Advertisement

ބުޅާ ބަލަހައްޓާ ތަނެއް މާލެއަށް ބޭނުންވަނީ ކީއްވެ؟

10 ޖޫން 2022 - 09:49 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލެ އިންޑަސްޓްރިއަލް ޒޯންގައި ދިރިއުޅޭ ބުޅާތަކެއް-- ފޮޓޯ: އަދަދު


ބުޅާ ބަލަހައްޓާ ތަނެއް މާލެއަށް ބޭނުންވަނީ ކީއްވެ؟

10 ޖޫން 2022 - 09:49 1

"މަގުމަތީގަ އުޅޭ ބުޅާތަކަށް ވަރަށް އަނިޔާ ކުރޭ. ކަޓަރު އަޅާ. ގަލުން ތަޅާ. ސައިކަލުން އަރާ ތަންތަން ބިނދިފަ، ފައިން ތަޅާ އަނިޔާ ކޮށްފައި ވެސް. މިކަމަށް އޮތް ހައްލަކީ އެ އެއްޗިއްސަށްވެސް ފަރުވާއާ އެކު އުޅޭނެ ރަނގަޅު މާހައުލެއް ގާއިމްކޮށްދިނުން. ހަމަ އަހަރުމެންގެ ތެރެއިން ބައެއްގެ އިހުމާލުން މިހާ ބުޅާ ގިނަވެގެން މި އުޅެނީވެސް"؛

މާލެ މަގުތައް މަތީގައި ދިރިއުޅެމުންދާ ބުޅާތަކަށް ކާން ދިނުމުގައި އުޅޭ މީހަކާ ވާހަކަ ދައްކާލުމުން ބުންޏެވެ.

ބުޅާ ދެކެ ބިރުގަންނަ މީހުނާއި ފަކުރުގަންނަ މީހުން އުޅެ އެވެ. ނަމަވެސް ދަންނަންޖެހޭ އެއް ހަގީގަތަކީ ބުޅާދެކެ ކިތަންމެ ބިރުގަތަސް ނުވަތަ ފަކުރުގަތަސް ބުޅަލާ ދޭތެރޭ އިހާނެތިކޮށް ހިތުމަކީ ވަރަށްވެސް ނުބައި އަމަލެއްކަމެވެ.

އަބްދު ﷲ ބިން އުމަރު ރިވާކުރެއްވި ކީރިތި ރަސޫލާގެ ސައްހަ ހަދީސެއްގައި، ބުޅަލަކަށް ކާން ނުދީ އެ ބުޅާ ބަނދެފައި ބޭންދި އަންހެނަކާ ދޭތެރޭ މަރުވުމަށްފަހު ކަންތައް ވެގެންދިޔަ ގޮތަކީ މިއުއްމަތަށް ވަރަށް ސާފުކޮށް އޮތް އިބުރަތެކެވެ. އެ އަންހެން މީހާ ވަނީ ނަރަކައިގެ އަޒާބަށް ހުށަހެޅި އެ އަޒާބު ތާއަބަދަށް ތަހައްމަލުކުރަން ޖެހިފަ އެވެ.

ކުއްލިއަކަށް ބުޅަލުގެ އާބާދީ އިތުރުވީ ކީއްވެ؟

މާލޭގައި ބުޅާ ގިނަވާ އެންމެ ބޮޑު އެއް ސަބަބަކީ "ބާތު ކޮންޓްރޯލު" ނުވަތަ އެސޮރުމެން ވިހާ މިންވަރު މަދު ނުކުރެވުމެވެ. ބުޅަލެއް ވިހަނީ ތިން މަހުން އެއް ފަހަރު އެވެ. އެއީ އަހަރަކު ހަތަރު ފަހަރެވެ. ވިހާއިރު ބައެއް ފަހަރު ދިހަ ބާރަ ބުޅާ ވިހާ ފަހަރުވެސް ދެ އެވެ.

އިންޑަސްޓްރިއަލް ޒޯންގައި ތިބި ބުޅާތަކެއް-- ފޮޓޯ: އަދަދު


ބޭރު ގައުމުތަކުގައި ބުޅާގެ ބާތު ކޮންޓްރޯލުކުރުމަށް ތަފާތު ކަންކަން ކުރެ އެވެ. އެންމެ އާންމުކޮށް ކުރާކަމަކީ "ސްޕޭ" ނުވަތަ "ނިއުޓާ" ކުރުމެވެ. ނުވަތަ ބުޅާ ނުވިހާ ގޮތް ހެދުމެވެ. ރާއްޖޭގައި މިކަން ކުރެވެން ނެތީ ބޭނުންވާ ވަސީލަތްތައް ގާއިމުވެފައި ނެތުމުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ބޯހިޔާވަހި ކޮށްލާނެ ތަންކޮޅެއް ނުލިބިގެން އުޅޭއިރު ބުޅަލަށް ކީއްކުރާ ހިޔާވެއްސެއް؟

ބުޅާތައް އިންތިހާއަށް ގިނަވެ، ކުނި ކޮތަޅުތައް ހާވައި މަގުތައް މުޑުދާރުވުން ފަދަ ކަންކަމާ ހެދި ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ. ބުޅަލުގެ މައްސަލާގައި އެޗްޑީސީއަށް ހުޅުމާލޭގައި އުޅޭ ރައްޔިތުންގެ ފަރާތުން 2019 ގައި 50 ޝަކުވާ ހުށަހެޅިއިރު 2020ވަނަ އަހަރު 117 ޝަކުވާއެއް ހުށަހެޅި އެވެ. އެހެންވެ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މާލެ އާއި ހުޅުމާލެ މަގުމަތީގައި ގިނަވެފައިވާ ބުޅަލުގެ މައްސަލަ ހައްލު ކުރަން 3،000 ބުޅާ ގެންގުޅެވޭނެ ފެސިލިޓީއެއް ހުޅުމާލޭގައި ހެދުމަށް، އެޗްޑީސީއިން ނިންމިކަން އިއުލާން ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ.

އެތަން ހެދުމަށް އެޗްޑީސީން ނިންމާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ކަމުގައިވާ ފަރުކޮޅުފުށީގެ 790 ސްކެއާ މީޓަރުގެ ބިމެއްގަ އެވެ. އެ ފެސިލިޓީ ހިންގުމަށް ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެންނެވެ.

މި ނިންމުމާއެކު އާންމުންގެ ފާޑިކިޔުން ސިޓީ ކައުންސިލަށާއި އެޗްޑީސީގެ އިތުރުން ސަރުކާރަށްވެސް އަމާޒުވި އެވެ.

"8000 އަކަފޫޓުގެ ބިމެއް ބުޅަލަށް؟ އުޅޭނެ ތަންކޮޅެއް ނެތިގެން އުޅޭއިރު އެސޮރުމެންނަށް ދޭންވީ، ބޮޑުވަރު!،"

"ގުދު ބިންދައިގެން ދާއޮހޮރުވާ އިންސާނުންނަށްވުރެ މަގުމަތީ އުޅޭ ބުޅާވެސް ސަރުކާރަށް މާ މުހިންމުވެފަ މިއޮތީ،" މިފަދަ އެތައް ވާހަކަތަކެއް އޭރު އާންމުންގެ ފަރާތުން ދެކެވުނެވެ. އާންމު އެތައް މީހެއްގެ ފަރާތުން އެކަމަށް ފާޑުކިޔެވެ. ނަމަވެސް މިއީ މި ރާއްޖެ، ހާއްސަކޮށް މާލެފަދަ ބޮޑު އާބާދީއެއްގެ ކުޑަ ބިމަކަށް ކިހާ މުހިންމު ތަނެއްކަން ވިސްނޭނަމަ އެފަދައިން ނުބުނީހެވެ.

އިންޑަސްޓްރިއަލް ޒޯންގައި ދިރިއުޅޭ ބުޅާތަކެއް-- ފޮޓޯ: އަދަދު


މި އަހަރުގެ ޖޫން އަށް އަހަރެއްވެފައިވާ ނަމަވެސް އެކަމުގެ ވާހަކަ މިހާރު މި ވަނީ މުއައްސަސާތަކުން ހަނދާން ނެތިފަ އެވެ. އެކަމާ އުޅޭ ތަނެއް ނުފެނެ އެވެ.

"ބުޅަލަށް އަޅާލާކަށް އަސްލު ގިނަ ދިވެހިން ބޭނުމެއް ނުވޭ. އެއީ ހަމަ މުޖުތަމައު ތެރޭގަ އުޅޭ އެއްޗެހި. އެ އެއްޗިއްސަށްވެސް ބޭނުންވާ ވަސީލަތްތައް ހުންނާނެ. މިސާލަކަށް ވެލި، މާލޭގަ މިހާރު ވެއްޔެއް ނުހުންނާނެ އެއްވެސް ތަނެއްގަ،" މާލޭގެ މަގުތަކުގައި އުޅޭ ބުޅާ ތަކަށް ކާންދީ ބަލަހައްޓާ މީހަކު ބުންޏެވެ.

ބުޅާ ބަލަހައްޓާ ތަނެއް އެޅުމުގެ ފައިދާ ވެސް ލިބެނީ ބުޅަލުގެ ސަބަބުން އުނދަގޫވެފައިވާ މީހުންނަށެވެ. އެގޮތުން ބަލި ޖެހިފައި ހުންނަ ބުޅާތަކަށް ފަރުވާކޮށް އެގޮތަށް ފެތުރިދާނެ ބަލިތައް ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެޑޮޕްޓް ކުރަން ބޭނުންވާ ކުއްޖާއަށްވެސް ސޭފްލީ އެޑޮޕްޓް ކުރެވޭނެ. ކިޓެން އެ ނަގަން ބޭނުމިއްޔާ އެ ތަނުން ނަގައިގެން ހަމަ ގެންދެވޭނެ ގެއަށް. ބޭނުން ނެތިއްޔާ އަނބުރާ އެތަނަށް ގެނެވޭނެ، މަގުމައްޗަށް ގިނަވާން ނޫނީ އަނިޔާއެއް ލިބެން އެގޮތަށް ދޫނުކޮށްލާ. ފެސިލިޓީއެއް ހުރީމަވާނެ ފައިދާއެއީ،" މަގުމަތިން ބުޅާ ނަގައިގެން ބަލާ މީހަކު ބުންޏެވެ.

އިންޑަސްޓްރިއަލް ޒޯންގައި އުޅޭ ބުޅަލެއް-- ފޮޓޯ: އަދަދު


ބުޅަލަށް އަޅާ ފެސިލިޓީއާ ގުޅިގެން އެޗްޑީސީން ބުނީ އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިފައި ނުވަނީ އެކަން ގުޅިގެން ކުރާ ދެ އިދާރާގެ ހިޔާލުތަފާތުވުންތަކެއް ހުރެގެންނެވެ.

އަތްފޯރާ ފަށުގައި ފަރުވާ ދެވޭނެ ތަނެއް ނެތް!

މީގެ ކުރިން ބުޅަލެއް ބަލިވެއްޖެ ނަމަ ކުޑަ އަގެއްގައި ފަރުވާދީ ރަނގަޅު ކުރެވެ އެވެ. އެއީ ޕެޓް ޖަނަވާރުންނަށް ފަރުވާ ދޭން ވިލިމާލޭގައި ފިޝަރީޒް މިނިސްޓްރީން ހުޅުވި ވެޓް ކްލިނިކުންނެވެ.

ވިލިމާލޭގައި އެ ކްލިނިކް ހުޅުވީ 2019 ގަ އެވެ. ދިވެހިން އާންމުކޮށް ގެންގުޅޭ ހުރިހާ ބާވަތެއްގެ ޖަނަވާރުންނަށް ފަރުވާ އާއި ވެކްސިން އެ ކްލިނިކުންދިނެވެ. އަދި ސާޖަރީތައް ވެސް ކުރި އެވެ.

ބުޅަލަކަށް އަނިޔާލިބިފައި (ކ) ފަރުވާދީ އެތަން ފަހާފައި (ވ)-- ފޮޓޯ: ކެއާފޯ ޕޯވްސް


ނަމަވެސް މިދިޔަ އަހަރު އެ ތަން ބަންދުކޮށް އަމިއްލަ ބަޔަކު ވަނީ ވެޓް ހޮސްޕިޓަލެއް ހުޅުވާފަ އެވެ. ސަރުކާރާ ގުޅިގެން މަސައްކަތް ފެށި ނަމަވެސް މިހާރު އެތަން ހިންގަމުން އަންނަނީ އަމިއްލަ ބަޔަކެވެ.

"އަލަށް ހުޅުވިތަން ވަރަށް އަގުބޮޑު. ވިލިމާލެ ވެޓް ހުރިއިރު 100ރ. އަށް ޑޮކްޓަރަށް ދެއްކޭ. މިހާރު އެބަ ނަގާ 350ރ. ހަމަ އެކަނި ދައްކާާލަން. އަދި ދެން ހުރި ކަންކަން ކޮބާ؟،" ބުޅާ ގެންގުޅޭ މީހަކު ބުންޏެވެ.

ކުޑަ އަގެއްގައި ކުރިން އޮޕަރޭޝަން ކޮށްދޭއިރު މިހާރު އެ އަގުވެސް ދެ ގުނަ ބޮޑެވެ. ބުޅާ ގެންގުޅޭ ބައެއް މީހުން ބުނާގޮތުން އާ ކްލިނިކުގެ އަގުތަކަކީ އާދައިގެ މީހަކަށް ބުޅަލެއް ބަލަހައްޓާ ގެންގުޅެވޭ ވަރަށްވުރެ ބޮޑު އަގުތަކެކެވެ.

މަގުމަތީ އެހީއަށް ބޭނުންވެފައި ތިބޭ ބުޅާ ގެންގޮސް ފަރުވާކޮށް ބުޅަލުގެ އާބާދީ އިތުރުވިޔަ ނުދިނުމަށް "ނިއުޓާ" ކުރުމަށް މަސައްކަތް ކުރާ ބަޔަކުވެސް އުޅެ އެވެ. "ކެއާ ފޯ ޕޯސް"ގެ ނަމުގައި ހިންގަމުން އަންނަ ފޭސްބުކް ޕޭޖެކެވެ. ވޮލަންޓިއާކޮށް މަދު ކުދިންތަކެއް މަސައްކަތް ކުރަމުން އައި ނަމަވެސް އެކަން މަޑުޖެހިގެން ދިޔައީ ވިލިމާލެ ކްލިނިކް ބަންދުކުރި ހިސާބުންނެވެ.

"ނިއުޓާ ކުރަން ނަގާ އިރު ބަލިވެފަ ތިބިއްޔާ އެޔަށް ޓްރީޓް ކޮށްފައި ދެން ނިއުޓާ ކުރަނީ. ގިނައިން ބަލަނީ ނިއުޓާ ކޮށްފަ އެޑޮޕްޓް ކުރާނެ މީހަކު ލިބޭތޯ، ނުލިބިއްޖާ ހިފި ތަނަކަށް ގެންގޮސް ލަނީ. އެއީ ގަވަމެންޓް ކްލިނިކް އިން އިރު. މިހާރު ނިއުޓާ ކުރަން ގަވަމަންޓް ތަން ބަންދު ކުރި ފަހުން މިހާރު އިންނަ ޕްރައިވެޓް ތަން ވަރަށް އަގުބޮޑު ވީމަ،" އެ ތަނުގައި ވޮލެންޓިއާކޮށް މަސައްކަތް ކުރާ ކުއްޖަކު ބުންޏެވެ.

"ވިލިމާލެ ކްލިނިކުން ނިއުޓާ ކުރެވޭ 150ރ. ކޮންމެ ބުޅަލަކަށް. މިހާރު އެ ކްލިނިކުން ކޮށްދެނީ 2000ރ. އަށް. އެވަރު އެފޯޑެއް ނުކުރެވޭ ކުރިންހެން މަގުމަތީގަ ހުންނަ ބުޅާ ނިއުޓާ ކުރާކަށް. އަޅުގަނޑުމެންވެސް ފަންޑް ހޯދަނީ ޑޮނޭޝަންސް އާއި ޕެޓް ޕްރޮޑަކްޓްސް ވިއްކައިގެން،"

އޭނާ ބުނީ ބުޅާ ގެންގުޅޭ ގިނަ މީހުން ބުޅާތައް މަގުމަށްޗަށް ދޫކޮށްލާ ސަބަބެއް ކަމަށް ވެސް ވަނީ ކުރިއަށްވުރެ މިހާރުގެ އަގުތައް ބޮޑުވުމުން އެކަމަށް އެފޯޑް ނުކުރެވުން ކަމަށެވެ.

ބުޅަލަކަށް އަނިޔާލިބި ފަރުވާދީ އެތަން ފަހާފައި-- ފޮޓޯ: ކެއާފޯ ޕޯވްސް


"އަޅުގަނޑުމެން އެންމެ ފަހުން ގެނައި ބުޅަލަށް ފަރުވާ ކުރަން އެރި 9000ރ. އެއީ އެންމެ ބުޅަލަކަށް އެރިވަރު. އެހެންވީމަ މިވަރުން ކިހިނެތް ފަރުވާ ކުރާނީވެސް،" އޭނާ ބުންޏެވެ.

ވިލިމާލެ ކްލިނިކް ބަންދު ކުރުމުން ބުޅާތަކުގެ އާބާދީ ވަނީ އިތުރުވެފަ އެވެ. އެއީ ބަލިވުމުން ބުޅަލަށް ކުރަން ޖެހޭ ހަރަދުގެ ސަބަބުން ކަމަށް ގިނަ މީހުން ބުނެ އެވެ.

ގާނޫނުން ކުށެއް، ނަމަވެސް އެޅޭނެ ފިޔަވަޅެއް ނެތް!

ޖަނަވާރުންނަށް އަނިޔާ ކުރުމަކީ ދިވެހިންގެ ތެރޭގައި ފެތުރެމުން އަންނަ ނުބައި ސިފައެކެވެ. ހާއްސަކޮށް ބުޅަލަށެވެ. އެސޮރުމެންގެ އާބާދީ އިތުރުވެ އުޅެން އުނދަގޫވެފައިވާ ކަމަށް ބުނެ އެވެ.

"މިހާރު މީހުން ހަދާ ގޮތަކީ ބުޅަލަށް އެސިޑުވެސް ޖަހަނީ. ބުޅަލަށް ކާން އަޅާ ހުންނާނެ ވަކި ސަރަހައްދުތަކެއް. އެ ތަންތަން ފާހަގަކޮށް އެ ތަންތަނަށް ގޮސް ޕޮއިޒަންވެސް އަޅާފަ ހުރޭ. ދެން އެ އެއްޗެހި ކައިގެން އެތާ އޮވެ މަރުވަނީ،" މަގުމަތީގައި އުޅޭ ބުޅަލަށް ކާންދޭ މީހަކު ބުންޏެވެ.

މި ރަހުމްކުޑަ އަމަލު ހިންގަނީ ކާކުކަން ނޭނގޭ ގޮތަށް "ވަގަށް" އުޅޭ މީހުންނެވެ. ނަމަވެސް ހަމަ ލޮލަށް ފެނި ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވި ނަމަވެސް ގާނޫނުގެ އަތެއް ފޯރާ ތަނެއް ނުފެނެ އެވެ. އެގޮތުން އެންމެ ފަހުން މިފަދަ ހާދިސާ އެއް ހިނގާފައި ވަނީ އުތުރުގެ ރަށެއްގަ އެވެ.

ބުޅަލެއް ދަންޖެއްސުމަށްފަހު ސައިކަލެއްގައި ވާޖަހައިގެން މަގުމަތީގައި އެ ބުޅާ ދަމާ އަނިޔާކޮށް ގެންދާ ވީޑިއޯތަކެއްގެ މައްސަލަ އެވެ. އެ މައްސަލަ އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބަލަންވެސް ފެށި އެވެ. ނަމަވެސް ދެން ވީގޮތެއް ނެނގެ އެވެ.

ހަމަ އެހެންމެ ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ކަމަށް ބުނެ 120 ދޫނި، އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން މަރާލާފައިވާ މައްސަލައެެއްވެސް ބަލަން ފެށި އެވެ.

"ސްޓްރޭ" ބުޅަލުން ޖެހޭ ބަލިތައް

ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވަނީ މަގުތަކުގެ މަތީގައި ބުޅަލުގެ ނަޖިސް ހުންނާތީ އެވެ. އޭގެ ސަބަބުން ބަލިތައް ފެތުރޭތީ އެވެ.

މަގުމަތީގައި އުޅޭ ބުޅަލުން ޖެހޭ ބަލިތައް ރާއްޖޭގައި މަދު ނޫން ކަމަށާއި އެކަމަށް ސަމާލުވުމަށް ރާއްޖޭގެ ޑޮކްޓަރުން ތަކުރާރުކޮށް ބުނަމުން ގެންދެ އެވެ.

ބުޅަލުން ޖެހޭ އާންމު ބަލިތަކުގެ ތެރޭގައި:

  • ޓޮކްސޯޕްލާޒްމޯސިސް
  • ހުކް ވާމް އެންޑް ރައުންޑް ވާމްސް
  • ރިންގް ވާމްސް
  • ކެޓް ސްކްރެޗް ޑިޒީޒް
  • ރޭބީޒް

މީގެ ތެރެއިން ރާއްޖޭގައި އެންމެ އާންމުކޮށް ފެންނަނީ ހުކް ވާމް އެންޑް ރައުންޑް ވާމްސުން ޖެހޭ ބައްޔެއް ކަމަށްވާ ލާވާ މައިގްރަންސް އެވެ.

ލާވާ މައިގްރަންސް އަކީ ބުޅަލުގެ ޖަރާސީމުގެ ސަބަބުން ޖެހޭ ބައްޔަކަށް ވާއިރު، މިއީ ބުޅަލުގެ ނަޖިހާއި ވެލީގެ ޒަރިއާއިން ފެތުރޭ ބައްޔެކެވެ. މި ބަލި ޖެހެނީ ގައިގެ ހަންގަނޑަށެވެ. އަދި މި ބައްޔަކީ އަވަހަށް ފަރުވާ ހޯދައިފި ނަމަ ފަސޭހައިން ރަނގަޅު ކުރެވޭ ބައްޔެކެވެ.

ބުޅަލަކަށް އަނިޔާލިބިފައި-- ފޮޓޯ: ކެއާފޯ ޕޯވްސް


ހަމަ އެހެންމެ ބުޅަލުގެ ސަބަބުން ޖެހޭ އެންމެ ނުރައްކާ ބައްޔަކީ ޓޮކްސޮޕްލާސްމޯސިސް އެވެ. އެއީ ބުޅަލުގެ ނަޖިހުގައި ހުންނަ ޓޮކްސޮޕްލާސްމޯސިސް ގޮންޑައި ކިޔާ ޕެރެސައިޓަކުން ޖެހޭ ބައްޔެކެވެ. މި ޕެރެސައިޓާ ހުރެ ބައެއް މީހުންގެ ލޯ އަނދިރިވެ އެވެ.

ދެން ބުލަލުގެ ޒަރީއާއިން ޖެހޭ ނުރައްކާތެރި ބައްޔަކީ "ކެޓް-ސްކްރެޗް ޑިޒީޒް" އެވެ. މިއީ ބުޅާ ވަކި އެޅީމާ ލޭ ނާރަށް ފޯރާ ބާޓޮނެއްލާ ހެންސޮލޭ ކިޔާ ބެކްޓީރިއާ އަކުން ޖެހިދާނެ ބައްޔެކެވެ. މި ބެކްޓީރިއާ ބުޅަލާ ހަމައަށް ފޯރަނީ އުކުނުގެ ސަބަބުންނެވެ. "ކެޓް ސްކްރެޗް ޑިޒީޒް" ޖެހިގެން ބޮޑު ވަރު ވަނީ ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ.

ބުޅަލަކީ އޭގެ ޒާތުގައި ސާފުތާހިރު އެއްޗެކެވެ. ވެލިކޮޅެއް ފެންނަން ހުރެއްޖެނަމަ ކުޑަކަމު އަދި ބޮޑުކަމުވެސް ދާނީ ވެލިގަނޑު ކޮނެފަ އެތަނަށެވެ. އަދި ނިމިގެން ފަސްއަޅާ ފޮރުވާނެވެ. ނަމަވެސް މީހުންގެ ފަރާތުން އިވޭ އަޑުތަކުންނާއި ދައްކާ ތަފާތު ވާހަކަތަކުން ބުޅަލާމެދު ދެކޭ ގޮތް ބަދަލުވެ އެވެ.

އަހަރެމެންގެ ތެރެއިން ބަޔަކު ކުރާ ކަމަކުން ޖަނަވާރުންނަށް އެވަރުގެ އަނިޔާއެއް ދެވިގެން ވާނެ ހެއްޔެވެ؟ އެއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ ޒަހަރު ދީގެން ނޫނީ އެ ނޫންވެސް ގޮތަކުން އަނިޔާދީ މަރާލުމުން އެސޮރުމެންގެ ހަށިގަނޑު މަގުމަތީގައި އޮވެ ކުނިވެ، ބަލިތައް ފެތުރުމުން އެ ޖަނަވާރުންގެ ސަބަބުންވާ ކަމެކޭ ބުނެ "ބްލޭމް" ކުރުމުން ހުރިހާ ކަމެއް ނިމޭނެ ހެއްޔެވެ؟

އިންސާނުންގެ އަމިއްލަ އަތުން ކުރާ ކުށެއްގެ އަދަބު އިންސާނުންނަށް ދެއްވާފައިވާފަދަ ބާރެއް ލިބިގެން ނުވާ ޖަނަވާރުންތަކެއްގެ ބޮލުގައި އެޅުވުމުގެ ހައްގު ލިބޭނެ ހެއްޔެވެ؟ ޖަނަވާރުންނަށް ހިމާޔަތްދީ ރަނގަޅު ގޮތުގައި ބެލުމަކީ އިންސާނުން ކުރަން އޮތް ކަމަކަށް ވާއިރު، މާލޭގައި ގިނަވެފައިވާ ބުޅާތަކަށް އަޅާލުމަކީވެސް ކުރަން ޖެހޭ ކަމެއް ނޫން ހެއްޔެވެ؟