Advertisement

ްރަސޫލާއަށް ފުރައްސާރަކުރި މައްސަލަ އެމްޑީޕީންވެސް ކުށްވެރިކޮށްފި

6 ޖޫން 2022 - 18:55 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ވޯޓެއް ނަގަނީ. ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ އެޕާޓީން ވެސް ކުށްވެރިކުރި. ފޮޓޯ: އަބްދުﷲ އިޔާން./އަދަދު


ްރަސޫލާއަށް ފުރައްސާރަކުރި މައްސަލަ އެމްޑީޕީންވެސް ކުށްވެރިކޮށްފި

6 ޖޫން 2022 - 18:55 0

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާ އަދި ކީރިތި ގުރުއާނަށް ފުރައްސާރަކުރިކުރުން، ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީން ވެސް ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިސްތަރުޖަމާނު އިސްލާމީ އުއްމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަކުރި މައްސަލައިގައި، އެ ޕާޓީން އިންތިހާއަށް ނުރުހުން ފާޅުކޮށް، އެއަމަލު އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

އެހެން ނަމަވެސް ބީޖޭޕީއަކީ ހުރިހާ ދީނަކަށް އިހުތިރާމްކުރާ ޕާޓީއެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ސިފަކުރި އެވެ.

"...މިއަމަލަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށް މިޕާޓީން ދެކޭހިނދު، ބީޖޭޕީ ފަދަ ހުރިހާ ދީންތަކަކަށް އިހުތިރާމްކުރާ ޕާޓީ އެއްގެ އިސް ފަރާތަކުން މިފަދަ ނާތަހުޒީބީ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އިންޑިއާގެ ޓީވީ ޗެނަލެއްގައި ދެއްކި ޕްރޮގްރާމެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވަނީ ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސްޕާސަން ނުޕުރް ޝަރުމާ އާއި ނިއުދިއްލީގައި ހުނަން ބީޖޭޕީ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރެވެ. އެމީހުން ދެއްކި ވާހަކަތައް ހޫނުވެ, އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކުރަން ފެށުމުން ބީޖޭޕީއިން ވަނީ ދެ މީހުންނާމެދު ފިޔަވަޅު އަޅާފަ އެވެ. އެގޮތުން, ނުޕުރް ޝަރުމާ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް, ނަވީން ކުމާރު ވަނީ ޕާޓީން ވަކިކޮށްފަ އެވެ.

އޭގެ ފަހުން ރާއްޖޭގެ ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީން ވެސް ބީޖޭޕީގެ އޮފިޝަލް ކުށްވެރިކޮށް ބަޔާންތައް ނެރުނެވެ. ސަރުކާރުން އެކަމަކު އެކަން ކުށްވެރިކުރީ އާއްމުންގެ ފާޑުކިއުންތައް އަމާޒުވުމުން، މާ ފަހުންނެވެ.