Advertisement

ޝަމީމް ވަކިކުރުމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީން ނިންމައިފި

13 ޖޫން 2022 - 12:48 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް


ޝަމީމް ވަކިކުރުމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީން ނިންމައިފި

13 ޖޫން 2022 - 12:48 0

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނިންމައިފި އެވެ.

މިއަދު މެންދުރު 12:30 ގައި ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި އެ ގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް އެންމެ ފުރަތަމަ ހުށަހެޅީ މީގެ ދެ ހަފުތާ ކުރިން ބޭއްވި ޕީޖީ ބައްދަލުވުމަކަށެވެ. ނަމަވެސް, އެ ދުވަހު އެކަން އެޖެންޑާނުކޮށް ދެން ބާއްވާ ބައްދަލުވުމެއްގައި އޭގައި މަޝްވަރާކުރަން ނިންމި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް ރެއަށް ވެސް ތާވަލުކުރި އެވެ. ނަމަވެސް, އެ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ނުބޭއްވެ އެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި ޕީޖީ ގުރޫޕަށް ހުށަހެޅިފައިވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެޖެންޑާކޮށްފައިވެ އެވެ.

ޕީޖީ ޝަމީމްއާ ގުޅޭ ގޮތުން މެންބަރުންގެ ހިތްހަމަނުޖެހުން އޮތް ސަބަބެއް އަދި މުޅީން ސާފެއް ނުވެ އެވެ. ނަމަވެސް, އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައެއް މައްސަލަތަކާއި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރުން ލަސްވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވެ އެވެ.

ނަމަވެސް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީޖީ ގްރޫޕްގައި އޮތް ކަމެއް އެނގިވަޑައިނުގަންނަވާ ކަމާއި އެފަދަ މަޝްވަރާއެއް ވެސް އެމަނިކުފާނާ ކުރައްވާފައިނުވާ ކަމަށެވެ.