Advertisement

ކުމުންދޫ ވެހިސަރާ ނޭޗާ ޕާކުގައި ރޯކޮށްލައިފި، ޝައްކުކުރެވޭ ބަޔަކު ނެތް

7 ޖޫން 2022 - 10:12 2

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކުމުންދޫ ވެހިސަރާ ނޭޗާ ޕާކުގައި ރޯކޮށްލާފައިވާ އަލިފާންގަނޑު ނިވާލާފައި-- ފޮޓޯ: ސޯޝަލް މީޑިއާ


ކުމުންދޫ ވެހިސަރާ ނޭޗާ ޕާކުގައި ރޯކޮށްލައިފި، ޝައްކުކުރެވޭ ބަޔަކު ނެތް

7 ޖޫން 2022 - 10:12 2

ހދ. ކުމުންދޫ ކުޅީގައި ގާއިމްކޮށްފައިވާ "ވެހިސަރާ ނޭޗާޕާކް"ގައި ބަޔަކު ރޭ ފަތިހުގެ ވަގުތެއްގައި ރޯކޮށްލައިފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަމީން އަހުމަދު މި ނޫހަށް ވިދާޅުވީ ނޭޗާޕާކްގައި ރޯކޮށްލި ކަމުގެ ރިޕޯޓު ކައުންސިލަށް ލިބިފައިވަނީ ރޭ ފަތިހު ފަހެއް ޖެހި އިރު ކަމަށެވެ.

"އަޅުގަނޑުމެން އެ ސަރަހައްދަށް ގޮސް ބެލިއިރު ތަނުގެ 95 ޕަސެންޓަށް ވުރެ ބޮޑުބައި ވަނީ އަނދައިގެން ގޮސްފައި، އެވަގުތު ހަމަ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާނީ،" އަމީން ވިދާޅުވި އެވެ.

ކުމުންދޫއަކީ އެއްބައިވަންތަ ބައެއް ދިރިއުޅެމުން އަންނަ ރަށެއް ކަމަށާއި މިކަން ކުރި ކަމަށް ޝައްކު ކުރެވޭ ބަޔަކު ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ވެހިސަރާގައި ރޯކޮށްލާފައި-- ފޮޓޯ: ސޯޝަލް މީޑިއާ


އަދި، ނޭޗާ ޕާކަކީ އެ ރަށުގައި ފަތުރުވެރިކަން ފުޅާ ކުރުމަށް މުހިންމު ތަނަކަށް ވީއިރު، މިއީ ރަށަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ކައުންސިލްގެ ރައީސް ސިފަކުރެއްވި އެވެ.

ވެހިސަރާ ޕާކަކީ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމިއްޔާއާއި، އެ ޖަމިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއް ކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުން އެ ރަށުގައި ތަރައްގީ ކުރި ތަނެކެވެ. އެ ތަން ބަލަހައްޓަމުން އަންނަނީ ކައުންސިލްގެ ދަށުންނެވެ.

އެ ތަނުގައި ކަނޑޫފަލުގެ ތެރޭގައި އޮންނަ ކުޅި ހުރަސްކުރުމަށް 12 ވަރަކަށް ފޫޓުގެ ބުރިޖެއް އަޅައި، ކުޅީގެ މެދުގައި 12 ފޫޓު 12 ފޫޓުގެ ހަޓެއް ވެސް އަޅާފައިވެ އެވެ. އަދި ހަޓަށް ދިޔުމަށް 60 ފޫޓު ދިގުމިނުގެ ފާލަމެއް ވެސް އޮވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެހިސަރާ ޕާކުގައި-- ފައިލް ފޮޓޯ: ރައީސް އޮފީސް


ވެހިސަރާ ނޭޗާ ޕާކަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމްގެ މީގެ ކުރިން ތައުރީފް ކުރައްވާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް އެ ތަނަށް ޒިޔާރަތްކޮށްފައިވެ އެވެ.