Advertisement

އެފްއޭއެމް ނޯތު ލީގުގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ

14 ޖޫން 2022 - 00:29 0

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި އެމްޓީސީސީގެ ސީއީއޯ އާޒިމް ސަލާމްކުރަނީ.--- ފޮޓޯ: އެފްއޭއެމް


އެފްއޭއެމް ނޯތު ލީގުގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ

14 ޖޫން 2022 - 00:29 0

އެފްއޭއެމުން މުޅި ރާއްޖެ އަށް ފުޅާކޮށް 2023-2024 ގައި ދިވެހި ޕްރިމިއާ ލީގު ބާއްވަން ކުރާ މަސައްކަތުގައި، ރާއްޖެ ހަތަރު ލީގަކަށް ބެހޭއިރު، އެންމެ އަވަހަށް ފަށަން ހަމަޖެހިފައިވާ ނޯތު ލީގުގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަމަަޖައްސައިފި އެވެ.

މިއަދު ބޭއްވި ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ރައީސް ބައްސާމް އަދީލް ޖަލީލް ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާއިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގަށެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި އެމްޓީސީސީގެ ސީއީއޯ އާޒިމް ސަލާމްކުރަނީ.--- ފޮޓޯ: އެފްއޭއެމް


ފޯމެޓަށް އަންނަ އެންމެ ބޮޑު ބަދަލަކީ މީގެއިން ކޮންމެ ޒޯނެއްގައި (އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން) ތިން ޑިވިޝަނެއް ކުރިއަށް ގެންދިއުމެވެ. ތިން ޑިވިޝަނަށް ޓީމުތައް ހޮވުމުގައި އެންމެ ފުރަތަމަ ބޭއްވިގެންދާނީ ރަށު ފެންވަރުގައި ބޭއްވޭ "އޯޕަން ޑިވިޝަން" އެކެވެ. އޯޕަން ޑިވިޝަނުގެ ބޭނުމަކީ ކޮންމެ ރަށެއްގައި ވެސް އޮންނަ ކޮންމެ ޓީމަކަށް (ކޮންމެ ޖަމިއްޔާ އަކަށް) ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. ފުރަތަމަ މުބާރާތުގައި ރަށަކުން ޒޯން ޑިވިޝަނަށް ދާނީ އޯޕަން ޑިވިޝަނަށް ފަހު ރަށަކުން އެއް ޓީމެވެ.

ދިވެހި ޕްރިމިއާ ލީގު 2023/2024 ވަނަ އަހަރު ފަށާއިރު އޮންނާނީ މި ވަގުތު ވެސް ޕްރިމިއާ ލީގުގައި އޮތް އަށް ޓީމުގެ އިތުރުން ހަތަރު ޒޯން ލީގުގެ ޗެމްޕިއަނުންނެވެ. މީގެ ތެރެއިން މާލެ ލީގުގެ ޗެމްޕިއަން ގޮތުގައި 2023/2024 ވަނަ އަހަރުގެ ލީގަށް ކަނޑައަޅާނީ 2022 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުން ކަމަށް ވަނީ ނިންމައިފަ އެވެ. ދެން އޮތް ތިން ޖާގަ ލިބޭނީ ޒޯން ލީގު ޗެމްޕިއަނުންނަށެވެ.

ފޯމެޓް ފުރަތަމަ ރޭވިފައި އޮތްގޮތުން ކޮންމެ ރަށަކުން ބައިވެރިވެވޭނީ އެއް ޓީމަކަށެވެ. އެއް ރަށުން އެއް ޓީމަކަށް ވުރެ ގިނަ ޓީމު ބައިވެރިވާނަމަ، އެ ރަށެއް ތަމްސީލްކުރާނެ ޓީމެއް ހޮވަން ޖެހޭނީ އޯޕަން ރައުންޑެއް ކުޅޭށެވެ. އެ ގޮތުން އޯޕަން ރައުންޑް ކުޅެގެން ބައެއް ޓީމުތައް ވަނީ އެ ސަރަަހައްދެއްގެ ލީގާ ދިމާލަން މިސްރާބު ޖަހައިފަ އެވެ. އޯޕަން ރައުންޑް ކުޅެގެން މޮޅުވި ޓީމުތަކުގެ ތެރޭގައި ކްލަބް އޭދަފުށްޓާއި ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕާއި ލ. ގަމު ތިއްތި ސްޕޯޓްސް ކްލަބް ހިމެނެ އެވެ.

އެފްއޭއެމުން މިހާރު ރާވާފައި އަންނަ ބުރާސްފަތި ދުވަހު ނޯތު ލީގުގެ ޑިވިޝަން ދޭއްގެ ގްރޫޕް އޭގެ މެޗުތައް ފަށަން ނިންމައިފަ އެވެ. ދިއްދޫ އާއި ހަނިމާދޫގައި މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، ވާދަކުރާ ރަށްތަކަކީ ނެއްލައިދޫ، އިހަވަންދޫ، ދިއްދޫ، ހަނިމާދޫ އަދި ކުޅުދުއްފުށްޓެވެ.