Advertisement

ބީއެމްއެލްގެ ސީއީއޯ މަގާމުގެ ކޮންޓްރެކްޓް އާ ނުކުރަން ޓިމް ނިންމަވައިފި

2 ޖޫން 2022 - 11:11 0

ބީއެމްއެލްގެ ސީއީއޯ ޓިމް: އޭނާގެ ސީއީއޯ މަގާމުގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމައިފި


ބީއެމްއެލްގެ ސީއީއޯ މަގާމުގެ ކޮންޓްރެކްޓް އާ ނުކުރަން ޓިމް ނިންމަވައިފި

2 ޖޫން 2022 - 11:11 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ޓިމް ސޯޔާ މިދިޔަ ތިން އަހަރު ދުވަހު ތެރޭގައި ބޭންކަށް ރަނގަޅު ނަތީޖާތަކެއް ހޯއްދަވައި ދެއްވުމަށް ފަހު، އެ މަގާމުން ވަކިވެވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.

މިއަދު ހެނދުނު ބޭންކުގެ މުވައްޒަފުންނަށް އޭނާ ފޮނުއްވި މެސެޖެއްގައި ވަނީ ބޭންކާ އެކު އޮތް އެއްބަސްވުން ނިމުމަކަށް އަންނައިރު އެއަށް ފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރު ނުކުރުމަށް ބޭންކުގެ ބޯޑާއެކު އެއްބަސްވެފައިވާ ކަމަށެވެ.

ދެން ބޭންކްގައި އޭނާ ހިދުމަތް ކުރައްވާނީ މަހެއް ނުވަތަ ދެ މަހެއްހާ ދުވަހު ކަމަށް ވެސް އެ މެސެޖްގައިވެ އެވެ.

"މިދިޔަ އަހަރުތަކަކީ ބޭންކަށް ވަރަށް ދަތި އުނދަގޫ އަހަރުތަކެއް، ނަމަވެސް އެ ދަތިތަކުން އަރައިގަނެ މިއަދު ބޭންކު މި އޮތީ ކުރިމަގުގައި ވެސް ކާމިޔާބު ހޯދޭނެ ވަރަށް ވެސް ރަނގަޅު ހާލަތެއްގައި، އަޅުގަނޑާއެކު މި މުއްދަތުގައި މުވައްޒަފުން ހޯދި ކާމިޔާބީއަށް ފަހުރުވެރިވަން،" ކޮވިޑްގެ ބަލިމަޑުކަމާއި އިގްތިސޯދީ ތަދުމަޑުކަމުގައި ބޭންކް ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި ޓިމް ފޮނުއްވި މެސެޖްގައިވެ އެވެ.

މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ 1.9 ބިލިއަން ރުފިޔާ ސާފު ފައިދާ ހޯދާފަ އެވެ. ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާދާރަކީ ދިވެހި ސަރުކާރެވެ. ބޭންކުން ވަނީ ޕްރޮފިޓް ޓެކްސްގެ ގޮތުގައި 543 މިލިއަން ރުފިޔާ ސަރުކާރަށް ދީފަ އެވެ. އަދި ޑިވިޑެންޑގެ ގޮތުގައި 131 މިލިއަން ރުފިޔާ އެވެ.

ބީއެލްއެމްއާ އެކު އޮތް ޓިމްގެ ކޮންޓްރެކްޓް އޭނާ އާ ނުކުރަން ނިންމެވިއިރު، ދާދި ފަހުން ބޭއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ޓިމް ވަނީ ބޭންކުގެ ކުރިމަގާއި ރާއްޖޭގެ މުޅި އިގްތިސޯދުގެ ހާލަތާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކަވައިފަ އެވެ.

ޓިމް ވަނީ ދުނިޔޭގެ އިގުތިސޯދީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް އިރު، އެ ކަމުގެ ދަތިތައް ރާއްޖެއަށް ވެސް ކުރިމަތިވެދާނޭ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އެ ކަމަށް ދުރާލައި ތައްޔާރުވާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.