފާން ބުންޏެވެ.

މި ޓްރެއިނިން ޓުއާ އަކީ ރިވައިވަލް އިން މި އަހަރު ބައިވެރިވާން ނިންމާފައިވާ ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ޓުއާ އެކެވެ. އަދި އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރިވައިވަލް އިން ގައުމީ ޓީމަށް ދާނެ ކުޅުންތެރިން ގިނަ ކުރުމަކީ ވެސް އެ ޓީމުގެ އަމާޒެވެ.

ރިވައިވަލް އިން ހަގީގަތުގައި އެންމެ ފުރަތަމަ ގެންގުުޅުނު ވިސްނުމަކީ ފުރަތަމަ ޓުއާ އިންޑިއާ އަށް ދިއުމަށެވެ. އެކަމަކު، ހާލަތާއި ހުރި ފުރުސަތުތަކަށް ބަލާފައި ނިންމީ މެލޭޝިއާ އިން ފެށުމަށެވެ. ޓްރެއިނިން ޓުއާ ނިންމާލާފައި އައިއިރު، ހުރި ލެވަލަށް ބަލާއިރު ރިވައިވަލްގެ މި ނިންމުން ރަނގަޅު ކަމަށް ނަޝްފާނަށް ވެސް ގަބޫލުކުރެވެ އެވެ.

"މި ޓުއާ އިން ލިބުނު ކާމިޔާބީއާ އެކު ދެން ވިސްނަންވީ މި އަށް ވުރެ ރަނގަޅަށް ކުރިއަށްދާން. މުބާރާތްތަކާ ދިމާ ނުވަންޏާ އިންޑިއާ އަށް ވެސް ޓުއާ އަކަށް ދާންވީ،" ނަޝްފާން ބުންޏެވެ.

ރިވައިވަލް އިން ވަނީ މި ޓުއާގައި އެ ޓީމަށް އެހީތެރިވި ހުރިހާ ފަރާތަކަށް ޝުކުރު އަދާކޮށްފަ އެވެ.