7 ޖޫން 2022 - 08:49 0
7 ޖޫން 2022 - 08:49 0
ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އަވައްޓެރި ސްރީލަންކާގެ މަސްބޯޓެއް ކޯސްޓްގާޑުން ހިފަހައްޓައިފި އެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ދޫންޏަކުން ރިޕޯޓުކުރި މައުލޫމާތާ ގުޅިގެން، ލަންކާގެ އެ ބޯޓު ހިފަހައްޓާފައިވަނީ މ. މުލިން 76 މޭލު އިރުން ކަމަށެވެ.
ހިފެހެއްޓި އެ ބޯޓުގައި ޖުމްލަ ހަ ފަޅުވެރިން ތިބި އިރު، އެ މަސްބޯޓު މިހާރު ދަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ލ. ކައްދޫއަށް ދަތުރުކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓުތަކުން މަސްބާނާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.
އެގޮތުން އެފަދަ ބައެއް ބޯޓުތައް ކޯސްޓްގާޑުން އަތުލައިގެންފައިވާއިރު، އެ ކަން ނުހުއްޓުވޭ ކަމުގެ ޝަކުވާތައް ދަނީ އަޑުއިވެމުންނެވެ.
ރާއްޖެ ސަރަހައްދަށް ހާއްސަކޮށް އިންޑިއާގެ މަސްބޯޓުތައް ވަދެ މަސްވެރިކަން ކުރާ ކަމުގެ ތުހުމަތު ދާދިފަހުން ވަނީ ކޮށްފަ އެވެ.
ނަމަވެސް، ވަކިން ހާއްސަކޮށް އިންޑިއާގެ މަސްބޯޓުތަކުން އެކަން ކުރާ ކަމުގެ މައުލޫމާތެއް ލިބިފައިނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.
Comment