Advertisement

ވާގޮތް: ކުޑަކުދިން އިނގިލި ބޯ ސަބަބުތަކާއި ހުއްޓުވާނެ ގޮތް

11 ޖޫން 2022 - 15:04 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކުޑަކުއްޖަކު އިނގިލިބޮނީ، ކުޑަކުދިން އިނގިލިބުއިމަކީ ހުއްޓުވިދާނެ ކަމެއް


ވާގޮތް: ކުޑަކުދިން އިނގިލި ބޯ ސަބަބުތަކާއި ހުއްޓުވާނެ ގޮތް

11 ޖޫން 2022 - 15:04 1

ކުޑައިރު އިނގިލިބޯ ބައެއް ކުދިން ފުރާވަރަށް އަރާ އިރު ވެސް އެ އާދަ ނުހުއްޓެ އެވެ. ބައެއް ކުދިން ބޮޑެތިމީހުންނަށް ވަންދެން ވެސް އެ އާދަ ދެމި އޮވެ އެވެ. މައިންބަފައިންނަށް އެއީ އުނދަގޫ އިހުސާސެކެވެ. ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ނުނެގިޔަސް، އެއީ ހުއްޓުވަން ބޭނުންވާ ކަމެކެވެ.

ސަބަބުތައް

އަނގަޔަށް އެއްޗެހިލުމާއި އެގޮތަށް އަނގަޔަށް ލެވޭ އެއްޗިހި ބުއިމަކީ ކުޑަ އިރު ހުރިހާ ކުދިންގެ ވެސް ހުންނާނެ ކަމެކެވެ. އިނގިލި އަނގަޔަށް ލަނީ އެގޮތުންނެވެ. އިނގިލި ބުއިމަކީ ކުއްޖާއަށް ރައްކާތެރިކަން އިހުސާސްކުރުވާ ކަމެކެވެ. އެކަމަކު ތުއްތު އިރުގެ އެ ތަބީއީ އާދައިން ބައެއް ކުދިން ނަގުލުވަނީ އެތައް އަހަރަކަށް ދެމިގެންދާ އާދައަކަށެވެ. ގިނަ ފަހަރަށް އެކަން ކުރާނީ ހަމެޖެހުމަށާއި ނިދުމަށް ފަސޭހައަށް ކުރާ ކަމެެއްގެ ގޮތުގައެވެ.

އިނގިލިބުއިމުގެ އާދަ ދަމަހައްޓަނީ ކިހާ ދުވަހަކަށް؟

އެންމެ ތުއްތު އިރު އިނގިލިބޯން ފަށާ ކުދިން އާއްމު ގޮތެއްގައި އުމުރުން ހަތަރު މަހާއި ހަތަރު އަހަރާ ދޭތެރޭގެ އުމުރެއްގައި އެކަން ހުއްޓައިލަ އެވެ. އެކަމަކު އިނގިލި ބުއިން ހުއްޓައިލުމަށް ފަހުގައި ވެސް ހާސްކަން ކުރިމަތިވެއްޖެ ނަމަ އަލުން އިނގިލިބޯން ފެށުމަކީ އެކަށީގެންވާ ކަމެކެވެ.

ހުރަސް އަޅަންވީ ކިހާ ހިސާބަކުން؟

ކުއްޖާގެ ދާއިމީ ދަތްތައް ފަޅަން ފެށުމުގެ ކުރީގައި އިނގިލި ބުއިމުގެ އާދަޔާ މެދު އަަހެރެމެންނަނަށް މާބޮޑަށް ވިސްނައިނުލެވި ތިބެވެ އެވެ. އެހިސާބުން އެކަމާ ކަންބޮޑުވާ ސަބަބަކީ މަތީ ދަތްޕިލަޔާއި ހިރުގަނޑަށް އެކަމުން އަސަަރުކުރާތީ އެވެ. ކުއްޖާގެ ދަތުގެ ސިއްހަތަަށް މިކަމުން އަސަރުކާ މިންވަރު ގުޅިފައި ވަނީ އިނގިލި ބޮނީ ކިހާ އަވަސް އަވަހަކަށް ކަމާއި އެކަމަށް ހޭދަވާ މުއްދަތުގެ މައްޗަށެވެ.

އުމުރުން ތިން އަހަރުވުމުން އިނގިލިބުއިން ހުއްޓުވަން މަސައްކަތްކުރަން ބައެއް މާހިރުން ލަފާދެ އެވެ. އެހެން ނަމަވެސް އެމރިކަން އެކަޑަމީ އޮފް ޕިޑިއެޓްރިކްސް އިން ލަފާދެނީ އިނގިލިބުއިން ހުއްޓުވުމުގެ މަސައްކަތް އުމުރުން ފަަސް އަހަރުވުމުން ފެށުމަށެވެ.

އިނގިލި ބުއިން ހުއްޓައިލަން ބާރުއަޅާނީ ކިހިނެތް؟

އިނގިލިބުއިން ހުއްޓައިލުމާ ބެހޭ ގޮތުން ދަރިފުޅާ ވާހަކަދައްކާށެވެ. އޭނާއަށް އެކަން ވިސްނައިދެވި، އެކަމަށް ބޭނުންކުރާނެ ގޮތްތައް ގަބޫލުކުުރުމަކީ އެންމެ ފަސޭހައިން ހުއްޓޭނެ ގޮތެވެ. ބައެއް ފަހަރަށް، އޭނާ އިނގިލިބޯ ވަގުތު އެކަމަށް ސަމާލުކަން ނުދިނުމަކީ ވެސް ހުއްޓުވުމަށް ފުދޭނެ ކަމެކެވެ. އެހެނީ ކުއްޖާ ބައެއް ފަހަރު އިނގިލިބޮނީ ސަމާލުކަން ހޯދަން ކަމަށް ވާތީ އެވެ. އެގޮތަށް ހުއްޓައިނުލާ ނަމަ ތިރީގައި މިވާ ގޮތްތަކުން ގޮތެއް ބޭނުންކުރާށެވެ.

ހެޔޮގޮތުގައި ބާރުއެޅުން

އިނގިލި ނުބޮއި ހުންނަ ވަގުތު އެކަމަށް ތައުރީފު ކުރާށެވެ. އަދި ބައެއް ފަހަަރު ކުދިކުދި އިނާމުވެސް ދެވިދާނެ އެވެ. އިނގިލި ބުއިން ހުއްޓައިލުމުގެ މުހިއްމުކަމާ މެދު ދަތުގެ ޑޮކްޓަރު ވާހަކަކޮޅެއް ދައްކައިލުމަކީ މައިންބަފައިން އެކަމާ ވާހަކަ ދެއްކުމަށް ވުރެ މާ ފަސޭހަ ގޮތެކެވެ.

އިނގިލީގައި ހިތިރަހަލާ އެއްޗެއް ހޭކުމާއި ބެންޑޭޖް އެޅުން ކަހަލަ ގޮތްތަކަށް ވުރެ މިގޮތް ރަނގަޅުވާނެ އެވެ.

ޓްރިގާ ވަނީ ކޮންކަމަކުންތޯ ބަލާ

ކުއްޖާ އިނގިލި ބޯން ފަށަން "ޓްރިގާ" އަކަށް ވަނީ ކޮންކޮން ކަންތައްތަކެއްތޯ ބަލާށެވެ. މިސާލަކަށް އެއީ ހާސްވުމުން ކުރާ ކަމެއްކަން ފާހަގަ ވެއްޖެ ނަމަ، އިނގިލި ބޯން ފެށުމާއި އެކު އުރައިލާށެވެ. ނުވަަތަ އޭނާ ބައްދާލާނެ ބާލީހެއް ނުވަތަ ކުޅޭ އެއްޗެއް ދޭށެވެ.

އޯގާތެރިކަމާ އެކު ހަނދާންކޮށްދީ

ކުއްޖާ އިނގިލި ބޯން ފަށަނީ އެހެން އެއްވެސް ސަބަބެއް ނެތި ހަމަ އެކަނި ސަމާލުކަން ހޯދަން ކަން ފާހަގަވެއްޖެ ނަމަ، އިނގިލިބޯން ފެށުމާ އެކު އޯގާތެރިކަމާ އެކު ހަނދާންކޮށްދޭށެވެ. އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބުނާނީ އަޑުލުމެއް ނެތި، އޯގާތެރިކަމާ އެކުގަ އެވެ.

ނޯޓް: މި ލިއުމަށް މައުލޫމާތު ނެގީ ދިރާސާތައްކޮށް ޝާއިކުރާ މަޔޯ ކްލިނިކުންނެވެ.