Advertisement

ގަވީ މަޑުކުރާނެ ކަމަށް ބާސެލޯނާ އިން ހާމަކުރިޔަސް، ޑި ޔޯން އަށް ޔަގީންކަމެއް ނުދިން

12 ޖޫން 2022 - 13:02 0

ބާސެލޯނާގެ މެޗެއްގެ ތެރެއިން ގަވީ އާއި ޑި ޔޯން.-- ފޮޓޯ: އޭއެފްޕީ


ގަވީ މަޑުކުރާނެ ކަމަށް ބާސެލޯނާ އިން ހާމަކުރިޔަސް، ޑި ޔޯން އަށް ޔަގީންކަމެއް ނުދިން

12 ޖޫން 2022 - 13:02 0

ބާސެލޯނާ (ޖޫން 12) - ބާސެލޯނާ އިން އެ ޓީމުގެ ޒުވާން ތަރި ގަވީ މަޑުކުރަން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށް ހާމަކުރި ނަމަވެސް ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން އެ ޓީމުގައި ދެމިހުންނާނެ ކަމުގެ ޔަގީންދޭން ދެކޮޅު ހަދައިފި އެވެ.

އަންނަ ސީޒަނުގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓްގައި ހުރި ގަވީ، 17، އަށް އާ އެއްބަސްވުމެއް ދޭން ބާސެލޯނާ އިން ކުރަމުން އަންނަ މަޝްވަރާތައް ވަނީ ދިގުލައިފަ އެވެ. ބާސެލޯނާގެ މާލީ ހާލަތު ގޯސްވެފައިވާއިރު، ބޮޑު އަގުގައި ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގައި، ޑި ޔޯން، 25، ހިމެނޭ ކަމަށް އިނގިރޭސި މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

ގަވީ އަށް ބާސެލޯނާ އިން ހަތަރު އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅަން ނިންމާފައިވާއިރު، ގަވީ ބޭނުންވަނީ އެ ޑީލުގައި މުސާރައިގެ އުސޫލު އޭނާ ބޭނުންވާ ގޮތަށް ހިމަނާށެވެ. އެއީ ފުރަތަމަ އަހަރު ހަތަރު މިލިއަން ޔޫރޯގެ މުސާރައެއް ލިބޭ ގޮތަށާއި ދެން އޮތް ތިން އަހަރު، ކޮންމެ ފަހަރަކު އެއް މިލިއަން އިތުރުވާ ގޮތަށް ހިމެނުމަށާއި ހަތަރު ވަނަ އަހަރުތެރޭ އާ ކޮންޓްރެކްޓެއް ހުށަހަޅާނަމަ ފަށާ މުސާރަ 10 މިލިއަން ޔޫރޯ އަށް ހެދުމަށެވެ.

މި ޑީލާ މެދު ބާސެލޯނާ އިން މަޝްވަރާ ކުރަމުން އަންނައިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލުން މި ވަގުތު ވެސް އޮތީ ގަވީ އަށް އަހަރަކު ނުވަ މިިލިއަން ޔޫރޯ ދޭ ގޮތަށް ކޮންޓްރެކްޓް ދޭން ތައްޔާރަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ގަވީއާ ބެހޭގޮތުން ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވީ އެ ޓީމުގައި ގަވީ މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. ޑި ޔޯންގެ މުސްތަގުބަލާ ބެހޭގޮތުން ސުވާލުކުރުމުން ލަޕޯޓާ ސީދާ ޖަވާބެއް ނުދެއްވާ ވިދާޅުވީ ސްކޮޑު އަންނަ ސީޒަނަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބާސެލޯނާ އިން ޑި ޔޯން ވިއްކާލަން ކިޔާ އަގު އުޅެނީ 100 މިލިއަން ޔޫރޯގަ އެެވެ.

ޑި ޔޯން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. ޔުނައިޓެޑާ ހަވާލުވެ ހުރީ ޑި ޔޯން އަށް އަޔަކްސްގައި ކޯޗުކޮށްދިން ކޯޗު އެރިކް ޓެން ހާގް އެވެ. ޔުނައިޓެޑުން ވަނީ ބާސެލޯނާ އިން ކިޔާ އަގު، 100 މިލިއަން ޔޫރޯ ދީފައި ޑި ޔޯން ނުގަންނާނެ ކަމަށް ބުނެފަ އެވެ. އޭގެ ބަދަލުގައި، ޓެން ހާގް އަންނަނީ ޑި ޔޯންއާ މަޝްވަރާ ކޮށްގެން މި ޑީލް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން މަސައްކަތް ކުރަމުންނެވެ.

ނެދަލެންޑްސާއި ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ޑި ޔޯންގެ ވިސްނުމަކީ ބާސެލޯނާގައި މަޑުކުރުމެވެ. ބާސެލޯނާ ދޫކޮށްލަން ޑި ޔޯން ނިންމައިފިނަމަ އޭނާގެ ސޮއި ހޯދުމުގެ ރޭހުގައި މެންޗެސްޓާ ސިޓީން ވެސް ބައިވެރިވާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.