Advertisement

އަމީރު އަނެއްކާވެސް ދެއްވީ ރިޒާވް ހުސްނުވާނެ ކަމުގެ ޔަގީންކަން

5 ޖޫން 2022 - 23:06 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އަމީރު އަނެއްކާވެސް ދެއްވީ ރިޒާވް ހުސްނުވާނެ ކަމުގެ ޔަގީންކަން

5 ޖޫން 2022 - 23:06 0

ރާއްޖޭގެ ރަސްމީ ރިޒާވް ހުސްވެ، ނަގާފައިވާ ދަރަނިތައް އަނބުރާ ނުދެއްކޭނެ ހާލަތަކަށް ގައުމު ހިނގައިދާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ދޮގުކުރައްވައިފި އެވެ.

ރާއްޖޭގެ ދަރަނި އަދާކުރުމުގެ ގާބިލިއްޔަތުކަމުގެ ބަހުސް ފެށުނީ، ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކު ޖޭޕީމޯގަން ޗޭސްއިން އިންވެސްޓަރުންނަށް ފޮނުވި ނޯޓެއްގައި ރާއްޖެ ހިމެނޭގޮތަށް އަށް ގައުމެއްގެ ފޮރިން ރިޒާވު އަންނަ އަހަރުގެ ނިޔަލަށް ހުސްވެ، ޑީފޯލްޓް ވެދާނެ ކަމަށް ބުނުމާ ގުޅިގެނެވެ.

އެކަމާ ގުޅުވައި އިދިކޮޅުން އިސްވެ ދަނީ އެކަމުގެ ކަންބޮޑުވުން ކެނޑެނޭޅި ފާޅުކުރަމުންނެވެ.

އެ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި އަމީރު މިރޭ ވިދާޅުވީ ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

"މިފަދަ ވާހަކަތަކަކީ ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަގީގަތް އޮޅޭގޮތައް ދެއްކުމުން, ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމެއް. އިގުތިސާދުގައި ނުތަނަވަސްތަކަން އިތުރުވެ، މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމެެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ކޮވިޑުގެ ކުރިން ހުރި ލެވެލްގައި ދެމެހެއްޓޭނެ ކަމަށެވެ.

"ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތް. ދަރަނި ދެއްކުމުގެ ގާބިލުކަން އެބަހުރި. މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި،" އަމީރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސާދު ދަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ.

މިގޮތުން، މި އަހަރު ނިމޭއިރު ކޮވިޑުގެ ކުރީގެ އިގުތިސޯދުގެ ސައިޒަށް ރުޖޫއަވެވޭނެ ކަމަށާއި މިއީ ފިސްކަލް ހާލަތަށް ބަލައި ކޮވިޑުގެ ސިއްހީ އަދި އިގުތިސޯދީ ކްރައިސިސް މެނޭޖްކުރުމާއި، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރީގެ ވިލުންވެރިކަމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށް އަންނަ ނުތަނަވަސްވުންތަކާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަން އަމީރު ފާހަގަކުރެއްވި އެވެ.

"މިފަދަ ރިސްކުތަކުން އަރައިގަނެވޭނީ ރަނގަޅު ދަނޑިވަޅުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން. ސަރުކާރުން ދަނީ ހާލަތު މޮނިޓާކޮށް ފިޔަވަޅު އަޅަމުން،" އޭނާ ވިދާޅުވި އެވެ.

އެ ފިޔަވަޅުތަކުގެ ތަފްސީލް ދެއްވަމުން އަމީރު ވިދާޅުވީ ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން، ހާއްސަކޮށް ތެލުގެ އަގުގު ސަބަބުން، ކަރަންޓާއި ތެލުގެ ސަބްސިޑީވަނީ އިތުރުވެފައިވީ ނަމަވެސް، ރިޒާވަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި އައިޓީއެފްސީގެ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ލިމިޓްވަނީ 175 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރެވިފައި ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ދައުލަތުގެ އާމްދަނީވެސް ރަނގަޅުވެފައިވީ ނަމަވެސް، ދައުލަތުގެ ހަރަދުތަކަށް ވަނީ ވާންވެފަ އެވެ.

"ސަރުކާރުގެ ވިސްނުމަކީ ހިދުމަތްތަކަށް ބުރޫ ނާރާނޭހެން ހަރަދުތައް އަލުން ބައްޓަންކޮށް ބަޖެޓު ފައިނޭންސްކުރުން. އަދި މެދުރާސްތާގައި ރަނގަޅު ފިސްކަލް މިސްރާބެއްގައި ސާބިތުވުން،" އަމީރު ވިދާޅުވި އެވެ.