Advertisement

އޮކްޓޯބަރު މަހުގެ ތެރޭ ސްރީލަންކާ އިން ކާބޯތަކެތި ހުސްވާނެ ކަމުގެ އިންޒާރު ރަނިލް ދެއްވައިފި

5 ޖޫން 2022 - 05:29 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އޮކްޓޯބަރު މަހުގެ ތެރޭ ސްރީލަންކާ އިން ކާބޯތަކެތި ހުސްވާނެ ކަމުގެ އިންޒާރު ރަނިލް ދެއްވައިފި

5 ޖޫން 2022 - 05:29 1

ކުރިއަށް އޮތް ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހުގެ ތެރޭގައި ސްރީލަންކާ އިން ކާބޯތަކެތި ހުސްވެދާނެ ކަމުގެ އިންޒާރު އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ދެއްވައިފި އެވެ.

މިވަގުތު ވެސް އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް ލަންކާ އަށް އަދި ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް ގިނަކަން ފާހަގަކުރައްވައި ރަނިލް ވަނީ ކުރީ ސަރުކާރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އެހީތެރިކަން ހޯދާފައި ނުވުމަކީ މިފަދަ ކާރިސާއަކަށް ގައުމު ވެއްޓުނު ސަބަބު ކަމަށް ވިދާޅުވެފަ އެވެ.

"ޔޫކްރެއިންގެ ކާރިސާގެ ތެރޭގައި ލަންކާގެ ކާރިސާ ހިމަނާނެ ކަމެއް ނެތް. ލަންކާގެ ކާރިސާ އިތުރަށް ގޯސްވާނީ ޔޫކްރެއިންގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން،" ރަނިލް ވިދާޅުވި އެވެ.

ދަނޑުވެރިކަން ކުރަން ބޭނުންވާ ވަރަށް ލަންކާގައި ގަސްކާނާ ވެސް ނެތެވެ. އެކަން ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ގޮތެއް ހޯދިއްޖެނަމަ އަންނަ ފެބްރުއަރީ އިން ފެށިގެން އަމިއްލަ އަށް ކާބޯތަކެތި އުފެއްދޭނެ ކަމަށް ރަނިލް ހާމަކުރެއްވި އެވެ.

"އިގްތިސާދު ފެއިލްވަމުންދާ ވަރަކަށް ގިނަ ވަޒީފާތަކެއް ދާނީ ގެއްލެމުން. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދަނީ ބަނގުރޫޓުވަމުން. ދުވާލަކު ތިން ފަހަރު ނުކެވޭ ދުވަހެއް ވެސް އައިސްދާނެ،" ރަނިލް ވިދާޅުވި އެވެ.

މިވަގުތު މަރުކަޒީ ބޭންކުން ނިންމާ ނިންމުންތަކަށް އެއްވެސް ވަރެއްގެ ނުފޫޒެއް ފޯރުވަން ބޭނުން ނުވާ ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ. ނަމަވެސް، އެ ނިންމުންތަކުގެ ނަތީޖާ ނުފެންނަ ނަމަ ސަރުކާރުން އެކަމުގެ ތެރެއަށް ވަންނަން ޖެހޭނެ ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.

ބޭރު ފައިސާ ލިބުން ދަތިވެ ލަންކާގެ އިގްތިސާދު މިވަގުތު އޮތީ އެއްކޮށް ބަނގުރޫޓުވެފަ އެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާއިރު ބޭރު ގައުމުތަކުން ނަގާފައިވާ ދަރިނަތައް ވެސް އެގައުމަށް ދެއްކޭނެ ގޮތެއް ނެތެވެ.