Advertisement

ޝަމީމް ވަކިކުރަން އެމްޑީޕީ ބައެއް މެންބަރުން މަސައްކަތް ފަށައިފި

1 ޖޫން 2022 - 14:51 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، ޝަމީމް މަގާމުން ވަކިކުރަން އެމްޑީޕީގެ ބައެއް މެންބަރުން ބޭނުންވޭ - ފޮޓޯ: އަދަދު ފައިލް


ޝަމީމް ވަކިކުރަން އެމްޑީޕީ ބައެއް މެންބަރުން މަސައްކަތް ފަށައިފި

1 ޖޫން 2022 - 14:51 0

ޕްރޮސެކިއުޓާ ޖެނެެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި 65 މެންބަރުން ތިއްބެވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް މެންބަރަކު މިއަދު އެ ކަން ހުށަހެޅުއްވި ނަމަވެސް, ފަހުން މައްސަލަ އެޖެންޑާ ނުކުރަން ގްރޫޕްގެ ލީޑާޝިޕުން ނިންމި އެވެ.

"މައްސަލައިގެ ބާވަތަށް ބަލާފައި ޕާލިމެންޓްރީ ގްރޫޕްގެ ލީޑާޝިޕަށް ގަބޫލު ކުރެވުނީ މިއީ ވަކިން ހުށަހަޅައި އެޖެންޑާ ކޮށްގެން ގެންދަން ޖެހޭ ވަރުގެ ކަމެއް ކަމަށް،" މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ގޮތުގައި ހުންނެވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މި ނޫހަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިއަދު ޕާލިމެންޓްރީ ގްރޫޕަށް އެ ހުށަހެޅުން އައީ ބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ "އެހެނިހެން" މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ތެރެއިން ކަމަށެވެ. އެ ހުށަހެޅުއްވުމަށް ބައެއް މެންބަރުންގެ ތާއީދު ވެސް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމު ގޮތެއްގައި އެޖެންޑާގައި ހިމެނޭ އެހެނިހެން ބައިގައި މި ގޮތަސް ހުށަހެޅޭ ހުށަހެޅުންތަކަށް ތާއީދު ލިބުމުން ވޯޓަށް ވެސް އަހާފައި އޮންނާނެ، އެކަމަކު މި މައްސަލަ ބޮޑުވުމުން އަޅުގަނޑުމެންގެ ލީޑާޝިޕުން ނިންމީ ވަކި ބައްދަލުވުމަކަށް އެޖެންޑާކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން،" އޭނާ ވިދާޅުވި އެވެ.

ޕާލިމެންޓްރީ ގްރޫޕަށް އެ މައްސަލަ ހުށަހެޅުއްވީ ކޮން މެންބަރެއް ކަމެއް އަސްލަމް ވިދާޅެއް ނުވެ އެވެ.

ޕީޖީ ޝަމީމްއާ ގުޅޭ ގޮތުން މެންބަރުންގެ ހިތްހަމަނުޖެހުން އޮތް ސަބަބެއް އަދި މުޅިން ސާފެއް ނުވެ އެވެ. ނަމަވެސް, އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައެއް މައްސަލަތަކުގައާއި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރުން ލަސްވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވެ އެވެ.