Advertisement

ނިކަމެތި ކުއްޖެއްގެ ބެލެނިވެރިކަމުގެ ޒިންމާ ވ. އަތޮޅު ކައުންސިލުން ނަގައި މިސާލެއް

14 ޖޫން 2022 - 11:37 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ވ. އަތޮޅު ކައުންސިލްގެ ރައީސް, ޖެންޑާ މިނިސްޓަރާއެކު: އެ ކައުންސިލުން ވަނީ ބޮޑު މިސާލެއް ދައްކާފައި


ނިކަމެތި ކުއްޖެއްގެ ބެލެނިވެރިކަމުގެ ޒިންމާ ވ. އަތޮޅު ކައުންސިލުން ނަގައި މިސާލެއް

14 ޖޫން 2022 - 11:37 0

"އެ ކުއްޖާގެ ބެލެނިވެރިއެއްގެ ހުރިހާ ޒިންމާއެއް ނަގާނީ އަޅުގަނޑު!," ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ, މުޅި ރާއްޖެއަށް ވެސް ވަރުގަދަ މިސާލެއް ދެއްކެވުމަށް ނިންމެވި މުހިންމު ނިންމެވުމަކީ މިއީ އެވެ.

އެތައް ބައިވަރު ކައުންސިލްތަކެއްގެ ރައީސުން އެއްވެ ތިބި މާލަމެއް ކަމަށްވާ އއ. އުކުޅަހުގެ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ޝުޖާއު އިއުލާން ކުރެއްވި ގޮތުގައި, ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ވ. ފެލިދޫއަށް ނިސްބަތްވާ ކުއްޖެއްގެ ބެލެނިވެރިކަމުގެ ޒިންމާ އެ ކައުންސިލުން ނެގުމަށް ވަނީ ނިންމާފަ އެވެ.

އެ ނިންމުމާމެދު ޖެންޑާ މިނިސްޓަރު އައިޝާ ދީދީ ވެސް ވަނީ ތައުރީފު ކުރައްވައި, ކައުންސިލްތަކުން އިޖުތިމާއީ ކަންކަމުގައި ޝާމިލުވެ, މުޖުތަމައު ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. ކައުންސިލްތަކަށް އާ ގާނޫނުގެ ދަށުން މާލީ ބާރުވެރިކަން ދިނުމާއެކު, އެއަށްވުރެ ބޮޑަށް އިޖުތިމާއީ ޒިންމާ ކައުންސިލްތަކާ ވަނީ ހަވާލުކޮށްފަ އެވެ.

"އިގުތިސޯދީ ގޮތުން ބާރުވެރިވުމާއެކު އިޖުތިމާއީ ފޯކަސް ދޫކޮށްލައިގެން ނުވާނެ, އެހެން ނޫންނަމަ މުޖުތަމައުގެ ތެރޭ ނިކަމެތި މީހާ ހަމަ ވާނީ ނިކަމެތި, އަޅާނުލެވި ދާނީ, ބޮޑު ރޯލެއް ކައުންސިލްތަކަށް އެބަ އޮވޭ އިޖުތިމާއީ ކަންކަމާ ގުޅޭ ގޮތުން," ވ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ވ. އަތޮޅު ކައުންސިލުން ޒިންމާ ނަގަން ނިންމާފައިވަނީ މިހާރު ދައުލަތުން ކުޑަކުދިން ގެންގުޅޭ މަރުކަޒެއްގައި ހުރި ފެލިދޫއަށް ނިސްބަތްވާ ކުއްޖެއްގެ އެވެ. އޭނާއަކީ 2014 ވަނަ އަހަރު, "އާންމު އުނދަގުލަކަށް"ވެގެން ކަމަށް ބުނެ ދައުލަތަށް ނެގި ކުއްޖެކެވެ. ކުއްޖާގެ މަންމައަކީ ފެލިދޫގައި ދިރިއުޅޭ އެ އަތޮޅު އެހެން ރަށެއްގެ ނިކަމެތި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ.

އެ މަންމަގެ ޅަ އުމުރުގެ ހަޔާތް ވޭތުވީ ހަމަނުޖެހުންތައް ބޮޑު އާއިލާއެއްގެ ތެރޭގަ އެވެ. ކުއްޖާގެ ބައްޕައަކީ ފެލިދޫ މީހެއް ނަމަވެސް, ވަޒީފާގައި އުޅެނީ ރިސޯޓެއްގަ އެވެ. މާބޮޑު ތައުލީމެއް ލިބިފައި ނެތްއިރު, އޭނާގެ އާއިލާއަކީ ވެސް މައްސަލަތައް ބޮޑު އާއިލާއެކެވެ. އަދި, ހެޔޮ ގޮތުގައި ދަރިން ބޮޑު ކުރެވިދާނެ ކަމުގެ އިތުބާރެއް, އޭނާއަށް ނޯވެ އެވެ.

އޭނާގެ ބައްޕަގެ މުސްކުޅި ގޯއްޗެއްގައި އަނބިމީހާ އުޅެމުން ދަނީ ހަގު ދެ ދަރިން ގޮވައިގެންނެވެ. ފުދުންތެރިކަމެއް ނެތް ނިކަމެތި ދިރިއުޅުމެއްގަ އެވެ. އެހެންވެ, ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖާ އަނެއްކާވެސް ގެނެސް އެ މާހައުލުގެ ތެރެއަށް ދޫކޮށްލަން ވ. އަތޮޅު ކައުންސިލުން ބޭނުން ނުވަނީ އެވެ.

"...މައިންބަފައިން ކައިރިއަށް އަނެއްކާ އޭނާ ދޫކޮށްލާއިރު މި ވަނީ ވަރަށް ބޮޑު ރިސްކަކަށް, އޭނާއަށް 18 އަހަރު ވަނީ ކަމަށް ބުނެ އެގޮތަށް އޭނާ އާއިލާއާ ހަވާލުކޮށް ދޫކޮށްލެވޭކަށް ނެތް, އޭނާ އެ އަންނަނީ މިހާރު އެ ހުރި ތަނަށްވުރެ ދަށް ފަންތީގެ ތަނަކަށް," ޝުޖާއު ވިދާޅުވި އެވެ.

"އެެހެންވެ ކޮންމެ ވެސް ބަޔަކު އޭނާއާ ހަވާލުވާން އެބަ ޖެހެއޭ,"

ޝުޖާއު ވިދާޅުވި ގޮތުގައި, ގާނޫނީ ގޮތުން ކުއްޖާގެ ބެލެނިވެރިޔާއަކަށް ވާނީ އެ ކުއްޖާގެ ބައްޕަ އެވެ. އެކަމަކު, ބައްޕަގެ ރުހުމާއެކު ބެލެނިވެރިކަމުގެ ހުރިހާ ޒިންމާއެއް އުފުލާނީ ކައުންސިލްގެ ރައީސް އެވެ. އަދި, މާލީ ގޮތުން ޒިންމާތައް އުފުލާނީ އަތޮޅު ކައުންސިލުންނެެވެ.

"މި މަގާމުގަ ތިބެންޔާ ޖެހޭނީ އެ ޒިންމާ ބޮޑަށް ނަގަން, ކައުންސިލްތަކަށް އެކަން ލާޒިމްވޭ, އަމިއްލަ ގޮތުން ވެސް އެކަމަށް އަޅުގަނޑު ޝައުގުވެރިކަން އެބަހުރި. އަތޮޅު ކައުންސިލުން ކުއްޖާ ބަލަހައްޓާނެ, އަޅުގަނޑު އޭނާގެ ބެލެނިވެރިޔާގެ ހުރިހާ ޒިންމާއެއް ނަގާނެ," ޝުޖާއު އަލީ ވިދާޅުވި އެވެ.

ކުއްޖާ އަލުން ފެލިދޫއަށް ގެނެސް, އެ ކުއްޖާއަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އަތޮޅު ކައުންސިލްގެ އެންމެ ބޮޑު އަޒުމެވެ; އެގޮތުން, އޭނާއަށް ސްޓެލްކޯއިން ވަޒީފާއެއް ހަމަޖެއްސުމަށް މަޝްވަރާތައް އަންނަނީ ކުރަމުންނެވެ. އަދި, ކުއްޖާއަށް ކޮންމެ ވެސް މަސައްކަތެއްގެ ތަމްރީނު ވެސް ދޭނެ އެވެ.

"އަބުރުވެރިކަމާއެކު އޭނާގެ މަންމަ އާއި ދެ ކޮއްކޮ ގޮވައިގެން އުޅެވި, މީހަކަށްވާ ކަލަހަ މީހަކަށް ހަދަން މި މަސައްކަތް ކުރަނީ," ޝުޖާއު ވިދާޅުވި އެވެ.

ވަޒީފާގެ އިތުރުން ކުއްޖާގެ ބޯހިޔާވަހިކަމަކީ ވެސް އަތޮޅު ކައުންސިލުން އިސްކަންދޭ ކަމެކެވެ. މިހާރު ކުއްޖާގެ މަންމަ ދިރިއުޅެމުންދާ ގެއަކީ އެއްގޮތަކަަށް ވެސް ކުއްޖާއަށް އެކަށީގެންވާ މާހައުލެއް ނޫނެވެ. އެ ގެއަކީ, ކުއްޖާގެ ކާފަގެ ގެއަށްވުމުން, ކާފަ ނިޔާވެފައިވާތީ ގެ އޮތީ ބަހަން ޖެހިފަ އެވެ. ނަމަވެސް, އެކަން އެ އާއިލާއިން ނުކޮށް އޮތުމުން ކައުންސިލުން އިސް ނަގައިގެން އާއިލާގެ މީހުންނާ ވަނީ ވާހަކަ ދައްކާފަ އެވެ.

އަދި, ކައުންސިލުން ހަދާފައިވާ އިޖުތިމާއީ ކަންކަމާ ބެހޭ ޔުނިޓުން ވަނީ ވާރިސުން ސާބިތުކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މިހާރު އެ މައްސަލަ ކޯޓުން ނިންމައި, ބިން ވަނީ އައްޔަންކޮށްފަ އެވެ. އެމީހެއްގެ ބިން ކަނޑައެޅި އެނގުމާއެކު, ކައުންސިލުން މިހާރު މަސައްކަތް ކުރަނީ ކުއްޖާގެ ބައްޕައަށް ލިބުނު ބިމުގައި ގެދޮރު އެޅުމަށެވެ.

އެގޮތުން, ސަރުކާރުގެ ކުންފުންޏެއް ނޫނީ އަމިއްލަ ކުންފުންޏެއް ނުވަތަ ހެޔޮއެދޭ ފަރާތެއްގެ އެހީއާއެކު ގެދޮރު އެޅުމަށް އަތޮޅު ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވި ގޮތުގައި, ފެލިދޫން ދެން އެ ކުއްޖާއަށް މަރުހަބާ ކިޔާނީ, އެންމެ އެކަށޭނެ މާހައުލަކުންނެވެ.

ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު


އެކަމަށްޓަކައި, އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮތީ އެ ކުއްޖާ ނެރެ ބޭރުކޮށްލި މުޖުތަމައު, އެ ކުއްޖާ އަލުން ބަލައިގަތުމަށް ހިތްވަރުދިނުމެވެ. އޭރު އެ ކުއްޖާއަށް މުޖުތަމައުން ޖާގަ ނުލިބުނީ "އާންމު އުނދަގުލަކަށްވެ" ކުއްޖާގެ ކަންކަން ބަލައިގަންނަން އުނދަގޫވުމުންނެވެ. އެކަމަކު, މިހާރު މަސައްކަތް ކުރަމުން ދަނީ އެ ވިސްނުން ބަދަލުކުރުވާށެވެ.

"...އަސްލު މަސައްކަތް ދެން އޮތީ, ޒިންމާ ނަގަން ތިބި ބަޔަކަށް ޒިންމާ ވެސް ނެގިދާނެ, ފައިނޭންޝަލީ ވެސް އެހީ ވެވިދާނެ, އެކަމަކު ކޮމިއުނިޓީން އޭނާ ގަބޫލު ކުރުވުން އެއީ އެންމެ ބޮޑު ޗެލެންޖަކީ," ޝުޖާއު ވިދާޅުވި އެވެ.

"އޭނާއަކީ މި ރަށު މީހެއްކަން, މިތަނަށް އަންނާނެކަން, މީހެއްގެ ވިއްޔާ ގޮތެއް ހުންނާނެކަން, އެބަހުރިކަން ކޮންމެ ވެސް ކަހަލަ ގޮތެއް, އެކަމަކާއެކު އޭނާ ގެންގުޅެންޖެހޭކަން, އޭތި ގަބޫލުކުރުވަދޭން މި ޖެހެނީ, އެ ޕްރޮސެސް މިހާރު މިނިސްޓްރީއާއެކު ފަށައިގެން މި ކުރިއަށް ދަނީ,"

ޝުޖާއު ވިދާޅުވި ގޮތުގައި, އެކަން އެންމެ ހިތްހަމަޖެހޭ މިންވަރަށް ކުރިއަށް ނުދިޔަސް, އުއްމީދު އެބަ އޮތް ކަމަށެވެ. މިކަލަހަ މައްސަލަތަކާ ގުޅޭ ގޮތުން ގިނަ މީހުން ފާޅުކޮށް ވާހަކަ ދައްކަން ފަސްޖެހޭ ކަމާއި އެ ވިސްނުން ބަދަލުކުރަން ޖެހޭކަން ޝުޖާއު ފާހަގަކުރައްވަ އެވެ.

"ރަށުގެ ހުރިހާ މީހުންނަށް ވެސް އޭނާ ކިޔައިދޭން އެބަ ޖެހޭ, އަވަށްޓެރި ރަށުގެ މީހުންނަށް ވެސް އެބަ ކިޔައިދޭން ޖެހޭ, އެއީ ޗެލެންޖެއް," ޝުޖާއު ވިދާޅުވި އެވެ. "މިނިސްޓްރީގެ ވާހަކަތަކުން އެނގޭ ގޮތުގައި ކުއްޖާގެ އުޅުމަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައި,"

"...މީހުން ތިބީ އޭނާއާމެދު ކަންތައް ކުރެވުނު ގޮތުން ދެރަވެފައި, އެ ގިލްޓްގަ ތިބީ, މުޅި ކޮމިއުނިޓީ ވެސް އެބަ ބޭނުންވޭ މިހާރު މިކަމުގެ ތެރޭގަ އުޅެން, ރަށު ކައުންސިލުން ވެސް މިކަމުގައި އެބަ ބައިވެރިވޭ އެއްބާރުލުން ލިބޭ,"

ޝުޖާއު ވިދާޅުވި ގޮތުގައި އެ ކައުންސިލުން ޕްރޮޕޯސްކުރަނީ މުޅި އާއިލާ އެކީ ދައުލަތަށް ނެގުމަށެވެ. އެއީ އެ އާއިލާގެ އެހެން ކުދިން ވެސް ދެން ދާނީ ބަލަހައްޓަން ޖެހޭ ހާލަތަކަށް ކަމަށްވާތީ, މިހާރުންސުރެ އެ ކުދިންނާއެކު މުޅި އާއިލާ ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.

"...ހިނގާށޭ އެއްކޮށް ބަލަން, އެއްކޮށް ނަގައިގެން އެންމެން އެއްކޮށް ގެންގުޅެން," ޝުޖާއު އަލީ ވިދާޅުވި އެވެ.