Advertisement

ކާރިސާ އިން އަރައިގަތުމަށް ހަނޑޫ ހައްދަން ލަންކާގެ ސަރުކާރުން ދަނޑުވެރިންނަށް ގޮވާލައިފި

2 ޖޫން 2022 - 05:43 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ކާރިސާ އިން އަރައިގަތުމަށް ހަނޑޫ ހައްދަން ލަންކާގެ ސަރުކާރުން ދަނޑުވެރިންނަށް ގޮވާލައިފި

2 ޖޫން 2022 - 05:43 0

އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް ސްރީލަންކާ އިން ހަނޑޫ ހެއްދުން އިތުރުކުރުމަށް އެގައުމުގެ ދަނޑުވެރިންނަށް ގޮވާލައިފި އެވެ.

ބޭރު ފައިސާ ހުސްވެ ދަރަނި ދެއްކޭނެ ގޮތެއް ނެތިވެ ލަންކާގެ މާލީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. މިއީ ފާއިތުވެދިޔަ 70 އަހަރުގެ ތެރޭ އެގައުމުން ތަހައްމަލުކުރާ އެންމެ ބޮޑު އިގްތިސާދީ ކާރިސާ އެވެ.

އިގްތިސާދީ ކާރިސާގެ ފަހަތުން ކާބޯތަކެތީގެ ކާރިސާއެއް ވެސް ވަނީ ބޯމަތިވެފަ އެވެ. އެ ގައުމުން ކާބޯތަކެތި ލިބުން ދަތިވެ އަގުތައް ވަނީ އިންތިހާއަށް އުފުލިފަ އެވެ. އަންގާރަ ދުވަހު ލަންކާގެ ސަރުކާރުން ވަނީ ޓެކްސް ނަގާ ރޭޓުތައް ވެސް މަތިކޮށްފަ އެވެ.

"ކާބޯތަކެތީ ލިބުމުގެ މައްސަލަ ބޮޑުވަމުންދާކަން އެއީ ހަގީގަތެއް. ކުރިއަށް އޮތް ފަހެއް ނުވަތަ 10 ދުވަހުގެ ތެރޭ ދަނޑުތަކަށް ނުކުމެ ހަނޑޫ ހެއްދުމަށް ދަނޑުވެރިންގެ ކިބައިން އެދެން،" ލަންކާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވި އެވެ.

އޮގަސްޓު މަހުގެ ތެރޭ ކާބޯތަކެތީގެ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް އެގައުމުން އަންނަނީ ހޯދަމުންނެވެ.

ލަންކާ އިން އަންނަނީ އެހީގެ ގޮތުގައި 100،000 މެޓްރިކް ޓަނުގެ ކާބޯތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މެއި މަސް ނިމުނުއިރު ލަންކާގެ އިންފްލޭޝަން ރޭޓު ހުރީ 39.1 ޕަސެންޓުގަ އެވެ. އެއީ ރެކޯޑު މަތިވުމެކެވެ.