Advertisement

ނޭނގި އެންމެ ގިނައިން މީހުން ވެއްދީ ޕީޕީއެމްއަށް

9 ޖޫން 2022 - 08:52 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އިދިކޮޅު ޕީޕީއެމްއިން މީގެ ކުރިން ބޭއްވި ހަރަކާތެއްގައި އެ ޕާޓީގެ ސަޕޯޓަރުން. -އަދަދު ފައިލް ފޮޓޯ


ނޭނގި އެންމެ ގިނައިން މީހުން ވެއްދީ ޕީޕީއެމްއަށް

9 ޖޫން 2022 - 08:52 2

ސައްހަ ނޫން ފޯމު ހުށަހަޅައިގެން ނޭނގި އެންމެ ގިނައިން މީހުން ވައްދާފައިވަނީ އިދިކޮޅު ޕީޕީއެމްއަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުން މެމްބަރުން އިތުރުކުރަން ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަ ބޮޑުވެފައިވާތީ، އެކަމާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމުން 1،200އަށް ވުރެ ގިނަ މީހުން ވަނީ ޝަކުވާ ހުށަހަޅައިފަ އެވެ.

އެ ޝަކުވާތަކުގެ މައްޗަށް ބިނާކޮށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި، ނޭނގި އެންމެ ގިނައިން ވައްދާފައިވަނީ ޕީޕީއެމްއަށް ކަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިގޮތުން، ޝަކުވާ ހުށަހެޅި ޖުމްލަ 1،208 މީހުންގެ ތެރެއިން، 391 މީހުން ނޭނގި ވައްދާފައިވަނީ ޕީޕީއެމަށެވެ. މިއީ ހުށަހެޅި ޖުމްލަ ޝަކުވާތަކުގެ 32.37 ޕަސަންޓެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ނޭނގި ޕާޓީއަށް ވައްދާފައިވަނީ 2019 އަހަރެވެ. އެ އަހަރު 166 މީހުން ނޭނގި އެ ޕާޓީއަށް ވަނީ ވައްދައިފަ އެވެ. ދެން އެންމެ ގިނައިން މީހުން ވެއްދީ އެއާ ވިދިގެން އައި 2020 ވަނަ އަހަރެވެ. އެ އަހަރު 86 މީހަކަށް ނޭނގި އެ ޕާޓީއަށް ވައްދާފައިވެ އެވެ.

އީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދެވަނަ އަށް އެންމެ ގިނައިން ނޭނގި މީހުން ވައްދާފައިވަނީ ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީއަށް 2018 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް 213 މީހަކަށް ނޭނގި ވަނީ ވައްދައިފަ އެވެ. ނޭނގި އެމްޑީޕީއަށް އެންމެ ގިނައިން މީހުން ވައްދާފައިވަނީ އެންމެ ފަހުގެ ރިޔާސީ އިންތިހާބު އޮތް 2018 ވަނަ އަހަރެވެ. އެ އަހަރު 92 މީހަކަށް ނޭނގި އެ ޕާޓީއަށް ވަނީ ވައްދައިފަ އެވެ.

ނޭނގި ޕާޓީއަށް މީހުން ވެއްދި ލިސްޓުގައި 145 އާއެކު ލޭބާ ޕާޓީ އޮތް އިރު، ހަތަރު ވަނައިގައި އޮތީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އެވެ. ފާއިތުވި ފަސް އަހަރުގެ ދުވަހުގެ ތެރޭގައި ޖުމްހޫރީ ޕާޓީއަށް ޖުމްލަ 144 މީހަކަށް ނޭނގި ވައްދާފައިވެ އެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި ދެން ހިމެނޭ އަދާލާތު ޕާޓީއަށް ޖުމްލަ 66 މީހުނަށް ނޭނގި ވައްދާފައިވާއިރު، އޭގެ ތެރެއިން 44 މީހުނަކީ މިއަހަރުގެ ތެރޭގައި އެ ޕާޓީއަށް ވެއްދި މީހުން ކަމަށް ހިސާބުތަކުން ދައްކަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްއަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި 63 މީހަކަށް ނޭނގި ވައްދާފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އީސީން ބުނެފައިވެ އެވެ.

ބޮޑު ޖޫރިމަނާއެއް

ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުން މެމްބަރުން އިތުރުކުރަން ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަ ބޮޑުވެފައިވާއިރު، އޭގެން ކޮންމެ ފޯމަކަށް ބޮޑު ޖޫރިމަނާއެއް ކުރަން އީސީން މިހާރު ވަނީ ނިންމައިފަ އެވެ.

ޕާޓީއަކުން ހުށަހަޅާފައިވާ ސައްހަ ނޫން ކޮންމެ ފޯމަކަށް، ޕާޓީ 10،000ރ. އިން ޖޫރިމަނާ ކުރަން ކޮމިޝަނުން ނިންމާފައިވެ އެވެ. ޕާޓީ ޖޫރިމަނާ ކުރުމުގެ އިތުރުން، ޕާޓީން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް ޕާޓީގެ ރަޖިސްޓްރާ ވެސް ޖޫރިމަނާ ކުރާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

މިގޮތުން ޕާޓީގެ ރަޖިސްޓްރާ ޖޫރިމަނާ ކުރަނީ ފުރަތަމަ ފަހަރު 5،000ރ. އިން އަދި އޭގެ ފަހުން 10،000ރ.އިންނެވެ.