Advertisement

ސަބްސިޑީގެ ނަމުގައި ކުރާ އިސްރާފުގައި އުނގުރި ޖަހާ ވަގުތު ޖެހިފައި

1 ޖޫން 2022 - 11:05 4

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ސަބްސިޑީގެ ނަމުގައި ކުރާ އިސްރާފުގައި އުނގުރި ޖަހާ ވަގުތު ޖެހިފައި

1 ޖޫން 2022 - 11:05 4

ރާއްޖޭގެ އިގުތިސޯދު މިސްރާބު ރަނގަޅުކަމަށް ބުނެ ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ތަސައްލީގެ ނިވަލުގައި ވައި އަޑުން ނަމަވެސް, ގޮންޖެހުންތަކެއް ހުރި ކަން ވަނީ އެއްބަސްވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވެސް ވަނީ "ރާއްޖެއާ ނުބެހޭ" ދުނިޔޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ދަތިތަކުގެ އަސަރު ރާއްޖެއަށް ވެސް ފޯރާނޭ ކަމަށް އިއުތިރާފުވެ ވަޑައިގެންފަ އެވެ.

"މި ހުރިހާ ކަމެއްގެ ތެރޭގައި އަޅުގަނޑުމެން ކުރިއަށް ދާން މި ޖެހެނީ. އިރާދަކުރެއްވިއްޔާ އެހެންނަމަވެސް އަޅުގަނޑުމެންގެ އިގްތިސޯދު ދުވެލި ހުރީ ރަނގަޅު ދިމާލަށް. ހަރަދުތައް ބޮޑުވުމާއެކީގައި ގެންނަން ޖެހޭ ބަދަލުތައް ޕްރޮޖެކްޓުތައް ގެނެސް، ރަނގަޅު މިސްރާބަށް ކުރިއަށް ގެންދާނަން،" މިދިޔަ ހަފްތާގައި ބޭއްވި "ވިއަވަތި" ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

އެ ދެ ބޭފުޅުން ވެސް މި އިޝާރާތް ކުރައްވަނީ މިހާރު ހިނގަމުންދާ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އުފުލެމުންދާ އަގުތަކަށެވެ. ރާއްޖެއާ އެންމެ ގާތުން އޮތް ސްރީ ލަންކާ ވެއްޓިފައިވާ އިގުތިސޯދީ ކާރިސާ އަކީ މިސާލެކެވެ. ލަންކާ ފަދައިން އިމްޕޯޓަށް ބަރޯސާ ވެފައިވާ ރާއްޖޭގެ މަލަމަތިން ވެސް ފައްކާ ވަމުންދަނީ ހަމަ އެ ނުރައްކަލެވެ.

ބަޖެޓު ނުކުރާ ވަރަށް ހަރަދު އިންތިހާއަށް މަތިވުން

ރާއްޖޭން ބިލިއަނުން ނަގާފައިވާ ދަރަނިތައް ދެއްކޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭން ފެށީ ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކު ޖޭޕީމޯގަން ޗޭސްއިން އިންވެސްޓަރުންނަށް ފޮނުވި ނޯޓެއްގައި ރާއްޖެ ހިމެނޭގޮތަށް އަށް ގައުމެއްގެ ފޮރިން ރިޒާވު އަންނަ އަހަރުގެ ނިޔަލަށް ހުސްވެ، ޑީފޯލްޓް ވެދާނެ ކަމަށް ބުނުމާ ގުޅިގެނެވެ.

ދަރަނި އަދާކުރުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ދިމާނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު މިދިޔަ ހަފްތާގައި މަޖިލީހުގެ އިގުތިސޯދީ ކޮމިޓީގައި ވިދާޅުވީ ވެސް ޖޭޕީ މޯގަންގެ ނޯޓަށް ރައްދު ދެއްވަމުންނެވެ.

އެ ޔަގީންކަމުގެ މަތީގައި އަމީރު ހުންނަވި ނަމަވެސް، ބަޖެޓަށް ފިއްތުންތަކެއް ހުރި ކަމަށް އެ ދުވަހު އެއްބަސްވެވަޑައިގެންނެވި އެވެ. އަމީރު ވިދާޅުވި ގޮތުންނަމަ ދައުލަތުގެ ބަޖެޓަށް ހުރި ފިއްތުންތައް ސީދާ ގުޅެނީ ތެލާއީ ކާޑުގެ ބާވަތްތައް ސަބްސިޑައިޒްކުރަން ކުރަން ޖެހޭ ހޭދަ އިތުރުވުމާ އެވެ.

ސީދާ އަދަދެއް ވިދާޅުނުވި ނަމަވެސް އަމީރު ވަނީ ސަބްސިޑީއަށް ކުރާ ހޭދަ ބޮޑުތަނުން އިތުރުވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. މިއާ އެކީ ބަޖެޓުކުރި ވަރަށް ވުރެ ބޮޑު އަދަދެއް ހޭދަކުރަން ޖެހި، މިހާރު ވެސް ފައިނޭންސިން ދަތިތައް ދިމާވެފައިވާ ބަޖެޓަށް އިތުރަށް ދަތިވާނެ ކަމަށް ވިދާޅުވި އެވެ.

"ޔޫކްރެއިންގައި މިހިނގާ ހަނގުރާމައާ އެއްކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެއްޖެ. ފުޑް ޕްރައިޒަސް މަތިވެއްޖެ. އެއާ އެއްކޮށް ރާއްޖެއަކީ ސީދާ ރައްޔިތުންނަށް އެ ޕާސް ނުކޮށް ފިއުލް ސަބްސިޑީ، ފުޑް ސަބްސިޑީ ދޭ ގައުމަކަށް ވާތީވެ، ބަޖެޓުން ކުރާ ހޭދަ އިތުރުވެއްޖެ. އެހެންވެ ފިސްކަލް ސްޕޭސް ވަރަށް ބޮޑަށް ސްޓްރެއިން ވެއްޖެ،" އަމީރު ވިދާޅުވި އެވެ.

ކާޑު ސަބްސިޑީގެ ނަމުގައި ކުރާ އިސްރާފު

ރާއްޖޭގައި ސަބްސިޑީގެ ނަމުގައި ކުރާ ހޭދައަކީ ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުން އަބަދުވެސް ކަންބޮޑުވުންފާޅުކުރާ އެއް މައްސަލަ އެވެ. ތެލާއި، ކާޑާއި، ދަތުރުފަތުރު ފަދަ ގިނަ ދާއިރާތަކަށް މުތުލަގުކޮށް އެންމެންނަށް ސަބްސިޑީ ލިބޭތީ އެވެ. އެ ހަރަދުގައި ފަގީރެއް، މަހުޖަނެއް، ދޭސީ ބިދޭސީއެއް ވެސް އިސްތިސްނާއެއް ނުވެ އެވެ.

ހަމައެކަނި ކާޑު ސަބްސިޑީއަށް ދައުލަތުގެ މާލިއްޔަތުން ވަމުންދާ އިސްރާފު އެންމެ ރަނގަޅަށް ހާމަވެގެން ގޮސްފައިވަނީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިސްޓުން އައުން މުޅިންހެން ހުއްޓުމާ ގުޅިގެނެވެ.

ކާބޯތަކެތީގެ ސަބްސިޑީގެ ގޮތުގައި ދައުލަތުން ސަބްސިޑީ ދެވެނީ ހަނޑޫ، ހަކުރު އަދި ފުށް ފަދަ ކާޑުގެ ބާވަތްތަކަށެވެ. މިއީ އެސްޓީއޯއިން ވިއްކާ ހަނޑޫ، ހަކުރު އަދި ފުށް ދައުލަތުން އަންގާ ކޮންޓްރޯލްޑް އަގެއްގައި ވިއްކާތީ އެ ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށް ދައުލަތުން ދޭ ސަބްސިޑީ އެކެވެ.

މި އުސޫލުން ކާބޯތަކެތީގެ ސަބްސިޑީ ދިނުމަށްޓަކައި ސަރުކާރުން 350 މިލިއަން ރުފިޔާއަށްވުރެ ގިނައިން ކޮންމެ އަހަރަކު ހަރަދުކުރަންޖެހޭއިރު، މި ސަބްސިޑީގެ 99.9 ޕަސަންޓަކީ އެސްޓީއޯއަށް ދޭ ބަދަލެވެ.

އެސްޓީއޯ


ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރު މި ސަބްސިޑީއަށް ދައުލަތުން 311.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ޖެހިގެން އައި އަހަރު 352.6 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

ނަމަވެސް، ކޮވިޑުގެ ބަލިމަޑުކަން ލައިގަނެ، ބޯޑަރު ބަންދުކުރި 2020 ވަނަ އަހަރު އެ އަދަދު ވަނީ 210.6 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 40.3 ޕަސަންޓުގެ ވެއްޓުމެކެވެ.

ކާބޯތަކެތީގެ ސަބްސިޑީ އިން ޓޫރިޒަމް ސެކްޓަރަށް ހޭދަކުރެވޭ މިންވަރު ފާހަގަކުރަމުން ފިނޭންސުން އޭރު ބުނީ 2019 ވަނަ އަހަރުގެ ހައުސްހޯލްޑް އިންކަމް އެކްސްޕެންޑިޗާ ސާވޭ (ހަޔަސް)ގައި ގޭބިސީތަކުން ކާޑުގެ ބާވަތްތަކަށް ކުރި ހަރަދަށް ބަލާ އަންދާޒާކުރެވެނީ، ގޭބިސީތަކުން ބޭނުންކުރަނީ އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތަކުގެ މަދުބައެއް ކަމަށެވެ.

އެގޮތުން، އެސްޓީއޯއިން 2019 ވަނަ އަހަރު ވިއްކި ހަނޑުލުގެ 57.2 ޕަސަންޓު އަދި ފުށުގެ 49.6 ޕަސަންޓު ގޭބިސީތަކުން ބޭނުންކުރާއިރު، ގޭބިސީތަކުން ބޭނުންކޮށްފައިވަނީ އެސްޓީއޯއިން ވިއްކި ހަކުރުގެ އެންމެ 31.7 ޕަސަންޓެވެ.

ތެލުގެ ހޭދަ އަތް ނުފޯރާ ފަށަށް

ކާބޯތަކެތީގެ އިތުރުން ޔޫކްރެއިންގައި މިހިނގާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި އެންމެ ބޮޑަށް އުފުލިފައިވަނީ ތެލުގެ އަގެވެ. ބޭރުން އިމްޕޯޓުކުރާ ތެލަށް ބަރޯސާވެފައިވާ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ރިޒާވަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ އެކަމަށް ކުރަންޖެހޭ ހޭދަ އެތައް ގުނައެއް މަތިވެފައިވާތީ އެވެ.

މިއަހަރުގެ ބަޖެޓުގައި ސީދާ ތެލުގެ ސަބްސިޑީއަށް އެކަނި 227.6 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ކަރަންޓު ސަބްސިޑީގައި ތެލުގެ އިތުރު ބައެއް ހިމެނޭއިރު، އެކަމަށް 627.3 މިލިއަން ރުފިޔާ ވަނީ ޖަހައިފަ އެވެ.

ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ސްޕީޑަށް ބަލާއިރު، އެ އަދަދު އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ރައީސް ސޯލިހު ވެސް ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.

"ދުނިޔޭގައި ތެލުގެ އަގުބޮޑުވެ، އިތުރު ކޮމޯޑިޓީތަކުގެ އަގު، އެތައް ގުނައެއް އުފުލިގެންދިޔައީ. 70 ޑޮލަރަށް ހުރި ތެޔޮ ފީފާއެއް މިއަދު އެވްރެޖް ގޮތެއްގައި ހުރީ 115 ޑޮލަރަށް. ސަރުކާރުން އަންދާޒާކުރި ވަރަށްވުރެ އެތައް ގުނައެއް ބަޖެޓުން ތެލަށް ހޭދަކުރަން ޖެހިއްޖެ. ސަބްސިޑީގެ ގޮތުގައި އޭރު ކަނޑައަޅާފައި އޮތް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ ބަދަލުގައި މިއަދު ބިލިއަނެއްހާ ރުފިޔާ ބަޖެޓުން ހޭދަކުރަން ޖެހިއްޖެ،" އެމްޑަބްލިޔުއެސްސީގެ ހަފްލާއެއްގައި މިދިޔަ ހަފްތާގެ ތެރޭގައި ރައީސް ވިދާޅުވެފައިވެ އެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް ސަރުވަޝް އާދަމް "އަދަދު"އަށް ވިދާޅުވީ މިއަހަރަށް ބަޖެޓު ހެދިއިރު، ތެލަށް ކުރާ ހޭދަ އަންދާޒާކޮށްފައިވަނީ ތެޔޮ ފީފާއެއް ގާތްގަނޑަކަށް 78 ޑޮލަރަށް ބަލައިގެން ކަމަށެވެ. ނަމަވެސް ތެޔޮ ފީފާއެއްގެ އަގު މިހާރު 120 ޑޮލަރު ފަހަނަ އަޅާ ގޮސްފައިވާއިރު، އޭގެ ނޭދެވޭ އަސަރު ބަޖެޓަށް ކުރާނެ ކަމަށް ސަރުވަޝް ވެސް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ އަގު މަތިވާ މިންވަރު މެނޭޖު ކުރެވޭނެއޭ. އެކަމަށް ހުންނާނެ ފެއިލް ސޭފްތަކެއް ވެސް ލާފައި. އެކަމާ ހެދި ކުރިއަށް އޮތް 19 މަސް ދުވަހުގެ ތެރޭގައި ރިޒާވް ހުސްވެގެން ނުދާނެ،" ޖޭޕީ މޯގަންގެ އަންދާޒާއަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ސަރުވަޝް ވިދާޅުވި ގޮތުގައި މި ދަތިކަން އިތުރަށް ދިގުލައިގެން ގޮސް އަގުތައް މިހާރަށް ވުރެ ބޮޑަށް އުފުލިއްޖެނަމަ، ރައީސް ސޯލިހު ވެސް ވިދާޅުވި ފަދައިން، ދައުލަތުން މިހާރު ކުރާ ހޭދައަށް އިތުރު ވިސްނުންތަކެއް ނެރެން މަޖުބޫރުވާނެ އެވެ.

މީގެ ތެރޭގައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއެކު އުމްރާނީ ތަރައްގީ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ވެސް ގޮތްތަކެއް ކަނޑައަޅަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައްލަކީ ޓާގެޓެޑް ސަބްސިޑީ

މިހާރު ކުރިމަތިވެފައިވާ ފުއްތުންތަކާއެކު ވެސް ރާއްޖޭގެ މާލީ ހާލަތު މެނޭޖު ކުރެވޭނެ ކަމަށް ސަރުކާރުން ބުނަމުންދަނީ އިގުތިސޯދީ ދުވެލީގެ މައްޗަށް ބިނާކޮށެވެ. މި އަހަރު އެންމެ ދުވެލި ބާރު އިގުތިސޯދުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަން ވާލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ފަދަ މާލީ އިދާރާތަކުން ބުނެފައިވާ ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ.

އެގޮތުން މައި ސިނާއަތް ޓޫރިޒަމް ހިމެނޭހެން ކޮންސްޓްރަކްޝަނާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތްތައް ބަރާބަރަށް ހިނގަމުންދާ ކަން އަމީރު ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ. ވަކިން ހާއްސަކޮށް ޓޫރިޒަމަށް ބަލާއިރު، އަންދާޒާ ކުރި 1.6 މިލިއަން ޓޫރިސްޓުން އަންނާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖެނުއަރީ، ފެބްރުއަރީ، މާޗް، އޭޕްރީލް، މޭ، މިހާތަނަށް އައިއިރު އަޅުގަނޑުމެންގެ ހަމަ ފޯކާސްޓާ ގާތްގަނޑަކަށް އެއްވަރަކަށް ޓޫރިސްޓުން އެބައާދޭ. 2019 ވަނަ އަހަރުގެ ހަމަ މި މުއްދަތާ އަޅާ ބަލާއިރު އަޅުގަނޑުމެންގެ 2022 ވަނަ އަހަރު، ގާތްގަނޑަކަށް 92 ޕަސެންޓު.. އެޗީވްވެއްޖެ،" މަޖިލީހުގެ ކޮމިޓީގައި އެ ދުވަހު އަމީރު ވިދާޅުވި އެވެ.

އެކަމަކު ދުނިޔޭގެ އަގުތައް އުފުލުމުގައި ރާއްޖޭގެ މާލިއްޔަތަށް ކުރާ އަސަރު ހަގީގީ ސަބަބު ދެމި އޮންނާނެ އެވެ. ޓޫރިސްޓުންގެ އަދަދު އިތުރުވާ މިންވަރަށް ސަބްސިޑީގެ ސިފައިގައި ދައުލަތުން ކުރާ ހޭދަ ވެސް މަތިވުމަކީ ހަގީގީ މައްސަލައަށް އަންނާނެ ހައްލެއް ކަމަށް ނުފެނެ އެވެ.

މިއަހަރަށް ސަރުކާރުން ލަފާކޮށް ހުށަހެޅި ބަޖެޓުގައި ސަބްސިޑީގެ މައްސަލައަށް ހައްލުތަކެއް ވެސް ހިމެނި އެވެ.

ފިނޭންސުން އޭރު ބުނި ގޮތުގައި އެހެން ގައުމުތަކުން ވެސް މީގެ ކުރިން ކާބޯތަކެތީގެ ސަބްސިޑީ ދެމުންގެންދިޔައީ އިންޑައިރެކްޓް ސަބްސިޑީއެއް ގޮތުގައި ނަމަވެސް، ގިނަ ގައުމުތަކުން މިހާރު ވަނީ ސަބްސިޑީ ދޭ އުސޫލު ޓާގެޓެޑް ސަބްސިޑީއަކަށް ބަދަލުކޮށްފަ އެވެ.

މިގޮތުން ސަބްސިޑީ ދިނުމުގައި ފުޑް ޓްރާންސްފާ، ވައުޗާ އަދި ކޭޝް ޓްރާންސްފާ ދިނުން ފަދަ އުސޫލުތައް ބޭނުންކުރާ ކަމަށް ބުންޏެވެ.

މީގެ އިތުރުން، ގިނަ ގައުމުތަކުން ރާއްޖެއާ އެއްގޮތަށް ހަނޑޫ ނުވަތަ އެ ގައުމެއްގައި ކެއުމަށް ގިނައިން ބޭނުންކުރާ އެހެން ބާވަތްތަކަށް ސަބްސިޑީ ނުވަތަ އެހީ ދިން ނަމަވެސް، އެއްވެސް ގައުމަކުން މި ސަބްސިޑީގެ ތެރޭގައި ހަކުރު ނުހިމަނާކަން ފާހަގަކުރެވޭ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި ކަންބޮޑުވުމުގެ އިތުރުންވެސް، މި އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ދޭ އިންޑައިރެކްޓް ސަބްސިޑީތައް ދިނުމުގައި ހުރި އިސްރާފުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ރާވައިފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.

އެކަމަކު މިވަގުތު ހުރި އިންއެފިޝަންސީތަކުގެ ސަބަބުން ކުރިމަތިވާ ''ޑެޑް ވެއިޓް ލޮސް'' ނުވަތަ އިންއެފިޝަންސީގެ ސަބަބުން މުޅި މުޖުތަމައަށް ގެއްލިގެންދާ ބައި ކުޑަކުރުން ކުރަން ބުނި މަސައްކަތުގެ އަމަލީ ސިފައެއް އައި ތަނެއް ހަމަ ޔަގީނުންވެސް އަދި ނުފެނެ އެވެ.

މިއަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓު ފައިނޭންސް ކުރާނެ ގޮތަކާ މެދު އޭރު ވެސް ކަންބޮޑުވުންތައް ހުއްޓެވެ. ސަބަބަކީ ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް ބޭނުންވާ އިތުރު 805 މިލިއަން ރުފިޔާ އާއެކު، ޖުމްލަ 13.4 ބިލިއަން ރުފިޔާ، ލަފާކުރި އާމްދަނީގެ އިތުރަށް ބޭނުންވާތީ އެވެ.

އާމްދަނީ ހޯދުމުގައި ދިމާވާ ބަދަލަކަށް ކުޑަވެސް ޖާގައެއް ނެތް އިރު، ދައުލަތުން ކުރާ ހޭދަ އެތައް ބިލިއަން ރުފިޔާއަކުން އިތުރުވެގެން ދިޔުމަކީ ބަޖެޓު ދެކޮޅު ޖައްސަން ދިމާވާނޭ ބޮޑު ގޮންޖެހުމެކެވެ.

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަކީ ދުނިޔޭގެ އިގުތިސޯދު ގުޑުވާލައި ފަހު ހަނގުރާމައަށް ނުވާނެ ކަން ޔަގީންވާއިރު، އެފަދަ ކޮންމެ ލޮޅުމެއްގެ ރާޅު ރާއްޖެއަށް ބިންދާ ނުލާނެ ހުރިހާ ގޮތެއް ހޯދަންޖެހެ އެވެ. މަރުކަޒީ ބޭންކު އެމްއެމްއޭގެ އިތުރުން ދުނިޔޭގެ މާލީ އިދާރާތަކުން ކެނޑިނޭޅި ލަފާ ދެމުންދާ ގޮތަށް، ދައުލަތުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ހަރަދުތައް ކުޑަކުރުމެވެ.

މިގޮތަށް ހަރަދު ކުޑަކުރަން އަޅާ ފުރަތަމަ ފިޔަވަޅަކީ ސަބްސިޑީގެ ނަމުގައި ދައުލަތުން ކުރަމުންދާ އިސްރާފު ހުއްޓާލުން ކަމަށް ހަދަންޖެހެ އެވެ. ލަންކާއަށް ކުރިމަތިވެފައިވާ ފަދަ ބޮޑު ކާރިސާއަކުން ފިލާވަޅު ލިބިގަނެ، ސަރުކާރުގެ ވޯޓު ބޭންކުގެ ހިތް ނުރުހުނަސް، އެ އިސްރާފުގައި އުނގުރި ޖަހަންޖެހޭ ވަގުތު ޖެހިއްޖެ އެވެ.