Advertisement

ވަގު ފޯމުގެ މައްސަލަ ބޮޑުވަނީ، އެމްއެންޕީގެ ރަޖިސްޓްރާ އެމްއާރުއެމްއަށް ވައްދަން ހުށަހަޅައިފި

9 ޖޫން 2022 - 21:50 0

އެމްއެންޕީގެ ރަޖިސްޓްރާ މުހައްމަދު ޝިހާބު


ވަގު ފޯމުގެ މައްސަލަ ބޮޑުވަނީ، އެމްއެންޕީގެ ރަޖިސްޓްރާ އެމްއާރުއެމްއަށް ވައްދަން ހުށަހަޅައިފި

9 ޖޫން 2022 - 21:50 0

އެމްއެންޕީގެ ރަޖިސްޓްރާ، އެމްއާރުއެމްއަށް ވައްދަން "ސައްހަ ނޫން ފޯމެއް" ހުށަހަޅައިފިކަން ފަޅައިއަރައިފި އެވެ.

އެމްއެމްޕީގެ ރަޖިސްޓްރާ، މުހައްމަދު ޝިހާބު "އަދަދު" އަށް ވިދާޅުވީ އޭނާގެ ނަމުގައި އެމްއާރުއެމްއިން ފޯމެއް ހުށަހެޅިކަން އިލެކްޝަންސް ކޮމިޝަނުން އެންގީ މީގެ ތިން ދުވަސް ކުރިން ކަމަށާއި، މައުލޫމާތު ހޯދުމުގެ ފޯމް ހުށަހަޅައިގެން، އެމްއާރުއެމްގެ މެމްބަޝިޕް ފޯމް މިއަދު ލިބިފައިވާ ކަމަށެވެ.

ޝިހާބު ނަމުގައި ހުށަހަޅާފައިވާ އެ ފޯމުގައި އޭނާގެ މައުލޫމާތާއެކު އިނގިލީގެ ނިޝާނެއް ދެ ފަހަރު ޖަހާފައިވެ އެވެ. އަދި ދެ ހެކިވެރީން ސޮއިކޮށްފައިވެ އެވެ.

"އެއީ ވަގު ފޯމެއް. އަޅުގަނޑަކަށް ނޭނގި ހުށަހަޅާފައި އޮތީ. އެހެންވެ، މައްސަލަ އަޅުގަނޑުމެންގެ ޕާޓީގެ އެތެރޭގެ އުސޫލުގެ ތެރެއިން ގެންދަންޖެހޭ ހިސާބަށް ގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އެއީ ސައްހަ ނޫން ފޯމަކަށް ވުމުން އެމްއެންޕީގެ ދަފުތަރުން ޝިހާބުގެ ނަން އުންޏެއް ނުކުރެ އެވެ.

އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ޝިހާބުގެ ނަމުގައި ލިބިފައިވާ ފޯމަކީ "ބޭރު ތެރެއިން ފުރައިގެން އެ ޕާޓީއަށް ހުށަހަޅާފައިވާ ފޯމެއް" ކަމަށެވެ.

އެމްއާރުއެމްގެ އިސް މަގާމުތަކެއްގައި ތިބި ބަޔަކު އެމްއެންޕީއަށް ކުރިން ވައްދާފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އެކަން އެންގީ ދަފުތަރު ބަދަލު ކުރުމަށް ފަހު ކަމަށް އަލީމް ވިދާޅުވި އެވެ.

"މި ފަހަރު އިލެކްޝަން ކޮމިޝަނުން ޕާޓީ ބަދަލު ނުކޮށް އެންގީ. ކުރިން މި ޕާޓީގެ އަންހެނުން ކައުންސިލްގެ ރައީސް، ނައިބު ރައީސް އަދި އެކްސްކޯގައި ހިމެނޭ އަންހެން ދެ މެމްބަރަކު އެމްއެންޕީއަށް ބަދަލުކުރިއިރު އީސީއަކުން ބަދަލުކުރުމުގެ ކުރިން ނާންގައި. އެ ބޭފުޅުންނަކީ ޕާޓީގެ ލީޑަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކެއް. މިހާރު ވެސް އެ ތިބީ އެމްއެންޕީގެ ނަމުގައި،" އަލީމް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ޕާޓީއަކަށް މީހަކު ވައްދަން ހުށަހަޅާއިރު، ހުށަހަޅާ މީހާގެ މައުލޫމާތާއި އިނގިލީގެ ނިޝާނާއި ދެ ހެކިވެރިން އޮންނަން ޖެހޭނެ ކަމަށެވެ. އެ ގޮތަށް ހުށަހަޅާއިރު ޕާޓީއެއްގެ ދަފުތަރުގައި އޮތް ނަމަ، ނަން އުނިކުރާ ޕާޓީއަށް ވެސް އަދި އަލަށް ވައްދާ ޕާޓީއަށް ވެސް އެކަން އަންގާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީގެ މެމްބަރަކު ވެއްދިޔަސް، ކަނޑާލިއަސް، ބަދަލު ކުރިޔަސް، ޗިޓުން އެކަން އަންގާނެ. މިއީ ހަމަޖެހިފައި އޮންނަ އުސޫލަކީ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޒިޔާދު އެމްޑީޕީން ވަކިކޮށް އެކަން އެ ޕާޓީއަށް އެންގިން. ޕީޕީއެމްގެ މެމްބަރުން އަދި އެހެން ޕާޓީތަކުގެ މެމްބަރުންގެ ދަފުތަރު ބަދަލުކުރިކަން ވެސް، އުނިކުރާ ޕާޓީއަށް އަދި އަލަށް ރަޖިސްޓްރީ ކުރާ ޕާޓީއަށް ވެސް އަންގަން،" އީސީގެ އޮފިޝަލު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ މެމްބަރުން އިތުރުކުރަން ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަ ބޮޑުވެފައިވާތީ، އެކަމާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމުން 1،200އަށް ވުރެ ގިނަ މީހުން ޝަކުވާ ހުށަހެޅި އެވެ.

އެ ޝަކުވާތަކަށް ބިނާކޮށް އީސީން އެކުލަވާލި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި، މީހާއަށް ނޭނގި އެންމެ ގިނައިން މެމްބަރުން ވައްދާފައިވަނީ ޕީޕީއެމްއަށެވެ.