Advertisement

ފަހަށް ފައިސާ ރައްކާނުކުރެވިގެން ތިއުޅެނީ މިހެންވެގެން ކަމަށް ވެދާނެ!

6 ޖޫން 2022 - 13:16 3

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ފަހަށް ފައިސާ ރައްކާނުކުރެވިގެން ތިއުޅެނީ މިހެންވެގެން ކަމަށް ވެދާނެ!

6 ޖޫން 2022 - 13:16 3

ލިބޭ އާމްދަނީން ދެކޮޅުޖެހޭ މުވައްޒަފަކާ ދިމާވި ހަނދާނެއް ނުވެ އެވެ. މަހު މުސާރައިގެ ގޮތުގައި 8000 ރުފިޔާގެ އާމްދަނީ ލިބޭ ކުޑަކުޑަ، ކަންމަތީ ފިހާރައިގެ ކޭޝިއަރާއި، 35000 ރުފިޔާ ލިބޭ ސިޔާސީ މީހާވެސް މަހުގެ ފަހުކޮޅަށް ދާއިރު އުޅެނީ 'އަނގަޔާ އަތާ ދިމާނުވެގެން'ނެވެ. މުސާރަ ބޮޑުވާ ވަރަކަށް ކުރަންޖެހޭ ހޭދަ އިތުރު ވެ އެވެ. ޖަމާވާ މުސާރައިން ކުއްޔާއި ބިލުތައް ދައްކައި ނިމޭއިރު ބާކީ އެއްޗެއް ނޯވެ އެވެ. ކަމެއްދަމެއް ބޮޑުވެ، ފައިސާއެއްގެ ބޭނުން ޖެހިއްޖެނަމަ ޖެހޭނީ ރައްޓެއްސެއްގެ އަތުން ލޯނެއް ނަގާށެވެ.

ދިރިއުޅުމުގައި ކުރަންޖެހޭ ހޭދަތައް ހުންނަ ގޮތުން މާ ބޮޑު އެއްޗެއް ފަހަށް ރައްކާނުކުރެވުމަކީ ވެދާނެ ގޮތެކެވެ. އެހެންނަމަވެސް ހަމަ އެކައްޗެއްވެސް ރައްކާނުކުރެވޭނަމަ ކޮންމެވެސް މައްސަލައެއް އެބައުޅެ އެވެ. މި ބުނާ ކަންތައްތައް ހުރީ ކިހިނެއްތޯ ބަލާށެވެ. އެކަންތައްތައް ހަމައަކަށް އަޅުވާލައިފިނަމަ ކޮންމެވެސް އެއްޗަކަށްވުރެ ބޮޑު އެއްޗެއް ފަހަށް ރައްކާކުރެވޭނެ އެވެ.

• ބަޖެޓެއް ހަދައިގެން ނުގެންގުޅުން

ފައިނޭންޝަން މެނޭޖްމަންޓްގެ އެންމެ އަސާސީ ކަމަކީ ހިސާބުކިތާބު ބެލެހެއްޓުމެވެ. ލިބޭ އަދަދާއި ކުރަންޖެހޭ ހޭދައާއި ކުރެވޭ ހޭދަ ރެކޯޑު ކުރެވުމެވެ. މަސް ފެށޭއިރު ލިބޭނޭ އާމްދަނީއާއި ކުރަންޖެހޭ ހަރަދުތައް ލިޔެވިފައި އޮންނަ ބަޖެޓެއް ގެންގުޅެވިދާނެ އެވެ. މިކަން މެނޭޖްކުރާނޭ އެޕްލިކޭޝެއް ފޯނަށް ޑައުންލޯޑުކޮށްލައިގެން ވަރަށް ފަސޭހައިން މި ހިސާބުކިތާބު ބެލެހެއްޓިދާނެ އެވެ. ކަނޑަށް އެޅިޔަސް ހިސާބު ބަލަހައްޓަންވާނެޔޭ ބުނާ ބަސް ހަނދާކުރާށެވެ. ލިބޭ ފައިސާއާއި، ކުލީގެ ކޮންޓްރިބިއުޝަންއާއި، ބިލުތަކާއި، އަމިއްލަ ބޭނުންތަކުގެ ކެޓެގަރީ ތައްޔާރުކޮށް، އެ ގިންތިތަކުން ކުރަން ގަސްތުކުރާ ހަދަރު ވަކިން ލިޔާށެވެ. ލިބޭ ފައިސާ ހޭދަވަނީ ކިހިނެއްކަން ބަޖެޓު ހަދާތާ ދެވަނަ މަހު އެނގޭނެ އެވެ. އެ ހިސާބުން ދެން ފަށަންވީ ބަޖެޓް މެނޭޖްކުރުމުގެ މަސައްކަތެވެ. ފާއިތުވެދިޔަމަހު ކުރި 'ބޭކާރު ހަރަދު' ތަކަކީ ކޮބައިކަން ފާހަގަކޮށް، ދެވަނަ މަހުގެ ބަޖެޓްހަދާއިރު އެ ލޯވަޅުތަކުގައި ޕެޗް އަޅާށެވެ.

• ދަރަނި ބޮޑުވުން

ކޮންމެ މަހެއްގެ މުސާރައިން ފޯނާއި، ސައިކަލާއި، ލައިފްސްޓައިލް ލޯނުތަކަށް ދައްކަންޖެހޭ ފައިސާއަކީ އުނިކުރަންޖެހޭނަމަ ފަހަށް ރައްކާކުރާކަށް އެއްޗެއް ނޯންނާނެ އެވެ. މިއީ ކޮންޓްރޯލް ކުރެވިދާނޭ ހަރަދުތަކެކެވެ. ބޭނުންޖެހޭ ކަންތައްތަކާއި ބޭނުންވާ ކަންތައްތައް ވަކިކޮށް ދެނެގަންނަންޖެހެ އެވެ. ދަރަނި އުފެދިފައި ހުރީ ޟަރޫރަތްތަކެއް މެދުވެރިވެގެން ކަމަށް ވެދާނެ އެވެ. ނުވަތަ ގޯސް ނިންމުންތަކެއްގެ ސަބަބުންކަމަށް ވެސް ވެދާނެ އެވެ. ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، މިހާރު ހުރި ދަރަނިތައް ނިންމުމަކީ އެންމެ އިސްކަންތައް ކަމަށް ނިންމާށެވެ. ބަޖެޓުން އުނިކުރެވެން އޮތް ހުރިހާ ހަރަދެއް، އެ ލޯނުތައް ދައްކާ ނިމެންދެން އުނިކުރާށެވެ. ފަހަށް ފައިސާ ރައްކާކުރަން ހަގީގަތުގައި ފެށޭނީ އެ ދަރަނިތައް ނިމުނީމަ އެވެ.

• ހަރަދުބޮޑު ދިރިއުޅުމާއި ބޭކާރު ހަރަދު

ރައްޓެއްސަކާ އެކީ ކޮފީއެއް ބޯލަން ގޮސް، ސަތޭކަ ރުފިޔާގެ ބިލެއް ކަނޑާލުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ދިހަހާސް ރުފިޔާ އާމްދަނީއަށް ލިބޭ މީހާ މަހެއްގެ ތިރީސް ދުވަހު، ކޮންމެ ދުވަހަކު ސަތޭކަ ރުފިޔާގެ ކޮފީ ބިލު ކަނޑަންވީމަ އެވެ. އެއީ ގޯސް ނިންމުމެއް ކަމުގެ އިހުސާސްވުމަކީ ފަހަށް ރައްކާކުރަން ފެށުމުގެ ފުރަތަމަ ފިޔަވަޅެވެ. ރައްޓެހިންނާ ބައްދަލުކުރުން ކޮފީ މޭޒާ ދުރަށް ގެންދާށެވެ. ސިނގިރޭޓު ފަދަ ބޭކާރު ހަރަދުތައް ހުއްޓާލާށެވެ. މަހެއްގެ މައްޗަށް ކޮފީއާއި ސިނގިރޭޓަށް 3000 ރުފިޔާ ހަރަދުވާނަމަ އެއީ 10000 ރުފިޔާ އާމްދަނީއަށް ލިބޭ މީހާގެ މުސާރައިގެ 30 އިންސައްތަ އެވެ. އެކަހަލަ ބޭކާރު ހަރަދުތަކުގެ ސަބަބު ދައްކައި ހުއްޖަތު ގާއިމުކުރުންވެސް ހުއްޓާލާށެވެ. އެއީ ނުކުރާނޭ ހަރަދެއް ކަމަށް ނިންމާށެވެ.

• އެކަށީގެންވާ އާމްދަނީއެއް ނުލިބުން

ފަހަށް ރައްކާކުރެވޭނީ އެކަށީގެންވާ ވަރެއްގެ އާމްދަނީއެއް ލިބިގެންނެވެ. ޟަރޫރީ ހަރަދުތައް ދެކޮޅުޖެހޭ މިންވަރުގެ އާމްދަނީއެއް ނުލިބޭނަމަ ކޮންމެވެސް އިތުރު މަސައްކަތެއް ކުރުމަކީ ލާޒިމު ކަމެކެވެ. ކުރެވޭނޭ ކަންކަން ބައިވަރެވެ. ސަރުކާރު މުވައްޒަފެއްނަމަ ރަސްމީ ވަގުތު ނިމުމުން އިތުރު ވަޒީފާއަކަށް ދެވިދާނެ އެވެ. ރަސްމީ ވަގުތު ނިމުމުން އޮންނަ ހުރިހާ ވަގުތަކީ ރައްޓެހިންނާއެކު ހޭދަކުރާ ވަގުތަކަށް ވާކަށް ނުޖެހެ އެވެ. ތިމާގެ ހުރި ގާބިލިއްޔަތުކަމެއް ދެނެގަނެ، އެ ދާއިރާއަކުން އިތުރު އާމްދަނީއެއް ނެރެވޭތޯ ފިކުރުކުރާށެވެ. ފަހަރުގައި ސައިޑްޖޮބެއްގެ ގޮތުގައި ތިޔަ ފަށާ ކަމަކީ ކާމިޔާބު ވިޔަފާރިއަކަށް ވުން ވެސް އެކަށީގެން ވެ އެވެ.

• ފަހަށް ރައްކާކުރުމަށް އިސްކަން ނުދިނުން

ފަހަށް ރައްކާކުރުމަކީ ފަހުން ކުރާނޭ ކަމެއްގެ ގޮތުގައި ބާއްވާފައި އޮތުމަކީ ފުރަތަމަ ގޯހެވެ. މި މަހު ކުރަން ބޭނުންވާ ހަރަދުތައް ގިނަކަމުން، ފަހަށް ރައްކާކުރުން އަންނަ މަހުން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ފަސްކޮށްލެވެނީ އެވެ. މިހެން ދިމާވަނީ ފަހަށް ރައްކާކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސިކުނޑިއަށް ނަގައިގަނެވިފައި ނެތީމަ އެވެ. ބޮޑު ހަރަދެއް ކުރަންޖެހޭ މަސްމަހުގައި ފަހަށް ރައްކާކުރާ މިންވަރު މަދުކޮށްލާނީ އެވެ. އެކަމަކު އެއްވެސް މަހަކު ފަހަށް ރައްކާކުރުން ފަސްކޮށްގެން ނުވާނެ އެވެ.

• ފައިސާ ރައްކާކޮށްގެން ކުރާނޭ ކަމެއް ކަނޑައެޅިފައި ނެތުން

ބައެއް މީހުންނަކީ ހަމައެކަނި އެ ވަގުތުގައި ދިރިއުޅޭ މީހުންނެވެ. އެފަދަ މީހުން ފައިސާ ރައްކާކޮށްގެން ކުރާނޭ ކަމެއްގެ ވިސްނުމެއް ނުގެންގުޅެ އެވެ. އަޒުމެއް ކަނޑައަޅާށެވެ. އަންނަ ބޮޑުޗުއްޓީގައި ގައުމަކަށް ދަތުރުކުރުން ކަމުގައިވިޔަސް، މީގެ ދެ އަހަރު ފަހުން ގެއެއް ގަންނަން ޑައުންޕޭމަންޓް ދެއްކުން ކަމުގައި ވިޔަސް ވެހެވެ. މިފަދަ އަމާޒެއް ކަނޑައެޅުމުން ފަހަށް ފައިސާ ރައްކާކުރަންޖެހޭ ސަބަބެއް އުފެދޭނެ އެވެ. އެއީ ފައިސާ ރައްކާކުރުމަށް އެޅޭ ބާރަކަށް ވާނެ އެވެ.

• ހަރަދުކޮށް ބާކީވާ އެއްޗެއް ރައްކާކުރަން ވިސްނުން

އެންމެ ފުރަތަމަ ފަހަށް ރައްކާކުރާ މިންވަރު ބާކީކޮށްލާށެވެ. އިތުރު ބޭންކް އެކައުންޓެއް ހުޅުވުމަކީ މިހާރު ނުލާހިކު ފަސޭހަ ކަމެކެވެ. މުސާރައިގެ ގޮތުގައި ޖަމާވީ 10000 ރުފިޔާ ކަމުގައިވާނަމަ، މުސާރައަށް ލިބުނީ 9500 ރުފިޔާކަމުގައި ބަލައި، 500 ރުފިޔާ އެއްކަލަ އެކައުންޓަށް ޖަމާކޮށްލާށެވެ. ކުރަންޖެހޭ ހަރަދުތައް ހިސާބުކުރާނީ އެ ފަސްސަތޭކަ ރުފިޔާ އުނިކުރުމަށްފަހުގަ އެވެ. ހަރަދު ކުރާނީ ފަހަށް ރައްކާކޮށް ބާކީވާ އެއްޗެކެވެ. ހަރަދުކޮށްފައި ބާކީ އެއްޗެއް ފަހަށް ރައްކާކުރަން ހުރެއްޖެނަމަ އެކަން އޮންނާނީ ނުވެފަ އެވެ.

މަތީގައި މިބުނެވުނު ކަންތައްތައް ހުރީ ކިހިނެއްތޯ ބަލާށެވެ. އެކަންކަން ހަމައަކަށް އަޅުވައިފިނަމަ ކުޑަ އާމްދަނީއެއް ލިބޭ މީހާއަށްވެސް ކޮންމެވެސް އެއްޗެއް ސަލާމަތްކުރެވޭނެ އެވެ. އެ އުކުޅުތަކާއެކު، ހަރަދު ކުޑަކުރުމުގެ އުކުޅުތައް ބޭނުންކޮށްފިނަމަ ނިސްބަތުން ތަނަވަސް ދިރިއުޅުމެއް އުޅެން މަގުފަހިވާނެކަން ގައިމެވެ. މި ނަސޭހަތް ހަނދާން ބަހައްޓާށެވެ.

ލިބޭ މިންވަރު ނިކަން ދަނެގެން، ވި ބޭނުންތައް ބަހާލައިގެން

ތިބޭ ނަމައީ ފިކުރުކޮށްގެން، މި ބޭޒާރެއް ނުވެސް ވާނޭ!