Advertisement

ރައީސްގެ ރިޔާސީ ކެންޑިޑެސީއަށް މާރީޔާ ތާއީދު ކުރައްވައިފި

14 ޖޫން 2022 - 11:26 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ - ފޮޓޯ: ރައީސް އޮފީސް


ރައީސްގެ ރިޔާސީ ކެންޑިޑެސީއަށް މާރީޔާ ތާއީދު ކުރައްވައިފި

14 ޖޫން 2022 - 11:26 0

ދެހާސްތޭވީސްވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑެސީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދިނުމަށް ތާއީދު ކުރައްވާކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ހާމަ ކުރައްވައިފި އެވެ.

އަންނަ އޮގަސްޓް މަހު ބާއްވާ ކޮންގްރެސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ މެދު ގޮތެއް ނިންމުން އޮންނާނެ ކަން، އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އަދި ރިޔާސީ ކެންޑިޑެސީގެ ޝައުގު އެމަނިކުފާނު އޮތް ކަން ފުރަތަމަ ފަހަރަށް ފާޅުގައި ވިދާޅުވި އެވެ.

މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ވެރިކަމަށް ވަޑައިގަތް ދުވަހުން ފެށިގެން އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ލިބުނު ފުރުސަތުގައި އެނގިވަޑައިގަންނެވި ކަމަކީ ރައީސްއަކީ "ޓީމް ލީޑަރެއް" ކަން ކަމަށެވެ.

"މަޑުމައިތިރި، ހުޅުވިފައިވާ ސިކުނޑިއަކުން އަބަދުވެސް ހިޔާލުތައް އަޑުއަހާ، އެކަމަކު އެ ހާލަތަކަށް ފެތޭ ނިންމުމެއް ނިންމަން ވެސް ކުރޭ، އަޅުގަނޑު ތާއީދު ކުރަން އެމަނިކުފާނަށް، އަދި 2023 އަށް އެމަނިކުފާނުގެ ރިޔާސީ ކެންޑިޑެސީއަށް ވެސް ތާއީދު ކުރަން ނިންމައިފިން،" މާރިޔާ ލިޔުއްވާފައިވެ އެވެ.

އެމްޑީޕީގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. ރައީސް ސޯލިހްގެ އިތުރަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ ރިޔާސީ ރޭހަށް ނުކުންނަވާ ގޮތަށެވެ.

އެމްޑީޕީގެ އެ ދެ ލީޑަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އިތުރުވެފައިވާއިރު، ނަޝީދު ބޭނުންފުޅުވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ފަހު އެމަނިކުފާނު ބޮޑުވަޒީރަކަށް ވުމަށެވެ. އެކަން ނުވާނަމަ 30 ޕަސެންޓު ވޯޓުން ރާއްޖޭގެ ރައީސްކަމަށް އާދެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށާއި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުކުންނަވަން ނަޝީދު ބޭނުންފުޅުވެ އެވެ.

30 ޕަސެންޓުގެ އިސްލާހަށް ރައީސްގެ ތާއީދު ނެތް އިރު، ރައީސް ވެސް ގަބޫލު ކުރައްވަނީ އެމްޑީޕީ އެކަނި ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް މިހާރު އުފައްދާފައި އޮތް ކޯލިޝަނާއެކު އެމަނިކުފާނު ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް ނިންމާނީ ކޮންގްރެސްގައި ކަމަށް ވެސް ވިދާޅުވި އެވެ.