Advertisement

ޝަމީމް ވަކިކުރަން ހުށަހަޅަން އަލީ ނިޔާޒުގެ ތާއިދެއް ނެތް

13 ޖޫން 2022 - 20:39 0

ނާޒިމް ހަސަން

ނާޒިމް ހަސަން

އަލީ ނިޔާޒު, ރައީސް ސޯލިހާއެކު: ޝަމީމް ވަކިކުރަން ހުށަހަޅަން އަލީ ނިޔާޒުގެ ތާއިދެއް ނެތް - ފޮޓޯ: ނިޝާން އަލީ, މިހާރު


ޝަމީމް ވަކިކުރަން ހުށަހަޅަން އަލީ ނިޔާޒުގެ ތާއިދެއް ނެތް

13 ޖޫން 2022 - 20:39 0

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގައި މިއަދު ނެގި ވޯޓްގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ދެކޮޅަށް ވޯޓު ދެއްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޮ އަލީ ނިޔާޒު, ޝަމީމް މައްސަލަ ހުށަހަޅަން ނުފެންނަ ކަމަށް ވޯޓު ދެއްވިއިރު, އެފަދަ މައްސަލައެއް ޕާލިމެންޓްރީ ގްރޫޕަށް ހުށަހަޅާފައިވާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި, އެފަދަ ކަމަކާ ގުޅޭ ގޮތުން އެމަނިކުފާނާ މަޝްވަރާ ކުރައްވާފައިނުވާކަން ވެސް ވަނީ ހާމަކުރައްވާފަ އެވެ.

ނަމަވެސް, އަލީ ނިޔާޒުގެ މިއަދުގެ ވޯޓް ގުޅިފައިވަނީ އެ ސަބަބާ ކަމެއް ސާފެއް ނޫނެވެ. މިކަމާ ގުޅޭ ގޮތުން އޭނާ ވަކި އެއްޗެއް ވިދާޅުވާން ބޭނުމެއް ނުވި އެވެ.

މިއަދު މެންދުރު 12:30 ގައި ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ފާސްވީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެމްޑީޕީގެ ކަންކަން ދެ ފެކްޝަނެއްގެ ތެރޭ ކުރިއަށްދާ މި ދުވަސްވަރު, ޝަމީމްގެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ އެތަނުން ކޮން ފެކްޝަނަކުން ކަމެއް އަދި ސާފެއް ނުވެ އެވެ. ރައީސް ސޯލިހުގެ އަރިސް ބޭފުޅެއް ކަމަށްވާ އަލީ ނިޔާޒު, ޝަމީމްގެ މައްސަލަ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވާފައިވާއިރު, އެމްޑީޕީގެ ރައީސް ނަޝީދު ވަނީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ނިންމުންތަކާ ހިތްހަމަނުޖެހޭކަން މިއަދު ހާމަކުރައްވާފަ އެވެ.

އެގޮތުން, ލިމެންޓްރީ ގްރޫޕުން ކަންކަން ނިންމަމުންދާ ގޮތާއި, ކޮންމެ ފަހަރަކު ވިޕްލައިންއާ އެއްގޮތަށް ވޯޓުލާން ބޭނުން ނުވާ ކަމަށް ނަޝީދާއެކު 18 މެންބަރަކު އެއްބަސްވެ އިއުލާން މިއަދު ވަނީ ކުރައްވާފަ އެވެ.

ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް އެންމެ ފުރަތަމަ ހުށަހެޅީ މީގެ ދެ ހަފުތާ ކުރިން ބޭއްވި ޕީޖީ ބައްދަލުވުމަކަށެވެ. ނަމަވެސް, އެ ދުވަހު އެކަން އެޖެންޑާނުކޮށް ދެން ބާއްވާ ބައްދަލުވުމެއްގައި އޭގައި މަޝްވަރާކުރަން ނިންމި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް ރެއަށް ވެސް ތާވަލުކުރި އެވެ. ނަމަވެސް, އެ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ނުބޭއްވެ އެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި ޕީޖީ ގުރޫޕަށް ހުށަހެޅިފައިވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެޖެންޑާކޮށްފައިވެ އެވެ.

ޕީޖީ ޝަމީމްއާ ގުޅޭ ގޮތުން މެންބަރުންގެ ހިތްހަމަނުޖެހުން އޮތް ސަބަބެއް އަދި މުޅީން ސާފެއް ނުވެ އެވެ. ނަމަވެސް, އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައެއް މައްސަލަތަކާއި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރުން ލަސްވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވެ އެވެ.