Advertisement

ރަށު ނޯޓު: ފ. މަގޫދޫ؛ ނަމޫނާ ރަށެއް

11 ޖޫން 2022 - 13:00 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ފ. މަގޫދޫ: މި ރަށުގެ މައިގަނޑު އިގުތިސޯދީ ހަރަކާތްތަކަކީ ކޮންސްޓްރަކްޝަން މަސައްކަތާއި ފަންގި ވިނުން --ފޮޓޯ:އެފްބީ/ފ.މަގޫދޫ


ރަށު ނޯޓު: ފ. މަގޫދޫ؛ ނަމޫނާ ރަށެއް

11 ޖޫން 2022 - 13:00 0

މީހުން ދިރިއުޅޭ ދެ ރަށަކަށް މަގޫދޫ ކިޔަ އެވެ. އޭގެ ތެރެއިން ނ. މަގޫދޫ ވާހަކަ ރަށު ނޯޓު ސީރީޒުގައި ގެނެސްދެވިފައިވާނެ އެވެ. މި ފަހަރު މި ގެނެސްދެނީ ނިލަންދެ އަތޮޅު (ފ. އަތޮޅު) މަގޫދޫ ވާހަކަ އެވެ.

ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ފ. އަތޮޅުވެރިކަން މި ރީތި ރަށުގައި ކުރުމަށް ފަހު، ނިލަންދޫ އަށް އަތޮޅު ވެރިކަން ބަދަލުކުރީ ޖެނުއަރީ 1999 ގަ އެވެ. މަގޫދޫ އަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އެލް-4 އެވެ. ބާވީސް ހެކްޓަރުގެ މި ރަށުގެ ޖުމުލަ އާބާދީ އަކީ 934 އެވެ. އެއީ 451 އަންހެނުންނާއި 483 ފިރިހެނުންނެވެ. ރަށުގައި ދިރިއުޅޭ އާބާދީ އަކީ 736 އެެވެ. އެންމެ އިހުން ފެށިގެން ވެސް މަގޫދޫ ރައްޔިތުންނަކީ ހީވާގި ބައެކެވެ. އެ ވާހަކަ އެންމެ ކުރުކޮށް ބުނެވޭނީ ރަށުގެ ރައްޔިތުންގެ ވިޔަފާރީގެ ވާހަކައިންނެވެ.

އެ ރަށުގެ ރައްޔިތުންގެ ނަމުގައި ކުރަމުން އަންނަ ވިޔަފާރީއަކީ އެހެން ހުރިހާ ރަށަކަށް ނަމޫނާއެކެވެ. ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ބޭނުންވާ ތަކެތި ހޯދައިދިނުމުގެ ގޮތުންނާއި، ރައްޔިތުންނަށް އިތުރު އާމްދަނީ ހޯދުމުގެ ގޮތުން އެ ވިޔަފާރިން ކާބޯތަކެއްޗާއި، ގޭސް އަދި އާއްމު ދިރިއުޅުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވިއްކަ އެވެ. ރަށުގައި ޑީސަލާއި، ޕެޓްރޯލާއި، ޑޮކްޓަރީ ބޭހަކީ ޒަމާންވީ މި ވިޔަފާރީގެ ބައެކެވެ.

މި ރަށުގެ އިގުތިސޯދުގެ މައިގަނޑު ހަރަކާތްތަކަކީ ކޮންސްޓްރަކްޝަން މަސައްކަތާއި ފަންގި ވިނުމެވެ. މަގޫދޫ ފަޅަކީ ފާނަ އާލާވުމުގައި މަޝްހޫރު ތަނަކަށް ވުމާއެކު ރަށުގެ މީހުން ފާނައިގެ މަސްވެރިކަން ކުރެ އެވެ. ބޮޑު ކަންނެލީގެ މަސްވެރިކަން ވެސް ކުރެ އެވެ. ރަށުގައި އަށް ފިހާރަ އާއި ތިން ކެފޭ އަދި ގަރާޖު ހުރެ އެވެ. މަސްދޯނީގެ އަދަދަކީ ހައެކެވެ. ހަ ކުދި ދޯނި ގެންގުޅޭއިރު 15 ޑިންގީ އަދި ފަސް ލޯންޗު ދުއްވަ އެވެ.

ފ. މަގޫދޫ ރަށުގެ މަތިން ނަގާފައިވާ ފޮޓޯއެއް. --ފޮޓޯ:އެބްފީ/ފ.މަގޫދޫ


ގިނަ ޒަމާންތަކެއް ވަންދެން އަތޮޅު ވެރިކަން ކުރި ނަމަވެސް މި ރަށުގެ ހިދުމަތްތައް ފުރިހަމަ ނުވެ ހުރުމާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކައުންސިލުން ބޭއްވި ފުރަތަމަ ބައްދަލުވުމަށް ވެސް ޝަކުވާތައް ބަންޑުކޮށްލި އެވެ. އޮކްޓޯބަރު 2019 ގައި ބޭއްވި އެ ބައްދަލުވުމުގައި މަގޫދޫ ކައުންސިލަރުން ހުށަހެޅި ކަންކަމުގެ ތެރޭގައި ރަށުގެ ތަރައްގީ އަށް ބޭނުންވާ އެންމެ މުހިންމު މަޝްރޫއުތަކާއި ބައެއް ހިދުމަތްތައް ރަނގަޅުކުރުމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހިމެނެއެވެ. އެގޮތުން ރަށުގެ ސިއްހީ ދާއިރާގައި ހުރި ކަންބޮޑުވުންތަކާއި ފެނާއި ނަރުދަމާގެ ހިދުމަތް ފުރިހަމަ ވެފައިނެތުމުން ދިމާވާ ދަތިތަކާއި އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކުރުމަށް މިހާރު ގާއިމުކޮށްފައިވާ ވަސީލަތްތަކުގެ ބޭނުން ހިފޭނެ ގޮތް ހެދުމާ އަދި ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރި އެވެ.

މިހާރު ފެނާއި ނަރުދަމާ ނިޒާމު ވަނީ ގާއިމުކޮށްފަ އެވެ. މަގޫދޫގައި ރީޖަނަލް އެއާޕޯޓެއް ތަރައްގީކުރަން ނިންމާފައިވާއިރު، ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. ކުރިއަށް އޮތްތަނުގައި ދަތުރުފަތުރުގެ ނިޒާމުން މިރަށް ގުޅިގެންދާނެ އެވެ. މީގެ އިތުރަށް އެހެން މަޝްރޫއުތައް ވެސް މި ރަށަށް ޕްލޭންކުރެވިފައި އެބަ ހުއްޓެވެ.

ގުރޭޑް 10 އަށް ކިޔަވައިދޭ މި ރަށުގައި އިޓަލީ ވިލާތުގެ ބިކޯކާ ޔުނިވަރސިޓީގެ އައުޓްޕޯސްޓެއް ހުރެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާއިމުކުރި މި ތަނަށް އިޓަލީވިލާތުގެ ބިކޯކާ ޔުނިވަސިޓީގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ޒިޔާރަތްކުރެ އެވެ. މިތަނުގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ބިކޯކާ ޔުނިވަސިޓީންނެވެ.

މަގޫދޫ އަށް ހުރި މަޝްރޫއުތައް ނިމުމުން، މި ރަށަކީ ފ. އަތޮޅުގައި، އަދި އެ ސަރަހައްދުގައި ވެސް ވަރުގަދަ ރަށަކަށް ވާނެ އެވެ. މިހާރު ވެސް ޒިޔާރަތްކޮށްލަން ހިތްގައިމު ރަށެކެވެ.

މުހިންމު މައުލޫމާތު


ރަށުގެ ނަން: މަގޫދޫ އަތޮޅު: ނިލަންދެއަތޮޅު އުތުރުބުރި (ފ އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: އެލް-4 އާބާދީ: 934، ފިރިހެނުން:483، އަންހެނުން: 451 ފިހާރަ: 8 ކެފޭ، ރެސްޓޯރެންޓް: 3 ގަރާޖު: 1 ތައުލީމު ދޭ ފެންވަރު: ގްރޭޑް 10 އަށް ކުރިއަށްދާ މަޝްރޫއުތައް: 1. ބިން ހިއްކުން 2. ފ.މަގޫދޫ ފުޓުބޯޅަ ދަނޑު ގާއިމުކުރުން 3. ވޮލީކޯޓު ތަރައްގީކުރުން 4. މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް 5. ޕްރިޕެއަރިންގ އައުޓަ އައިލެންޑް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް