2 ޖޫން 2022 - 09:21 2
އަމަން ހަލީމް
2 ޖޫން 2022 - 09:21 2
ސުރުހީގައި އުފައްދާފައިވާ ސުވާލަކީ މިފަހުން ސަރުކާރުން އިސްވެ ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހަކާ ގުޅިގެން އާންމުންގެ ތެރެއިން ގިނަ ބަޔެއްގެ ހިތުގައި އުފެދުނު ސުވާލެކެވެ.
ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމުގެ ކުލި ކުޑަކުރަން ސަރުކާރުން ހުށަހެޅި އިސްލާހު އެގޮތަށް ފާސްވިނަމަ ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް، 17 އަތޮޅެއްގައި ހިންގަމުން އައި ރިސޯޓުތަކާއި، މެރީނާތަކާއި، ހޮޓާތަކުގެ ކުލި ކުޑަވީހެވެ. މީގެ ސަބަބުން ސީދާ ބޭރު ފައިސާއިން ދައުލަތަށް ދައްކަން މަޖުބޫރުކޮށްފައިވާ އާމްދަނީން ބޮޑު ބަޔެއް ގެއްލިގެން ދިޔައީހެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ)އިން ހެދި ވަގުތީ އަންދާޒާތަކުން ދައްކާ ގޮތުގައި ސަރުކާރުން ހުށަހެޅި ރޭޓުތަކަށް ކުލި މުރާޖާކޮށްފިނަމަ، ޓޫރިޒަމް ބިމު ކުލިން ލިބޭ އާމްދަނީން 590 މިލިއަން ރުފިޔާ ގެއްލޭނެ އެވެ.
ފާހަގަކުރަން ޖެހޭ ގޮތުގައި މިއީ އަދި ވަގުތީ އަންދާޒާއިން ދައްކާ އަދަދެވެ. ކުލި މައްސަލާގައި މީރާއިން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުން ބުރަވެވެނީ އަސްލު ގެއްލުމުގެ އަދަދު މިއަށް ވުރެ ވެސް ބޮޑު ކަމަށެވެ.
މި އިސްލާހު ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ޓޫރިޒަމް ގާނޫނު އިސްލާހުކުރާ ބިލު ހުށަހެޅި ހިސާބުން ފެށިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ސަރުކާރުގެ އެތެރެއިންނާއި ބޭރުންނާއި އިދިކޮޅާއި އާންމު ރައްޔިތުންގެ ގިނަ ބަޔެއްގެ ނުރުހުން ސަރުކާރަށް އަމާޒުވި އެވެ.
ގިނަ މީހުންގެ މައިގަނޑު ކަންބޮޑުވުމަކަށްވީ އިގުތިސޯދީ ހާލަތު މިހާ ހައްސާސް ދަނޑިވަޅެއްގައި އާމްދަނީ ކުޑަކުރަން އިސްލާހެއް ހުށަހެޅީމަ އެވެ. މިހާރު ވެސް ލިބޭ އާމްދަނީން ފޫނުބުދިގެން އުޅޭ ވާހަކަ ތާއަބަދުމެ ދައްކާއިރު، އާމްދަނީ ކުޑަކުރަން ސަރުކާރު އިސްވެ ހުށަހެޅި ސަބަބު ފަހުމުނުވާ ކަމަށް ގިނަ ބަޔަކު ބުންޏެވެ.
އަނެއް ބަޔަކު ކަންބޮޑުވީ މިހާރު ވެސް ގިނަ ލުއިތަކެއް ދީފައިވާ ޓޫރިޒަމް ވިޔަފާރިވެރިންނަށް އިތުރު ލުއިތަކެއް ދޭން ސަރުކާރަށް މުހިންމު ވީމަ އެވެ. މި ފާޑުކިޔުން ސަރުކާރަށް ރައްދުކުރީ ޓޫރިޒަމް މަހުޖަނުންގެ އުނގަށް ސަރުކާރު ވެއްޓި އޮވެ ގޮތް ނިންމާ ކަމުގެ ތުހުމަތުތަކާ ވެސް އެކީގަ އެވެ.
މި ފާޑުކިޔުންތަކަށާއި ތުހުމަތުތަކަށް ރައްދު ދެމުން ސަރުކާރުން ބުނީ ކުލި ކުޑަކުރުމަކީ މިދިޔަ އަހަރު ފަހުކޮޅު، އޭރުގެ އިގުތިސޯދީ ހާލަތަށް ރިއާޔަތްކޮށް އިކޮނޮމިކް ކައުންސިލުން ނިންމި ނިންމުމެއް ކަމަށެވެ. އަދި މިއީ ޓޫރިޒަމް އިންވެސްޓްމަންޓުތަކަށް ފަހިކުރަން ކޮންމެހެން ބޭނުންވާ ބަދަލެއް ކަމަށް ވިދާޅުވެ، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ މަޖިލިހުގެ ތަޅުމުގައްޔާއި މީޑިއާ އިންޓަވިއުތަކުގައި މި އިސްލާހު ދިފާއުކުރައްވާފަ އެވެ.
އެފަހުން ސަރުކާރުން ވަނީ، ފެބްރުއަރީ ފަހުކޮޅު ފެށި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެ ހާލަތު ބަދަލުވެފައިވާ ކަމަށް ބުނެ ބިލުން އެބައި އަނބުރާ ގެންނަން ނިންމާފަ އެވެ. އަދި ބުނީ ކުލި ކުޑަކުރާ އިސްލާހު އަނބުރާ ގެނައީ އެއީ އެ ނިންމުން ނިންމި އިރު އޮތް ހާލަތު ބަދަލުވުމާ ގުޅިގެން ކަމަށެވެ.
ފާޑުކިޔުންތަކަށް ކެތްނުވެގެން މި އިސްލާހު އަނބުރާ ގެންދިޔަ ނަމަވެސް އެކަން ކުރުމުގެ ނިޔަތް މި ސަރުކާރުގައި އަދިވެސް ދެމިއެބަ އޮތެވެ.
އެކަން ސާފުވަނީ އެ ނިންމުން އަނބުރާ ގެނައި ފަހުން ބޭއްވި މަޖިލިހުގެ އިގުތިސޯދީ ކޮމިޓީގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ވާހަކަތަކުންނެވެ. ހާލަތަށް ބަލާފައި މަޑުޖައްސާލި ނަމަވެސް މިއީ ކުރަން ބޭނުންވާ ކަމެއް ކަން އޭނާގެ ވާހަކަތަކުން ސާބިތުވެ އެވެ.
މީގެ 11 އަހަރު ކުރިން ތަންފީޒުކުރަން ފެށި ޓެކްސް ނިޒާމު ވުޖޫދަށް އައުމުގެ ކުރިން ރިސޯޓުތަކުން އާމްދަނީ ލިބެނީ ދެ ގޮތަކަށެވެ. އެއީ ބެޑް ޓެކްސްގެ ގޮތުގައި ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ރެއަކަށް ނަގާ އަށް ޑޮލަރާއި ރިސޯޓް ލީސް ކުއްޔެވެ.
އޭރު ރިސޯޓު ކުލި ނަގަމުން އައީ އެ ރިސޯޓެއްގައި ހުންނަ އެނދުގެ އަދަދަށް ބިނާކޮށެވެ. އެ އުސޫލު ބަދަލުކޮށް ރަށް ނޫނީ ބިމުގެ ސަރަހައްދަށް ބިނާކޮށް ބިމު ކުލި ނަގަން ފެށީ އާ ޓެކްސް ނިޒާމުގެ ތެރެއިން ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ތައާރަފުކުރި އަހަރު ކަމުގައިވާ 2011 ގަ އެވެ.
ޓޫރިސްޓުން އަތުން ނަގަމުން އައި ބެޑް ޓެކްސް ނެގުން ހުއްޓާލީ 2015 އިން ފެށިގެންނެވެ. މި ޓެކްސް އުވާލި އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ އާ ޓެކްސްއެއް ތައާރަފުކޮށްފަ އެވެ. އެއީ ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ކަންކަމަށް ހޭދަކުރަން ނަގަން ފެށި ގްރީން ޓެކުހެވެ. މި ޓެކްސް ނަގަން ފެށީ ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ރެއަކަށް ބޮލަކަށް ހަ ޑޮލަރުގެ ރޭޓުންނެވެ.
ޓެކްސްތަކާއި ބިމު ކުލީގެ އިތުރުން ޓޫރިޒަމް ލީސް އެކުއިޒިޝަން (ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން) ފީ އާއި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ކޮންސްޓްރަކްޝަން ޕީރިއަޑް އެކްސްޓެންޝަން ފީއަކީ ވެސް ސީދާ ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ އެވެ. މިއީ ސީދާ އެމެރިކާ ޑޮލަރުން ދައުލަތަށް ލިބޭ އާމްދަނީ އެވެ.
މި ރިޕޯޓުގެ ބޭނުމަށް "އަދަދު" ނޫހުން ވަނީ ބިމު ކުއްޔާއި ޓީޖީއެސްޓީ ނަގަން ފެށި ފަހުން މިވީ 10 އަހަރުގެ މުއްދަތުގެ ތެރޭގައި, އެއީ 2011-2021 އަށް، މި ދާއިރާތަކުން ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ހިސާބުކޮށްފަ އެވެ.
ފާއިތުވި 10 އަހަރުގެ ތެރޭގައި ޓޫރިޒަމް ސިނާއަތަށް ލިބުނު ޑޮލަރު އާމްދަނީ. -ގްރެފިކްސް: މުހައްމަދު އިސާމް/އަދަދު
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އެ 10 އަހަރުގެ ތެރޭގައި ޓޫރިޒަމުން އެކަނި ދައުލަތަށް 4.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 65.9 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ޖުމްލަ އާމްދަނީގެ ނިސްބަތުން ބަލާއިރު، އެ މުއްދަތުގެ ތެރޭގައި ޑޮލަރުން ލިބުނު އާމްދަނީގެ 97 ޕަސެންޓު ހިއްސާކުރަނީ ސީދާ ޓޫރިޒަމާ ގުޅޭ މި ހަތް ދާއިރާއިން ލިބުނު އާމްދަނީ އެވެ.
ދެބަސް ނުވެވޭ ހަގީގަތަކީ ދިވެހި އިގުތިސޯދުގެ ނާރެހަކީ ޓޫރިޒަމް ސިނާއަތް ކަމެވެ.
ކޮންސްޓްރަކްޝަނާއި ހޯލްސޭލް އަދި ރީޓެއިލްގެ އިތުރުން ކޮމިއުނިކޭޝަންސް ފަދަ ސިނާއަތްތައް އޮންނަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޓޫރިޒަމާ ގުޅި ލާމެހިފަ އެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމަށް ވެސް ޓޫރިޒަމަށް އަންނަ ލޮޅުންތަކުގެ އަސަރު ކުރެ އެވެ. ޓޫރިޒަމަށް އަންނަ ކޮންމެ އަޑިގަނޑަކާއި އުސްގަނޑެއް މުޅި އިގުތިސޯދުން ތަހައްމަލުކުރަން ޖެހެ އެވެ.
މި ހަގީގަތް އެންމެ ބޮޑަށް ސާފުވެގެން ދިޔައީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގަ އެވެ.
އެ ބަލިމަޑުކަމުގެ ސަބަބުން ޓޫރިޒަމް ހުއްޓާލި ތިން މަސް ދުވަހުގެ ތެރޭގައި އިގުތިސޯދު ސޮއްސާލީ ސީދާ ބޯކޮޅު ވަތަށެވެ. ކިރިޔާ ހިންދެމިލެވޭ ވަރުވީ، ބޯޑަރު ހުޅުވި ފަހުން، ޓޫރިޒަމް ހިނގައިގަތީމަ އެވެ. އެހެންނޫން ނަމަ މިއަދު އިގުތިސޯދު އޮންނާނެ ހާލަތެއް ތަސައްވުރު ކުރަން ވެސް ދައްޗެވެ.
ގަބޫލުކުރަންޖެހޭ އަނެއް ހަގީގަތަކީ، ރާއްޖޭގެ ޓޫރިޒަމަކީ ޑިމާންޑު އޮތް ފައިދާ ބޮޑު ސިނާއަތެއް ކަމެވެ. މިހެން ބުނަންޖެހެނީ މީރާއިން އާންމުކޮށްފައިވާ ރިސޯޓުތަކުގެ "ސޭލްސް އެންޑް ބެޑް ނައިޓްސް ރިޕޮޓަޑް ފްރޮމް ރިސޯޓްސް ސެކްޓާ 2016-2021" ރިޕޯޓުުގައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
މީރާގެ ރިޕޯޓުގައި ހިމަނާފައިވާ ހަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮވިޑު ބަލިމަޑުކަން ލައިގަތް 2020ގައި ލިބުނު އާމްދަނީ ނުހިމަނައި، ރިސޯޓު ސިނާއަތަށް އެވަރެޖުކޮށް އަހަރެއްގެ މައްޗަށް 3.1 ބިލިއަން ޑޮލަރު (47.9 ބިލިއަން ރުފިޔާ) ވަދެ އެވެ.
ފާއިތުވި 6 އަހަރުގެ ތެރޭގައި ޓޫރިޒަމް ސިނާއަތަށް ލިބުނު އާމްދަނީން ދައުލަތަށް ދެއްކި ފައިސާ. -ގްރެފިކްސް: މުހައްމަދު އިސާމް/އަދަދު
މަތީގައިވާ ޗާޓުން ފެންނަ ގޮތުގައި ކޮވިޑު ލައިގަތް އަހަރު ނޫން އެހެން ހުރިހާ އަހަރެއްގައި ރިސޯޓުތަކަށް ލިބުނު އާމްދަނީ އަހަރުން އަހަރަށް އިތުރުވި އެވެ. މި އަދަދުތައް އުފުލެމުން އައިސް މިދިޔަ އަހަރުގެ ތެރޭގައި ރިސޯޓުތަކަށް ލިބުނު އާމްދަނީ ވަނީ 3.7 ބިލިއަން ޑޮލަރު (57.7 ބިލިއަން ރުފިޔާ)އަށް އަރާފަ އެވެ.
މިއީ ދިވެހި ޓޫރިޒަމް ސިނާއަތުގެ ތާރީހުގައި ރެކޯޑެކެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި އާމްދަނީގެ ރެކޯޑު މުގުރާލި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު، ޓޫރިސްޓް އެރައިވަލްސް ރެކޯޑު މުގުރާލި 2019 އަށް ވުރެ ހަތަރު ލައްކަ މަދެވެ.
މުޅި ސިނާއަތެކޭ އެއްފަދައިން ރިސޯޓުތަކަށް ލިބޭ އެވަރެޖް އާމްދަނީ ވެސް ވަނީ އަހަރުން އަހަރަށް އިތުރުވެފަ އެވެ. އެގޮތުން 2016 ގައި ކޮންމެ ރިސޯޓަކަށް އެވަރެޖުކޮށް ލިބުނު 20.3 މިލިއަން ޑޮލަރު (313.7 މިލިއަން ރުފިޔާ) ވަނީ މިދިޔަ އަހަރު ނިމުނުއިރު 23.2 މިލިއަން ޑޮލަރު (358.5 މިލިއަން ރުފިޔާ)އަށް އިތުރުވެފަ އެވެ.
ރިސޯޓުތަކުން ގަވާއިދުން ދައުލަތަށް ދައްކަން ޖެހޭ ފައިސާއަކީ ބިމު ކުއްޔާއި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އެކަންޏެވެ. މި ފައިސާގެ ތެރެއިން ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ނަގަނީ ސީދާ ޓޫރިސްޓުން އަތުންނެވެ. ރިސޯޓު އޯނަރުގެ ޖީބުން ދައްކަން ޖެހޭނީ ހަމައެކަނި ބިމު ކުއްޔެވެ.
މިސާލަކަށް މިދިޔަ އަހަރު ނަގާއިރު، އަހަރުގެ ނިޔަލަށް ރާއްޖޭގައި ހުޅުވާފައި ހުރި 161 ރިސޯޓަށް 57.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. ޓެކުހާއި ކުލީގެ ގޮތުގައި ދައުލަތަށް ލިބުނީ 7.7 ބިލިއަން ރުފިޔާ އެވެ. އެއީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ދެއްކުން ފަސްކުރި ރިސޯޓު ކުލިން ލިބުނު އާމްދަނީ ވެސް ހިމަނައިގެނެވެ.
މިއީ މުޅި އަހަރު ރިސޯޓުތަކަށް ލިބުނު އާމްދަނީގެ 13.4 ޕަސެންޓެވެ. ޓޫރިސްޓުން އަތުން ނަގާ ޓެކްސްތައް ނުލާ ބިމު ކުުލިން ލިބުނު އާމްދަނީއަށް އެކަނި ބަލާނަމަ އެއީ ޖުމްލަ އާމްދަނީގެ އެންމެ 3.6 ޕަސެންޓެވެ.
ކުރިން ހިސާބުކުރި އެވަރެޖުތަކަށް ބަލާއިރު، އާންމުކޮށް ރިސޯޓަކަށް ލިބޭ 23 މިލިއަން ޑޮލަރުގެ އާމްދަނީގެ ތެރެއިން ގަވާއިދުން ދައްކަން ޖެހޭ ހުރިހާ ޓެކުހަކާއި ބިމު ކުއްޔަށް ރިސޯޓަކުން ދައްކަނީ 3.1 މިލިއަން ޑޮލަރު (48 މިލިއަން ރުފިޔާ) އެވެ. ޓެކުހާ ނުލާ ހަމައެކަނި ބިމު ކުއްޔަށް ދައްކަނީ 837،065 ޑޮލަރު (12.9 މިލިއަން ރުފިޔާ) އެވެ.
ކަން މިހެން ހުރިއިރު، ސަރުކާރުން ރިސޯޓު އިންވެސްޓްމަންޓުތަކަށް ފަހިކޮށްދޭން ކަމަށް ބުނެ ދައްކާ ވާހަކަތައް ދެކޮޅެއް ނުޖެހެ އެވެ. ހިސާބުތަކުން ދައްކަނީ ގަދަޔަށް ހިނގަމުންދާ، ފައިދާ ބޮޑު ސިނާއަތެކެވެ. ޓެކުހާއި ކުއްޔާ ހެދި ނުހިންގިގެން އުޅޭ ކަމަށް ބާރުދޭ ހަމަ އެއް ކަމެއް ވެސް ނުފެނުނެވެ.
އެކަމަކު ދައުލަތުގެ އާމްދަނީގެ ވާހަކަ މުޅީން ތަފާތެވެ. ކުރިން ވެސް ފާހަގަކޮށްފައިވާ ފަދައިން ދައުލަތުގެ އާމްދަނީ، ހާއްސަކޮށް ޑޮލަރުން ލިބޭ އާމްދަނީގެ ބޮޑު ބަޔެއް ހިއްސާކުރަނީ ޓޫރިޒަމުން ލިބޭ އާމްދަނީ އެވެ. މިހާރު ވެސް ޓޫރިޒަމް ނޫން ސިނާއަތަކުން މި ފައިސާ ނުލިބޭއިރު، ގެންނަ ކޮންމެ ބަދަލަކުން ކުރާ އަސަރު މުސްތުގުބަލަށް ދެމިގެންދެ އެވެ.
މި ހިސާބުން އަނބުރާ ދާންޖެހެނީ ސުރުހީގައި އުފެއްދި ސުވާލަށެވެ. ރިސޯޓުތަކުން ދައްކާ ކުއްޔާއި ޓެކްސްތައް ބޮޑު ހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. ރިސޯޓު ހިންގައިގެން ލިބޭ އާމްދަނީ އާއި ފައިދާގެ ނިސްބަތުން ދައުލަތަށް ދައްކާ ޓެކުހާއި ބިމު ކުލި ބޮޑެއް ނޫނެވެ.
Comment