Advertisement

"ދޮންބޭ ހިނގާލަން ގެންގޮސްގެން ނުވާނޭ..."


"ދޮންބޭ ހިނގާލަން ގެންގޮސްގެން ނުވާނޭ..."

"ދޮންބޭ ލިޔާކަށްވެސް ގައިމޭ ނުދާނޭ

ދޮންބޭ ހިނގާލަން ގެންގޮސްގެން ނުވާނޭ

އޭ މަންމާ! އޭ މަންމާއޭ!"

މި ލަވައަކީ ކުޑައިރުއްސުރެ އަޑުއިވޭ މަޖާ ލަވައެކެވެ. ކޮއްކޮއެއް ކިޔާ ލަވައެކެވެ. އޭނާގެ ދޮންބެގެ ބަދަލުގައި، ހަދިޔާ ދީ، ތަންތަނަށް ގެންދާންވީ ކުއްޖަކީ އޭނާކަން ދައްކަން ކިޔާ ލޯބި ލަވައެކެވެ. ދޮންބެ ބަސްނާހާ ކަމަށާއި، ބަސްއަހަނީ ކޮއްކޮ ކަމަށް ބުނާ ލަވައެކެވެ. ވަރަށް މައުސޫމު ޚިޔާލެކެވެ. މަޖާ ރާގަކަށް ކިޔާލާ، ފޯރިގަދަ، ލަވައެކެވެ.

އެހެންނަމަވެސް ފަހަކަށް އައިސް، އެ ލަވައިގެ މައިގަނޑު އަޑުއިވުމުން އަހަރެންގެ ހިތުގެ ތަންކޮޅެއް އުފުރާލާހެން ހީވެ އެވެ. ލަގޮނޑި ކަރުގައި ތާށިވާހެން ހީވެ އެވެ. ހިނިއަންނާކަށް ނޭނގެ އެވެ. އެހެންޏާ ހަދާގޮތަށް އެ ލަވައިގެ މަޖަލުގައި ބައިވެރިވާން ބޭނުމެއް ނުވެ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. "ދޮންބޭ ލިޔާކަށްވެސް ގައިމޭ ނުދާނޭ" ބުނާ އަޑު އިވުމުން ހިތަށް ވަންނަނީ އަހަރެންގެ، ދިހަ އަހަރުގެ، އޯޓިސްޓިކް، ދޮށީ ފިރިހެން ދަރިފުޅު މިދުވަސްކޮޅު ސްކޫލަށް އަދި ތެރަޕީ އަށްވެސް ނުގެންދެވޭ ކަމެވެ. ދޮންބޭ ފަދަ ކުއްޖަކަށް ޚިދުމަތްދޭނޭ އިންސާނީ އަދި އެނޫންވެސް ވަޞީލަތްތައް ލިބޭން ނެތީތީ އެވެ. ސްކޫލުގެ ޓީޗަރުންނާއި މެނޭޖުމަންޓުން މިހާރު މަސައްކަތްކުރަނީ ޓީޗަރުން ގެއަށް އައިސްގެން، ކިޔަވައިދެވޭތޯ އެވެ. ތެރަޕިސްޓުން މަސައްކަތްކުރަނީ ރާއްޖެއިން ބޭރަށް ގޮސް ތެރަޕީ ހޯދޭނޭ މަގު ފަހިކޮށްދެވޭތޯ އެވެ. އެހެންނަމަވެސް ދޮންބެ ފަދަ ކުއްޖެއް އެ މާހައުލުގައި ބައިވެރިކުރާނެ ނުވަތަ "އިންކްލޫޑް"ކުރާން މުހިންމުވާ ހުނަރާއި ވަޞީލަތްތައް ނެތީ އެވެ. "ދޮންބޭ ހިނގާލަން ގެންގޮސްގެން ނުވާނޭ" ބުނާ އަޑު އިވުމުން ހިތަށް އަރަނީ އެ ސޮރު ގޮވައިގެން މަގަށް ނިކުންނަ ކޮންމެ ފަހަރަކީ، ހިނގާބިނގާވެ އުޅޭ އެންމެން ބަލާނޭ ތަމްސީލަކަށް ވާކަމެވެ. މަގުމަތީ އަންނަ މެލްޓްޑައުންތަކެވެ. އެކަންކަން ކޮންޓްރޯލްކުރުމަށް އެހީ ނުލިބޭކަމެވެ. އަހަރެމެންގެ ކުޑަކުޑަ "ދޮންބެ" ގޮވައިގެން ގެއިން ގޯޅިކަންމައްޗަށް ދާން ވިޔަސް މަދުވެގެން ހަތަރު ފިރިހެނުންގެ ޓީމެއް ބޭނުންވާކަމެވެ.

އާނއެކެވެ. މިއީ ޒާތީ ވާހަކައެކެވެ. އެހެންނަމަވެސް އާންމު މަސްލަޙަތާ ގުޅިފައިވާ ވާހަކައެކެވެ. ޤަވާއިދު ނަންބަރު 2013/R-557 ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރު ކަނޑައަޅާ ގަވާއިދުގައި ހުރި ބައެއް މާއްދާތަކަށް ކުޑަކޮށް ބަލާލަމާ ހިނގާށެވެ. ޤަވާއިދު ހިނގާނެ ދާއިރާގެ ގޮތުގައި ކަނޑައަޅާފައިވަނީ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަޢުލީމާއި ތަމްރީނު އަދި ތެރަޕީ ދޭ މަރުކަޒުތަކާއި، ކުޑަކުދިންނާއި މީހުން ބަލަހައްޓާ މަރުކަޒުތަކުގެ ވާހަކައެވެ. މި ޤަވާއިދުގެ ދަށުން އެ ހޮސްޕިޓާތަކާއި ކުލިނިކުތަކާއި، ތެރަޕީ ސެންޓަރުތަކާއި، އަމިއްލަ އަދި ސަރުކާރު ސްކޫލްތަކުގައިވެސް ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަކުރެވިފައި ހުންނަން ޖެހެ އެވެ. ކުލާސްރޫމެއްގައިނަމަ ދަރިވަރުގެ ނުކުޅެދުންތެރިކަމަށް ރިޢާޔަތްކޮށް ފަރުމާކޮށްފައި ހުންނަ ފޮތްތަކާއި އާލާތްތައް ހުންނަށް ޖެހެ އެވެ. ކޮންމެ ދަންފަޅިއެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚިދުމަތް ދިނުމަށް ތަމްރީނު ލިބިފައިވާ މުވައްޒަފަކު؛ އެހީތެރިވުމަށް ޚާއްޞަކުރެވިފައިވާ މުވައްޒަފަކު ހުރުން ލާޒިމު ކުރެ އެވެ. މި ފަދަ އެތައް ލުއިފަސޭހަތަކެއް، ފަންނީ މުވައްޒަފުން ލައިގެން ދިނުމަށް މި ޤަވާއިދު އަންގަ އެވެ. މިކަން ތަންފީޒުކުރެވެނީ ކޮން މިވަރަކަށްތޯ ބެލުން މުހިއްމު ނުވަނީބާވައޭ ހިތަށް އަރަ އެވެ. ނުވަ އަހަރު ފަހެވެ. ބާ ވާހަކަތަކެކެވެ. ބާ ޤަވާއިދެކެވެ. އެކަމަކު އަދިވެސް، ހުރިހާ މޮޅެއް އޮތީ ހަމައެކަނި ދެލިގަނޑުގަ އެވެ.

ޤާނޫނު ނަންބަރު 2010/8 އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނެވެ. ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އެހެން މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފުރިހަމަ މިނިވަންކަމާއެކު ދިރިއުޅުމާއި، ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ޙައްޤު ހޯދައިދީ، އެކަމަށް މަގުފަހިކުރުމުގެ ގޮތުން އިމާރާތްތަކާއި، މަގުތަކާއި ދަތުރުފަތުރުގެ ވަޞީލަތްތަކާއި، މަޢުލޫމާތާއި މުއާސަލާތީ ވަސީލަތްތަކާއި މި ނޫންވެސް ޢާންމުންނަށް ލިބިދޭ ނުވަތަ ޢާންމުންނަށް ހުޅުވާލެވިފައިވާ ވަޞީލަތްތަކާއި ޚިދުމަތްތައް ފަސޭހައިން ބޭނުންކުރެވުން ނުވަތަ ލިބިދިނުން ހިމެނެ އެވެ. މާއްދާ 20 (ހ)ގެ ދަށުން ތަޢުލީމީ ނިޒާމުގެ ތެރެއިން އުނގެނުމާއި ތަމްރީނު ލިބުމުގެ ފުރުޞަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ހޯދައިދޭން ޖެހެ އެވެ. ހަމަ އެ މާއްދާގެ (ކ)ގެ ދަށުން، މީހެއްގެ ކިބައިގައިވާ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެމީހަކު ތަޢުލީމީ ފުރުޞަތުތަކުން އެއްކިބާކޮށްގެން ނުވާނެ އެވެ. އަދި ހަމަ މި މާއްދާގެ (މ)ގެ ދަށުން އެފަދަ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންވާ ތަކެތި ހޯދައިދިނުމަށް ސަރުކާރުން އެހީވާން ޖެހެ އެވެ. މަރުކަޒުތަކުން ޚިދުމަތް ލިބިގަތުމަށްވެސް ބޭނުންވާ އެހީ ހޯދައިދޭން ޖެހެ އެވެ.

މި ހިސާބުން ކުޑަ ސުވާލެކެވެ. ނަފުސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން މީހުން ގިނަ، ޢާންމު ތަންތަނުގައި ގެންގުޅެން އުނދަގޫ މީހުންނާއި ކުދިން، އެކުދިންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނާއި ސިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ތަންތަނަށް ގެންދިއުމަށް އެހީތެރިވެދިނުން، އަދި ކިއެއްތަ، ޕާކާއި، ގޮނޑުދޮށާއި، ހިނގާލަން ދިއުމާއި، ދުވާ ޓްރެކަށް ކަސްރަތުކުރުވަން ގެންދިޔުން، މި ޤާނޫނު މި ބުނާ ކަންތައްތަކުގެ ތެރޭގައި ނުހިމެނެނީ ހެއްޔެވެ؟ އެހީތެރިކަން ފޯރުކޮށްދެނީ ކޮންބައެއް ހެއްޔެވެ؟ 119 ހެއްޔެވެ؟ 1412 ހެއްޔެވެ؟ ފަޔަރ އެންޑް ރެސްކިއު ހެއްޔެވެ؟ ހަމައެކަނި ރޭމްޕް އަޅާލުމުން، ހުރިހާ ކަމެއް ފުރިހަމަވީ ހެއްޔެވެ؟

މިއިން ކަމެއް ކުރަންވެއްޖެނަމަ، ހަމަ ގައިމުވެސް ސިވިއަރ އޯޓިސްޓިކް އަހަރެންގެ ދަރިފުޅު ގެންދަން ޖެހެނީ އެހެން މީހުންގެ ނުރުހުމުގެ ބަސްބަހާއި، ޖެއްސުމާއި ފޮށުމާއި، އުނދަގޫކުރުންތަކުގެ ތެރޭގަ އެވެ. މިއަށްވެސް ކިޔަނީ ހަމަހަމަ ފުރުޞަތާއި މިނިވަންކަން ހެއްޔެވެ؟ ހަމަ ގައިމުވެސް މި ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ)ގައި އެ ބުނާ ރައްކާތެރިކަމެއް އަދި ކަށަވަރެއް ނުވެ އެވެ. މާއްދާގެ (ރ)ގައި ބުނާގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުން މަގުމަތީގައި އުޅޭ ވަގުތުތަކުގައާއި، އެހެނިހެން ވަގުތުތަކުގައިވެސް، އެމީހުންނާ ދިމާކުރުމާއި، ފޮށުމާއި، މަލާމާތްކުރުމާއި، ފުރައްސާރަކުރުމަކީ މަނާކަމެކެވެ. ފަހަރުގައި އެއީ މި މާއްދާގެ (ރ) ގައި މަނާކުރާ ކަންކަން މީހުންނަށް ނޭނގޭތީކަމަށް ވެދާނެ އެވެ. އަދި އެ ކަންކަމަށް މި މާއްދާގެ (ބ) އަދި (ޅ)ގައި ކަނޑައަޅާފައިވާ ޖޫރިމަނާތަކާއި އަދަބުތައް ނޭނގޭތީ ވާގޮތެއްކަމުގައި ވެދާނެ އެވެ. ނުވަތަ، އެފަދަ ދަނޑިވަޅެއްގައި ހެއްކަން ބޭނުންވާ ފޮޓޯއާއި ވީޑިއޯ ހޯދުން އެ ކަންކަން ރައްދުވާ ފަރާތަށް އުނދަގޫވުމަކީ ވެސް ސަބަބަކަށް ވެދާނެ އެވެ.

މި ފަދަ މީހުންގެ ވާހަކަ ދެއްކިނަމަވެސް، މަގުމަތީ ހިނގާބިނގާވާ ފަރާތްތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭ މީހުންވެސް މަދެއް ނޫނެވެ. އެ ފަދަ މަދަދުގާރުންގެ އެހީއާ ނުލައި، މިހާރު މި ލިބޭ މިނިވަންކަންވެސް މި ފަދަ ކުދިންނާއި މީހުންނަށް ނުލިބުނީސްކަން ގައިމެވެ. ބެލެނިވެރިއެއްގެ ހައިސިއްޔަތުން، މި ނަން ނޭނގޭ ފަހުލަވާނުންނަށް އިންތިހާއީ ޝުކުރު ދަންނަވަމެވެ.

ދަރުމަވެރިން ކޮބައި ހެއްޔެވެ؟ ސަރުކާރަށް އެކަނި ހުރިހާކަމެއް ދޫކޮށްލާކަށްވެސް ނުވާނެ އެވެ. ކާރިސާތަކުގައި ތަރުތީބުވެލާފަދައިން މި ޤާނޫނުތަކުގައި ބުނާ ކަންކަން ފުރިހަމަކޮށްދިނުމަށްވެސް ދަރުމަވެރިން ތަރުތީބުވެލަމާ ހެއްޔެވެ؟މިފަދަ އެހީތެރިކަމާއި، ދަރުމަވެރިކަމަކީ، ހަމައެކަނި ވަކި މުނާސަބާތަކަށް ޚާއްޞަ ކަންކަމަށް ހެދުމުގެ ޘަޤާފަތް ދޫކޮށްލަމާ ހެއްޔެވެ؟

ނޭޝަނަލް ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023 ގެ "އޯގާތެރި ސަރުކާރު" ބާބު ބުނާ ގޮތުން، 2020ން ފެށިގެން 2023 އާ ދެމެދު ބޭނުންވާ މިންވަރަށް ސްޕެޝަން އެޑިއުކޭޝަން ނުވަތަ ސެން ޓީޗަރުންނާއި އެ ނޫންވެސް ބޭނުންވާ ވަޞީލަތްތައް ސްކޫލްތަކުގައި ހުންނަން ވާނެ އެވެ. ޒިންމާ ހަވާލުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާ އެވެ. އެހެންކަމަށް ވާނަމަ، ވަޔަލެންޓް ބިހޭވިޔަރ ދައްކާ ކުއްޖަކު ގެންގުޅެން އެކަށީގެންވާ މާހައުލެއް، ނުވަތަ އެފަދަ ޙާލަތެއްގައި އެހީތެރިވެދޭނޭ، ތަމްރީނުލިބިފައިވާ އެހީތެރިން ނުކުޅެދުންތެރިކަމަށް ޚާއްޞަ ބައިބައި ހުންނަ ސްކޫލްތަކުގައި އަދިވެސް ނެތީ ކީއްވެގެން ހެއްޔެވެ؟ ތަޢުލީމީ މީހުން ރާއްޖޭގައި ނެތީހެއްޔެވެ؟ އެހެން މާއްދާތަކަށް ބޭރުން ޓީޗަރުން ގެނެވެންޏާ، ސެން ޓީޗަރުން ނުގެނެވެނީ ހެއްޔެވެ؟ ހަމަ މި ޕްލޭންގައި ރާވާފައި އޮތް ގޮތުންނަމަ، އިންކްލޫސިވް އެޑިއުކޭޝަންގެ ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ ވަޞީލަތްތައް، 2020ގެ ނިޔަލަށް އޮންނަންވާނީ ދެނެގަނެވިފަ އެވެ. އެކަންވެސް ނުވަނީ ހެއްޔެވެ؟ އެކަން ވީނަމަ، އެއަށްފަހު ކުރަން ހުރި ކަންކަން ނުކުރެވި އެވަނީ ކީއްވެގެން ހެއްޔެވެ؟

މީހުން ބުނެއުޅެއެވެ. ކަމެއްގެ ކުޑަބޮޑުމިން އެނގޭނީ އެމީހަކުވެސް އެ ކަމެއް ތަޖުރިބާކޮށްލީމަ އެވެ. އަހަރެން މި ހުރިހާ ހާސަރެއް މި ދަމަނީ އަހަރެންނަކީ ނަފުސާނީ ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖެއްގެ މަޔަކަށް ވީތީ ތޯއްޗެކެވެ. އެހެން ވިޔަސް، މި ފަދަ އެންމެ މަޔެއްގެ ދުލުން "ފިލްޓަރު" ނެއްޓިގެންވިޔަސް، ކަރުދާހުގައި ބޮޑުއަކުރުން ލިޔެފައި ހުރި ކަންކަން ތަންފީޒުވެއްޖެނަމަ ރަނގަޅު ނޫންހެއްޔެވެ؟ މި ވަކާލާތު ކުރަނީ އަމިއްލަ ޙައްޤުގައި ބަހެއް ނުބުނެވޭ ބަޔަކަށްޓަކައެވެ. އޭނާގެ އަމިއްލަ ވަޒަނުގައި، މިނިވަންކަމާއި، ޤަދަރުވެރިކަމާއެކު ދިރިއުޅުމުގެ ޙައްޤަށްޓަކައެވެ. ދޮންބެވެސް ހިނގާލަން ގެންދެވެން ވާނެ އެވެ.