Advertisement

ނޭޝަންސް ލީގު: ޕޯޗުގަލް ބަލިވިއިރު، ސްޕެއިން އެއް ވަނަ އަށް

13 ޖޫން 2022 - 02:30 0

ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ ސޮލެއާ (ކ) އާއި މޮރާޓާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ނޭޝަންސް ލީގު: ޕޯޗުގަލް ބަލިވިއިރު، ސްޕެއިން އެއް ވަނަ އަށް

13 ޖޫން 2022 - 02:30 0

މެޑްރިޑް (ޖޫން 13) - ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ސްވިޒަލެންޑް އަތުން 1-0 އިން ޕޯޗުގަލް ބަލިވިއިރު، ޗެކް ރިޕަބްލިކް އަތުން 2-0 އިން މޮޅުވެ، ސްޕެއިން ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އެކެއްގެ ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައިވާއިރު، ގްރޫޕް ބީގެ އެއް ވަނައިގައި ސްޕެއިން އޮތީ އަށް ޕޮއިންޓާ އެކު އެެވެ. ދެ ވަނައިގައި އޮތް ޕޯޗުގަލް އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޗެކް ރިޕަބްލިކްގެ އޮތީ ހަތަރު ޕޮއިންޓެވެ. މިރޭގެ މޮޅާ އެކު ފުލުގައި އޮތް ސްވިޒަލެންޑަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ސްވިޒަލެންޑްގެ ޖެނީވާގައި މިރޭ ކުޅުނު މެޗު ފަށައިގެން 57 ސިކުންތު ތެރޭގައި ސްވިޒަލެންޑުން ލީޑުނެގި އެވެ. މިއީ ސިލްވައިން ވިލްޑްމާ ނެގި ހުރަހަކުން އޭރިއާތެރެއިން ހަރިސް ސެފެރޯވިޗް ބޮލުން ޖެހި ގޯލެކެވެ. މިއީ 2018 ވަނަ އަހަރު މުޅިން އަލަށް ފެށި ޔުއެފާ ނޭޝަންސް ލީގުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި، ކުޅެމުންދިޔަ ޕޯޗުގަލް އިން މިރޭގެ މެޗުގައި ލަނޑު ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކީޕަރު، ޖޮނަސް އޮމްލިން ހުރި ސްވިޒަލެންޑް ގޯލަށް ބޯޅައެއް ވައްދާލެވޭގޮތެއް ނުވި އެވެ. އެ ގޮތުން ޕޯޗުގަލްގެ ބެނާޑޯ ސިލްވާ އާއި ޑަނީލޯ ފޮނުވާލި ބޯޅަތައް ކީޕަރު އޮމްލިން މަތަކުރި އެވެ. ސްވިޒަލެންޑުން މި ފަހަރުގެ ނޭޝަންސް ލީގުގައި ފުރަތަމަ މޮޅު ހޯދިއިރު، މިއީ 2022 ވަނަ އަހަރު ޕޯޗުގަލްގެ ފުރަތަމަ ނާކާމިޔާބީ އެވެ.

ސްވިޒަލެންޑްގެ ސެފެރޯވިޗް މެޗުގެ 57 ވަނަ ސިކުންތުގައި ޕޯޗުގަލް ކޮޅަށް ގޯލު ޖަހަނީ: ސެފެރޯވިޗް ކުޅެމުން އަންނަނީ ޕޯޗުގަލްގެ ބެންފީކާ އަށް.--- ފޮޓޯ: އޭއެފްޕީ


އަމިއްލަ ދަނޑުގައި ކުޅުނު ސްޕެއިނުން ވަނީ 24 ވަނަ މިނިޓްގައި ކާލޯސް ސޮލެއާ ޖެހި ގޯލުން ލީޑުނަަގައިފަ އެވެ. މިއީ ކޯކޭ މަތިން އޭރިއާތެރެއަށް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު މާކޯ އަސެންސިއޯ ހުސްކޮށްލާފައި ދިން ފުރުސަތަކުން ސޮލެއާ ޖެހި ގޯލެކެވެ. ސްޕެއިނުން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ 75 ވަނަ މިނިޓްގައި ފެރާން ޓޮރޭޒް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ޕަބްލޯ ސަރާބިއާ ވައްދާލި ގޯލުންނެވެ.

ސްޕެއިން މި މެޗުން މޮޅުވުމުގެ ކްރެޑިޓް އެ ޓީމުގެ ގޯލު ބެލެހެއްޓި ކީޕަރު އުނާއި ސިމޯން އަށް ހައްގުވެ އެވެ. އެ ގޮތުން ޗެކް ރިޕަބްލިކްގެ ވަސްލާފް ޗާރްނީ އާއި ޖޭން ކުޗްޓާ ޖެހި ބޯޅަތައް ކީޕަރު ސިމޯން ވަނީ މަތަކޮށްފަ އެވެ.

ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނުގައި މިރޭ ނޯވޭ އިން ވަނީ 3-2 އިން ސްވިޑެން ބަލިކޮށްފަ އެވެ. މި މެޗުގައި ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވަނީ ދެ ގޯލު ޖެހުމުގެ އިތުރުން އެ ޓީމުގެ އަނެއް ގޯލު ޖެހި އަލެކްސަންޑާ ސޯލޯތަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ސްވިޑެންގެ ގޯލުތައް ޖެހީ އެމީލް ފޯސްބާގް އާއި ވިކްޓޯ ގްޔޯކޭރޭސް އެވެ.