Advertisement

ޔާމީންގެ ހުށަހެޅުންތައް ބޭރުކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި

9 ޖޫން 2022 - 22:20 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން؛ ހުށަހެޅުންތައް ބޭރުކޮށްލި މައްސަލަ ވަނީ އިސްތިއުނާފް ކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު


ޔާމީންގެ ހުށަހެޅުންތައް ބޭރުކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި

9 ޖޫން 2022 - 22:20 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ހިންގާ ޝަރީއަތުގައި، ޔާމީންގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބޭރުކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސާލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އުފުލާފައިވެ އެވެ. އަދި ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.

މި މައްސަލައިގެ ޝަރީއަތުގައި ޔާމީން ހުށަހެޅި ހުށަހެޅުންތަކުގެ އިތުރަށް ޔޫސުފް ނައީމްގެ ހުށަހެޅުންތައް ބޭރުކޮށްލަން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ނިންމެވީ، ގާޒީ ދިން މުއްދަތުގެ ފަހުން އެ ހުށަހެޅުންތައް ހުށަހެޅުމުންނެވެ.

ގާޒީ ފުރުސަތު ދިނީ މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރާ ގާނޫނުގައި ހިމެނޭ މުއްދަތަށެވެ. އެ ގާނޫނުގައި މުއްދަތު ގުނާއިރު ރަސްމީ ބަންދު ދުވަސްތައް ހިމަނަ އެވެ. އެކަމަކު ކޯޓުގައި އާންމުކޮށް އަމަލުކުރާ އުސޫލަކީ ރަސްމީ ބަންދުތައް ނުހިމަނާ މުއްދަތު ގުނުން ކަމަށްވާތީ އެ އޮޅުން އެރީ އެވެ.

ޔާމީންގެ ފަރާތުން ދެކެނީ ވެސް ހުށަހެޅުންތައް ހުށަހެޅީ މުއްދަތުގެ ތެރޭގައި ކަމުގަ އެވެ. އެހެންވެ އެ ކަން އިސްތިއުނާފް ކޮށްފައިވާ ކަން ދިފާއީ ވަކީލުން މިއަދުގެ ޝަރީއަތުގައި ފާހަގަ ކުރި އެވެ. އެކަމަކު އިސްތިއުނާފް ކުރަން ލަސްވީ ޝަރީއަތުން ނިންމި ގޮތުގެ ލިޔުންތައް ލިބުން ލަސްވުުމުންނެވެ.

ޝަރީއަތުން އެ ލިޔުންތައް ދިފާއަށް ދޫކުރީ އިއްޔެގަ އެވެ. ދިފާއުން ލިޔުންތަކަށް އެދުނީ ދެ ހަފުތާއެއްވަރު ކުރިން، މިދިޔަ މަހުގެ 26 ވަނަ ދުވަހުގަ އެވެ. އެކަން އިސްތިއުނާފް ކޮށްފައިވާތީ އެ ކަމުގައި ހައިކޯޓުން ގޮތެއް ނިންމަންދެން ޝަރީއަތް މަޑުޖައްސައިލަން ވެސް ދިފާއުން އެދުނެވެ.

ނަމަވެސް އިސް ގާޒީ ޝަކީލް ވިދާޅުވީ މައްސަލަ މަޑުޖައްސައިލެވޭނީ މަތީ މަރުހަލާގެ ކޯޓަކުން އެ ކޯޓަށް އެ ގޮތަށް އެންގުމުން ކަމަށެވެ. އެހެންވެ ޝަރީއަތް ފަށަން ގާޒީ ނިންމެވި އެވެ. ނަމަވެސް ފަހުން އިސްތިއުނާފް މައްސަލާގައި ނިންމާ ގޮތަކަށް އަމަލު ކުރައްވާނެ ކަމުގެ ޔަގީންކަން ގާޒީ ދެއްވި އެވެ.