Advertisement

ދިގު ވާހަކަ: މާޒީން ހިތި


ދިގު ވާހަކަ: މާޒީން ހިތި

ފަސް ވަނަ ބަޔާ ގުޅޭ

ބޭޒާރުވީއޭ ހިތަށް އެރި އެވެ. ރީތި ގޮތުގައި ފަލީހަތްވީއޭ ހިތް ބުނެލި އެވެ. އަހަންނަށް ތަޅުން އަތް ދޫކޮށްލެވުނެވެ. ލަދުވެތި ކަމާއެކު އިސްޖަހައިލެވުނެވެ. މަޒީދާ ދިމާ ބަލައިލަން ވެސް ނުކެރުނެވެ.

"ދަނީ ތަ؟" މަޒީދު ލަސްލަހުން ބުނެލި އެވެ.

އަހަންނަށް ހުރެވުނީ އެވެ. އިސް އުފުލައިލަން ވެސް ނުކެރިފަ އެވެ. ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ޔަޒީދުގެ ފިޔަވަޅުތަކުގެ އަޑުން، އޭނާ އަހަންނާ ގާތްވަމުން އަންނަ ކަމުގެ އިހުސާސް ކުރެވުނެވެ. އަހަރެންގެ ކޮނޑަށް ވެއްޓުނު ތުރުތުރުގެ އަސަރު ބޮލުން ފެށިގެން ކަށި މައްޗާ ހަމައަށް ދުވެގަތެވެ.

ޔަޒީދު އައިސް އަހަރެން ކުރިމަތީގައި މަޑުކޮށްލި އެވެ. އަހަރެން ހީކުރީ އޭނާ އަހަރެންގެ ދަތްދޮޅީގައި ހިފައި ހިއްލައިލާނެ ކަމަށެވެ. އެކަމަށް އެދި ނޭނގޭ އިންތިޒާރެއް ވެސް ކުރެވުނެވެ. އިހުތިޔާރުން ބޭރުގަ އެވެ. ގަސްތަކު ނޫނެވެ.

"މިޒޫއަށް އަހަރެންގެ ބޭނުން ނޭނގޭކަން ސާފުވެއްޖެ." ޔަޒީދު ލަސްލަހުން ބުނެލި އެވެ.

އަހަންނަށް އިސް އުފުލާ ބަލައިލެވުނެވެ. ޔަޒީދުގެ މޫނަށެވެ. އޭނާގެ ފުން ދެ ލޮލަށެވެ. އެ ވަގުތު ޔަޒީދު ވެސް އަހަންނާ ދިމާއަށް ބަލައިލި އެވެ. ދެ މީހުންގެ ހަތަރު ކަޅި ހަމަވި އެވެ. އޭނާގެ ދެ ލޮލުން އަހަންނަށް ފެންނާން ފެށީ މުޅީން އެހެން ދުނިޔެ އެކެވެ. އެހެން މަންޒަރެކެވެ. އެ ދެ ލޮލުން ކިޔައިދެމުން ދިޔައީ އެހެން ވާހަކައެކެވެ.

މުޅި ތަނަށް ވެރިވެފައިވަނީ ހިމޭން ކަމެވެ. މަޑުމޮޅި ކަމެވެ. ނަމަވެސް، ހިމޭން ހަރަކާތްތަކާއެކު އެތައް ވާހަކައެއް ބަދަލުވަމުން ދިޔަ ކަހަލަ އެވެ. ލޮލުން ލޮލަށެވެ. ހިތުން ހިތަށެވެ. އިހުތިޔާރުން ބޭރުގަ އެވެ.

"މާޝާﷲ." ހިމޭންކަން ފޫ އަޅުވާލީ ޔަޒީދެވެ.

"ކޮން ކަމެއް؟" އަހަންނަށް ބުނެލެވުނެވެ.

"ފުރިހަމަ ކަން. ގާތުން ފެނުމުން މާޝާﷲ. މާޝާﷲ." ޔަޒީދު ތައުރީފުކުރީ އަހަންނަށެވެ.

އަހަރެން ލަދުން އިސްޖަހައިލެވުނެވެ. އެއީ ދުވަހަކު ވެސް އިވިފައިނުވާ ތައުރީފެކެވެ. އުއްމީދު ވެސް ނުކުރާ ތައުރީފެކެވެ.

"ތިޔަ ފުން ދެ ލޮލާއި ތިޔަ މޫރިތިވި ސޫރަ، މާޝާﷲ." ޔަޒީދު އަނެއްކާ ވެސް ފެށި އެވެ.

އަހަންނަށް ލިބުނީ އާދަޔާ ހިލާފު ހިތްހަމަ ޖެހުމެވެ. ބުނެދޭން ނޭނގޭ އުފާވެރި ކަމެކެވެ. ގައިން ހީނބިހި ނަގައިގަތެވެ. ލޭގެ ހިނގުން އަވަސްވި އެވެ.

"ދުވަހަކު ވެސް ތިހާ ރީތި ކުއްޖެއް، ތިހާ ފުރިހަމަ މޫނެއް ނުދެކެން،" ޔަޒީދު އަނެއްކާ ވެސް ފެށި އެވެ. "ފުން ދެ ލޮލާއި ފުރިހަމަ ބުރުސޫރައާ ގުޅުވާލެވުނީ މިޒޫގެ ވިސްނުމުގެ ރީތިކަމާ."

އަހަންނަށް އިސް އުފުލާ ބަލައިލެވުނެވެ. މަޒީދުގެ މޫނަށެވެ. އޭނާގެ އޮމާން މޫނަށެވެ. ދިގު ނޭފަތަށެވެ. ދެ ފަރާތުން އުފުލިލައިފައިވާ ރީތި ކޮތާފަތަށެވެ. މަލެއްހެން ފޮޅިފައިވާ މަޑުމަޑު މުށި ފިޔާތޮށި ކުލައިގެ ރީތި ތުންފަތަށެވެ. ޔަޒީދުގެ ބުރުސޫރައަށް ވެސް ތައުރީފު ކުރެވެން ފެށުނެވެ. ހިތާއި ހިތުންނެވެ.

"ނަސީބުވެރިންނަކީ ދިރިއުޅުމަށް ތިޔަފަދަ ހޫރު ޕަރީން ލިބޭ މީހުން. ހަބީބަކީ ހާދަ ނަސީބު ރަނގަޅު މީހެކޭ ދޯ." ޔަޒީދު ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

ހަބީބުގެ ވާހަކަ އިވުމާއެކު އަހަރެންގެ ހިޔާލުތައް ބަދަލުވި އެވެ. ޔަޒީދުގެ ރީތިކަމާއި އޭނާގެ ފުރިހަމަކަމަށް ކުރެވެމުން ދިޔަ ތައުރީފުތައް ގަޑުބަޑުވި އެވެ. ފާޑަކަށް ފޫހި އިހުސާސެއް ކުރެވެން ފެށުނެވެ. މި ވަގުތު އެ ފަދަ ވާހަކައެއް ޔަޒީދު ދެއްކީތީ ހިތާއި ހިތުން ޝަކުވާ ކުރެވުނެވެ.

މި ދެން އެފަދަ ވާހަކައެއް ދައްކަން ކޮން ވަގުތެއް ހެއްޔެވެ؟ ހަބީބަކީ ރަނގަޅު މީހަކީ ހެއްޔެވެ؟ އަނތްބެއްގެ ހިތްހަމަ ޖައްސުވައިދީ ހިތް އުފާކޮށްލާނެ އެންމެ ލަފުޒެއް ވެސް ހަބީބުގެ ސިކުނޑީގައި ނުވާނެ އެވެ. އޮތް ނަމަ އޭނާ ވެސް އެ ފަދަ ލަފުޒުތައް ބޭނުން ކުރީހެވެ. ދެތިން ލަފުޒުން، ދެތިން އިބާރާތުން ޔަޒީދު އަހަރެންގެ ހިތާ އެ ކުޅެލީ އެވެ. ލަފުޒަކީ ހާދަ ބާރުގަދަ، ހާދަ ތޫނު ހަތިޔާރެކެވެ. މީހުން އެ ބުނަނީ ތެދެކެވެ. ކަނޑި ބަޑިންވާ ޒަހަމަށް ވުރެ ލަފުޒުން، ބަހުން ވާ ޒަހަމުގެ ވޭން އިތުރުވާނެ އެވެ. ހަމަ އެގޮތަށް، މީހުން ބަސް ބޭނުންކުރާ ގޮތުން، ވާހަކަދައްކާ ރާގުން، ބޭނުންކުރާ ލަފުޒުތަކުން އެ މީހެއްގެ މުށުގެ ތެރެއަށް ދުނިޔެ އެކުގައި ގެނެވިދާނެ އެވެ. އެކަން މިއަދު އަހަންނަށް ކަށަވަރު ވަމުން އެބަދެ އެވެ. ޔަގީން ކުރެވެމުން އެބަދެ އެވެ.

މިއޮށް ހުރިހާ އިރު ޔަޒީދާ މެދު އަހަރެންގެ ހިތުގައި އުތުރި އަރަމުން ދިޔައީ އިދިކީލި ވިސްނުންތަކެވެ. ނައްސި ހިޔާލުތަކެވެ. ނަމަވެސް އޭނާ ބޭނުންކޮށްލި ދެތިން ލަފުޒުން އެ ހިޔާލުތައް އާތްވަށް ބަދަލުވެ، މައްޗަށް އަރައިގެން ހިނގައްޖެ އެވެ. އެ ވިސްނުންތައް ގެއްލިގެން ހިނގައްޖެ އެވެ.

"ކޮން ވިސްނުން ތަކެއްގަ؟" ޔަޒީދު ދެ އިނގިލިން އަހަރެންގެ މޫނަށް ޗޮކެއް ކަނޑައިލި އެވެ.

"ނު.. ނުވިސްނަން." ނޫން ކަމަށް ހެދި އަވަސްއަވަހަށް އަހަރެން ބުނެލީމެވެ.

"ހިނގާބަލަ އިށީންނަން." ޔަޒީދު އިޝާރާތްކުރީ އެނދާ ދިމާއަށެވެ.

އަހަންނަށް ހިނގައިގަނެވުނެވެ. ހިތުން ރުހުމުންނެވެ. ކުރިން ފަހަރާ ހިލާފަށް ދަތިކަމެއް އުނދަގޫކަމެއް ނެތެވެ. ފިކުރު ތަފާތުވުމެއް، ދަތި ވިސްނުމެއް ނެތެވެ.

"ހިނގައިބަލަ މައުލޫއަށް ދަމާ." ޔަޒީދު ފުން ނޭވާއެއް ދޫކޮށްލި އެވެ.

"ފަށައިބަލަ."

"މި ކަމުގައި އަހަރެން ބޭނުންވަނީ ހަމައެކަނި މިޒޫގެ އެހީތެރިކަން." ޔަޒީދު ފެށީ ދުރުދުރުންނެވެ.

"ކީއްވެ އަހަރެން؟" ސިކުނޑިއަށް ވެރިވީ ސުވާލެކެވެ.

"މިޒޫ ބޭނުން ކޮންމެ ކަމެއް. ބޭނުން ކޮންމެ އިނާޔަތެއް ލިބޭނެ. ބަދަލަކީ އެއީ، އަގަކީ އެއީ. ޔަގީންވާ ކަމަކީ ރައްކާތެރިކަމާއި ހިމާޔަތް އަހަރެންގެ ފަރާތުން މިޒޫއަށް ލިބޭނެކަން. އެ ޔަގީންކަން އަހަރެން ދޭނަން." ޔަޒީދު ބަލައިލީ އަހަރެންގެ މޫނަށެވެ.

"ކޮން؟" އަހަރެންގެ ހިތުގައި އުފެދެމުން ދިޔައީ ސުވާލަކަށްފަހު ސުވާލެކެވެ.

"އަން، މިއީ ފަށައިގަތުމަށް ޓަކައި އަހަރެންގެ ފަރާތުން ދޭ އިނާޔަތެއް." ޔަޒީދު ދިއްކޮށްލީ ޗެކެކެވެ.

އަހަރެންގެ ދެ ލޯ ބޮޑުވި އެވެ. އޭނާގެ އަތުގައި އޮތް ޗެކަށް ބަލައިލެވުނެވެ. ހިސާބު އަކުރުތަކުން ފަންސާސް ހާސް ރުފިޔާ ޖަހައިފައި އޮތް ތަން އަހަންނަށް ފެނުނެވެ. އެހާ ބޮޑު އަދަދެއް އެ ދެނީ ކޮން ކަމެއްގެ ބަދަލުގައި ބާވައޭ ހިތަށް އެރި އެވެ.

"މި ކޮން؟" ސުވާލުގެ ނަޒަރުން އަހަންނަށް ބަލަން އިނދެވުނީ ދެ ލޯ ބޮޑު ކޮށްލައިގެންނެވެ.

"އަދި ފަށައިގަތުން. ނިމުނީމަ އެއްކޮށް ލިބޭނެ. އަގު ނިންމާނީ މިޒޫ." ޔަޒީދުގެ އަތުގައި އޮތް ޗެކު އެނދު މަތީގައި ބޭއްވި އެވެ.

"ހަބީބަށް ދީ." އަހަންނަށް ބުނެލެވުނެވެ.

"ހަބީބު؟ ކީއްވެ ހަބީބު؟" ޔަޒީދު އަހައިލި އެވެ.

"ހަބީބަށް ހަވާލުކޮށްލާ. ހަބީބު ގާތު ބުނެލާ." އަހަންނަށް ބުނެވުނެވެ.

"އަދިވެސް އޭނާތަ އިސްކުރަނީ؟" ޔަޒީދު ރުންކުރުވި އެވެ.

"އެއީ އަހަރެންގެ ފިރިމީހާ. އަހަރެންގެ ދުނިޔެ." އަހަންނަށް ދިފާއު ކުރެވުނީ ހަބީބެވެ.

"ފިރިމީހާ. ފިރިމީހާ. ފިރިމީހާގެ ލަގަބު ލިބުނީމަ ހުރިހާ ކަމެއް ހުއްދަވީތަ؟" ޔަޒީދު ދެ ބުމަ ކައިރިކޮށްލި އެވެ. "ހަބީބަކީ ވިގަންޏެއްކަމާއި އެ ވިގަނީގެ ވަކިތަކުގެ ތޫނުކަން ފޮރުވަން މަސައްކަތް ކުރަނީ ކީއްވެ؟"

"ވަޓް؟" އަހަރެންގެ ދެ ލޯ ބޮޑުވި އެވެ.

"ލޯބީގެ ނަމުގައި ލިބެމުންދަނީ ކޮން އުފަލެއް؟ ކޮން އަރާމެއް؟ އަނިޔާއާއި ވޭނަކީ ލޯބިތަ؟ އެއީތަ ކާވެނީގެ މޭވާއަކީ؟" ޔަޒީދު ދަތްޕިލަ ކައިރިކޮށްލި އެވެ.

(ނުނިމޭ)