Advertisement

ކީރިތި ރަސޫލާގެ ދިފާއުގައި ޕީޕީއެމުން ބޮޑު ޖަލްސާއެއް ބާއްވަނީ

12 ޖޫން 2022 - 15:18 3

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ފޮޓޯ: ޕީޕީއެމް


ކީރިތި ރަސޫލާގެ ދިފާއުގައި ޕީޕީއެމުން ބޮޑު ޖަލްސާއެއް ބާއްވަނީ

12 ޖޫން 2022 - 15:18 3

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާ އަދި ކީރިތި ގުރުއާނަށް ފުރައްސާރަކުރި މައްސަލާގައި ކީރިތި ރަސޫލާގެ ދިފާއުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ ބުރާސަފަތި ދުވަހުގެ ރޭ 08:30 ގަ އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ހާއްސަ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ނަބިއްޔާއަށް ފުރައްސާރަ ކުރުން ފަދަ ކަންކަމަކީ ލުއިކޮށް ނެގޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި މިކަން ފަސޭހައިން ދޫކޮށްނުލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖެއަކީ މުސްލިމު ގައުމެއް، މުސްލިމް ދައުލަތެއް، މިކަމާ ގުޅިގެން ދިވެހި ދައުލަތުން، ދިވެހިރާއްޖެއިން، ފިޔަވަޅު އަޅަމުން ގެންދިޔައީ ނުވަތަ އެޅުނު ފިޔަވަޅަކީ މިކަމާ އެއްވަރަށް އަޅަން ޖެހޭ ފިޔަވަޅެއް ކަމުގައި އަޅުގަނޑުމެން ނުދެކެން،" ޝަހީމް ވިދާޅުވި އެވެ.

ހަމައެހެންމެ މި މައްސަލަ ކުށްވެރިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މައްސަލަ ބޭރުކޮށްލިކަން ވެސް ޝަހީމް ފާހަގަކުރެއްވި އެވެ. އަދި، މަޖިލީހުން މިކަމާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޝަހީމް ވަނީ މާލެ އާއި މާލެ ކައިރި ރަށްތަކުގެ ރައްޔިތުން ޕީޕީއެމްގެ ޖަލްސާގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.

އިންޑިއާގެ ޓީވީ ޗެނަލެއްގައި ދެއްކި ޕްރޮގްރާމެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވަނީ ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސްޕާސަން ނުޕުރް ޝަރުމާ އާއި ނިއުދިއްލީގައި ހުނަން ބީޖޭޕީ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރެވެ. އެމީހުން ދެއްކި ވާހަކަތައް ހޫނުވެ, އިސްލާމީ ގައުމުތަކުގައި އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެގޮތުން، އިއްޔެ ހަވީރު ގިނަ އަދަދެއްގެ ދިވެހިން ވެސް ވަނީ ކީރިތި ރަސޫލާގެ ދިފާއުގައި އަޑުއުފުލައި ހާއްސަ ސައިކަލު ބުރެއް ބާއްވާފަ އެވެ. މި ސައިކަލު ބުރުގައި ވަނީ އެ އަމަލު ކުށްވެރިކޮށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.