Advertisement

ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ ޔާމީންގެ އަޑުއެހުން ކެންސަލް

2 ޖޫން 2022 - 10:25 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: މިއަދު ލައިވް ކުރަން ފަށަން ހަމަޖެހިފައިވާ ޝަރީއަތުގެ އަޑުއެހުން ކެންސަލް - ފޮޓޯ: އަދަދު


ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ ޔާމީންގެ އަޑުއެހުން ކެންސަލް

2 ޖޫން 2022 - 10:25 0

ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ލައިވް ކުރާ ގޮތަށް މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލު ކުރީ މިއަދު މެންދުރުފަހު 1:00 ޖަހާއިރަށެވެ.

"މައްސަލަ ބައްލަވާ ގާޒީ [އިސް ގާޒީ އަހްމަދު ޝަކީލް] އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ އަޑުއެހުން ކެންސަލް،" ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މީޑިއާތަކާ ހިއްސާ ކުރި މެސެޖްގައިވެ އެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފައިވާއިރު، ކުރިމިނަލް ކޯޓުން ވަނީ އަޑުއެހުން ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރަން ހަމަޖައްސާފަ އެވެ.

ޔާމީންގެ މައްޗަށް ކުރިން ކުރިމިނަލް ކޯޓުގައި ގއ. ވޮޑުމުލާއާ ގުޅޭ ޝަރީއަތް ލައިވްކޮށް ކުރިއަށް ދިޔައިރު, އާރަށުގެ މައްސަލާގެ ޝަރީއަތް ލައިވްކުރުމަށް ޔާމީން ކޯޓުގައި ތަކުރާރުކޮށް ގެންދެވީ އެދިވަޑައިގަންނަވަމުންނެވެ.

ނަމަވެސް, މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ނިންމަވާފައި އޮތީ މައްސަލަ ޝަރީއަތުގެ މަރުހަލާއާ ހިސާބަށް ދިޔުމުން ލައިވްކުރަން ފައްޓަވާށެވެ. މައްސަލާގެ ޝަރީއަތުގެ މަރުހަލާ މާދަމާ ފަށާއިރު, އިބްތިދާއީ ފަހު އަޑުއެހުމުގައި ލައިވް ކުރުމާ ގުޅޭ ގޮތުން ޔާމީން ސުވާލު ކުރެއްވުމުން އިސްގާޒީ ވަނީ ޝަރީއަތް ފަށާނީ ލައިވްކޮށްގެން ކަމަށް ވިދާޅުވެފަ އެވެ.

އާރަށު މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ. ދައުލަތުން ތުހުމަތުކޮށްފައިވާ ގޮތުގައި ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވެ އެވެ.

މީގެއިތުރުން ރ. ފުއްގިރި މައްސަލައިގައި ވެސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އުފުލައި, ކުރިމިނަލް ކޯޓުގައި ޝަރީއަތް މިހާރު ކުރިއަށްދެ އެވެ.

ފުއްގިރި މައްސަލާގައި ދައުލަތުން ޔާމީންގެ މައްޗަށް ތުހުމަތުކުރާ ގޮތުގައި ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުގައި އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް 2015 ވަނަ އަހަރު، 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި އެމަނިކުފާނު ވަނީ ގަބޫލުކޮށްފަ އެވެ. އަދި އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަންގެ ދެ ކުންފުންޏެއް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަކަށް ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށެވެ.

ޔާމީންގެ ނަމުގައި އޮތް އިސްލާމިކް ބޭންކްގެ ސޭވިން އެކައުންޓަކަށް އެ ފައިސާ ޖަމާކުރުމަށް ފަހު، ޖެނަރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށް މަންފާ ހޯދައި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރެ އެވެ.