Advertisement

ޝަމީމް ވަކިކުރުމުގެ މައްސަލަ ކުރިއަށް، އެމްޑީޕީ ޕީޖީ ބައްދަލުވުމެއް މިއަދު

13 ޖޫން 2022 - 12:25 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ޝަމީމް: އޭނާގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން އަންނަނީ ވިދާޅުވަމުން


ޝަމީމް ވަކިކުރުމުގެ މައްސަލަ ކުރިއަށް، އެމްޑީޕީ ޕީޖީ ބައްދަލުވުމެއް މިއަދު

13 ޖޫން 2022 - 12:25 1

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާމެދު އެމްޑީޕީގެ ޕީޖީ ގްރޫޕްގައި މަޝްވަރާކުރުމަށް އެޖެންޑާކޮށްފި އެވެ.

ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް އެންމެ ފުރަތަމަ ހުށަހެޅީ މީގެ ދެ ހަފުތާ ކުރިން ބޭއްވި ޕީޖީ ބައްދަލުވުމަކަށެވެ. ނަމަވެސް, އެ ދުވަހު އެކަން އެޖެންޑާނުކޮށް ދެން ބާއްވާ ބައްދަލުވުމެއްގައި އޭގައި މަޝްވަރާކުރަން ނިންމި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް ރެއަށް ވެސް ތާވަލުކުރި އެވެ. ނަމަވެސް, އެ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ނުބޭއްވެ އެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި ޕީޖީ ގުރޫޕަށް ހުށަހެޅިފައިވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެޖެންޑާކޮށްފައިވެ އެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވި ގޮތުގައި ޕީޖީ ގުރޫޕަށް މިވަގުތު ހުށަހަޅާފައިވާ މައްސަލައަކީ ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެވެ. އެ އެޖެންޑާއާއެކު, މިއަދު މެންދުރު 12:30 ގައި ވެސް ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ޕީޖީ ޝަމީމްއާ ގުޅޭ ގޮތުން މެންބަރުންގެ ހިތްހަމަނުޖެހުން އޮތް ސަބަބެއް އަދި މުޅީން ސާފެއް ނުވެ އެވެ. ނަމަވެސް, އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައެއް މައްސަލަތަކާއި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރުން ލަސްވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވެ އެވެ.

ނަމަވެސް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީޖީ ގްރޫޕްގައި އޮތް ކަމެއް އެނގިވަޑައިނުގަންނަވާ ކަމާއި އެފަދަ މަޝްވަރާއެއް ވެސް އެމަނިކުފާނާ ކުރައްވާފައިނުވާ ކަމަށެވެ.