Advertisement

ތިމާވެށި ރައްކާތެރިކުރަން ކުރާ ހޭދަ އަދަދުތަކުން

5 ޖޫން 2022 - 12:48 0

އަމަން ހަލީމް

އަމަން ހަލީމް

ރަށް ގިރުމުގެ މައްސަލަ ބޮޑު ތ. ބުރުނި ގިރާ ސަރަހައްދުގައި ހުރި ރުށްތަކެއް: ފާއިތުވި ދިހަ އަހަރަށް ބަލާއިރު ތިމާވެށި ރައްކާތެރިކުރަން އަހަރަކު 600 މިލިއަން ރުފިޔާ ހަރަދުވޭ. -- ފޮޓޯ: އަދަދު ފައިލް


ތިމާވެށި ރައްކާތެރިކުރަން ކުރާ ހޭދަ އަދަދުތަކުން

5 ޖޫން 2022 - 12:48 0

ތިމާވެށި ރައްކާތެރިކުރުމަކީ މިއަދު ރާއްޖެއަށް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. ސަބަބަކީ ދުނިޔެ ހޫނުވުމުގެ ސަބަބުން ރާއްޖެ ފަދަ ތިރި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ނުރައްކާތަކެވެ.

މިހެންވެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، ދިރިއުޅެވޭނެ މަގުފަހިކޮށްދޭން ކުރަން ޖެހޭ ހޭދަ ދަނީ އިތުރުވަމުންނެވެ. މީގެ ސަބަބުން ބަޖެޓުން އަސާސީ ކަންކަމަށާއި އިޖުތިމާއި ކަންކަމަށް ހަރަދުކުރަން ހުންނަ ފައިސާ މަދުވެ، ދަރަނި ނަގައިގެން ކުރަން ޖެހޭ ހޭދަ ދަނީ އިތުރުވަމުންނެވެ.

ތިރީގައި މި ބަލާލަނީ މިގޮތުން ފާހަގަކޮށްލެވޭ އަދަދުތަކަށެވެ.

123 ބިލިއަން ރުފިޔާ

މިއީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވާން ރާއްޖެއިން ކޮންމެހެން ކުރަންޖެހޭ ކަންކަމަށް ހިނގާނެ ޖުމްލަ ހަރަދެވެ.

މި އަދަދަކީ މި އަހަރަށް ފާސްކުރި ޖުމްލަ ބަޖެޓުގެ ތިންގުނައަށް ވުރެ އިތުރު އަދަދެެކެވެ. މި އަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއާ އަޅާކިޔާ ނަމަ ފަސް ގުނަ އިތުރެވެ. އަދި ތިމާވެށި ރައްކާތެރިކުރަން މި އަހަރު ބަޖެޓުކުރި ފައިސާގެ 83 ގުނަ އިތުރު އަދަދެކެވެ.

މިދިޔަ މަހު ބޭއްވި ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން ވާކް ޕްރޮގްރާމުގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މި ފައިސާ ބޭނުންވާކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވީ މިއާ ގާތްކުރާ ވަރަށް ވެސް ދިވެހިންގެ އަތުގައި ފައިސާ ނެތް ކަމަށް ވިދާޅުވަމުންނެވެ.

3228 ޕަސެންޓު

މިއީ ތިމާވެށި ރައްކާތެރިކުރަން ފާއިތުވި 10 އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ކުރި ހޭދަ އިތުރުވީ މިންވަރެވެ.

މި ފައިސާ ހަރަދުކުރި ކަންކަމުގެ ތެރޭގައި ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށާއި، ކުނި ނައްތާލުމުގެ އިތުރުން އިއާދަކުރެނިވި ހަކަތައިގެ މަޝްރޫއުތައް ހިމެނެ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ތިމާވެށި ރައްކާތެރިކުރަން ކުރާ ހަރަދު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.

އެގޮތުން 2011 ވަނަ އަހަރު ތިމާވެށި ރައްކާތެރިކުރަން ބަޖެޓުން ހަރަދު ކުރީ 44.5 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ރިވައިޒްކުރި ބަޖެޓުގައިވާ ގޮތުގައި ތިމާވެށި ރައްކާތެރިކުރަން 1.4 ބިލިއަން ރުފިޔާ ހަރަދުވި އެވެ. ފިނޭންސް މިނިސްޓްރީގެ ލަފާކުރުންތަކުން ދައްކާ ގޮތުގައި 2024ގެ ނިޔަލަށް ތިމާވެށި ރައްކާތެރިކުރަން ކުރަން ޖެހޭ ހަރަދު 1.8 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

6 ބިލިއަން ރުފިޔާ

މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރަން ބަޖެޓުން ހަރަދު ކުރި ފައިސާ އެވެ.

މި ފައިސާގެ ތެރެއިން ދެބައި ކުޅަ އެއް ބައި ހަރަދުކުރީ އާންމު ބަޖެޓުންނެވެ. ރެކޯޑުތަކުން ދައްކާ ގޮތުގައި 2011-2021 އަށް ތިމާވެށި ރައްކާތެރިކުރުމުގެ ކަންކަމަށް އާންމު ބަޖެޓުން 3.2 ބިލިއަން ރުފިޔާ ހަރަދު ކުރި އެވެ. ބާކީ ފައިސާ ހަމަޖެއްސީ ހިލޭ އެހީ އާއި ލޯނާއި ޓްރަސްޓު ފަންޑުތަކުންނެވެ.

ކުރިން ޑޮމެސްޓިކް ބަޖެޓުން ގިނަ މަޝްރޫއުތައް ހިންގި ނަމަވެސް، ވޭތުވި ފަސް އަހަރުގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރަން ފައިނޭންސިން ޓްރެންޑްތައް ވަނީ ބަދަލުވެފަ އެވެ. މިހާރު ގިނަ ހަރަދުތައް ހަމަޖައްސަނީ ލޯނާއި ހިލޭ އެހީންނެވެ. ދެން ޓްރަސްޓް ފަނޑުތަކުންނެވެ.

30 ޕަސެންޓު

މިއީ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ މޫސުމީ އާރައްކާތަކުން ސަލާމަތްވާން ބަޖެޓުން ކުރާ ހޭދައިގެ އިންސައްތަ އެވެ.

މި ހަރަދުތަކުގެ ކްލައިމެޓް އެޑެޕްޓޭޝަން އަދި މިޓިގޭޝަނަށް ބަޖެޓުކުރެވޭ ފައިސާ އާއި އަހަރުގެ ތެރޭގައި ދިމާވާ ކަންކަމުގެ ސަބަބުން ހަރަދުކުރަން ޖެހޭ ފައިސާ ހިމެނެ އެވެ. މިގޮތަށް ބައެއް ފަހަރު ރިކަރަންޓު ބަޖެޓުން ވެސް ބައެއް ހަރަދުތައް ހަމަޖައްސަން ޖެހިފައި އެބަހުއްޓެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތަކާއި އުދައެރުމާއި ހޫނު މޫސުމުގައި ފެނަށް ޖެހޭ މިންވަރު ދަނީ އިތުރުވަމުންނެވެ. ފެންބޮޑުވުމުގެ ހާދިސާތަކުގައި ގެދޮރަށް ފެން ވަދެ ލިބޭ ގެއްލުންތައް ފޫބައްދަން ޖެހޭ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ. ހަމައެހެންމެ އާދަޔާ ހިލާފަށް ރަށް ގިރުމުގެ ހާދިސާތައް އިތުރުވެ، އެކަން ހުއްޓުވަން އިމަޖެންސީކޮށް ކުރަން ޖެހޭ ހޭދަ ވެސް ދަނީ އިތުރުވަމުންނެވެ.

1.5 ބިލިއަން ރުފިޔާ

މިއީ ތިމާވެށި ރައްކާތެރިކުރަން ހިންގާ އެކިއެކި މަޝްރޫއުތަކަށާއި އެހެނިހެން ކަންކަމަށް މި އަހަރަަށް ބަޖެޓުކުރި ފައިސާ އެވެ.

މި ފައިސާގެ ތެރެއިން ބޮޑު ބަޔެއް ހަރަދުކުރާނީ ރަށްރަށުގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމުކުރާށެވެ. އައިލްސް ވެބްސައިޓުގައި ހުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި މިވަގުތު ވެސް ފެނާއި ނަރުދަމާ ގާއިމްކުރުމުގެ 95 މަޝްރޫއު ރާއްޖޭގެ އެކިކަންކޮޅުުތަކުގައި ހިނގަމުން އެބަދެ އެވެ. މި މަޝްރޫއުތައް ނިމުމުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރެވޭނެ އެވެ.

ދެވަނައަށް އެންމެ ބޮޑު ހަރަދެއް ހިނގަނީ ކުނި ނައްތާލުމަށެވެ. މިއީ މިހާރު ރާއްޖެއަށް ދިމާވެފައިވާ، ހާއްސަކޮށް އާބަދީ ބޮޑު ރަށްރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. ދެން އެންމެ ބޮޑު ހަރަދެއް ހިނގަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށެވެ.

115

މިއީ ތިމާވެށި ރައްކާތެރިކުރުމުގެ ތެރެއިން ފެނާއި ނަރުދަމާ ގާއިމުކުރުން ހިމެނޭ ގޮތަށް މިވަގުތު ރާއްޖޭގައި ހިނގަމުންދާ ޕްރޮޖެކްޓުތަކެވެ.

މި ޕްރޮޖެކްޓުތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ބިޔަ މަޝްރޫއުތަކާއި އަވިން ހަކަތަ އުފައްދަން ހިންގާ މަޝްރޫއުތައް ވެސް ހިމެނެ އެވެ. މި މަޝްރޫއުތަކަކީ ވާލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު ފަދަ ތަންތަނުން ދީފައިވާ ލޯނާއި ހިލޭ އެހީގެ އިތުރުން ދޭދޭ ގައުމުތަކުން ނަގާފައިވާ ލޯނުތައް ވެސް ހިމެނެ އެވެ.

ހިނގަމުންދާ ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫއުތައް

  • ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުން - 95
  • ކުނި މެނޭޖުކުރުން - 5
  • ގޮނޑުދޮށްތަކާއި ތިމާވެށީގެ ގޮތުން ހާއްސަ ތަންތަން ރައްކާތެރިކުރުން - 12
  • އިޔާދަކުރަނިވި ހަކަތަ - 3

މިގޮތުން ފާހަގަކޮށްލެވޭ މަޝްރޫއުތަކުގެ ތެރޭގައި ހދ. އަތޮޅުގެ ތިން ރަށެއްގައި ހިންގާ 3.5 މެގަވޮޓުގެ ސޯލާ ޕީވީ އާއި ބެޓަރީ ހަރުކުރުމާއި، އާބާދީ ބޮޑު ތިން ސިޓީއެއް ހިމެނޭހެން ހަ ރަށެއްގައި 11 މެގަވޮޓުގެ ސޯލާ ޕީވީ ހަރުކުރުމާއި ތިލަފުށީ ވޭސްޓް މެނޭޖްމަންޓު ސެންޓަރު އަދި ކުނިން ހަކަތަ އުފައްދާ މަރުކަޒުތައް ގާއިމުކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ.