Advertisement

ޔާމީންގެ ގެކޮޅުން ގެންދިޔަ "150،000 ރުފިޔާ"ގެ ބެނާ ހޯދަން ފުލުހަށް

30 މޭ 2022 - 14:56 6

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އިދިކޮޅު ލީޑާޝިޕުން ބެނާ ހޯދަން ފުލުހުންގެ އިދާރާގައި-- ފޮޓޯ: ޕީޕީއެމް


ޔާމީންގެ ގެކޮޅުން ގެންދިޔަ "150،000 ރުފިޔާ"ގެ ބެނާ ހޯދަން ފުލުހަށް

30 މޭ 2022 - 14:56 6

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުން "އިންޑިއާ އައުޓް" ބެނާ ނަގަން ކޯޓު އަމުރު ހޯދީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމުމާ ގުޅިގެން، ފުލުހުން ނެގި ބެނާތައް ހޯދަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން ފުލުހުންގެ މައި އިދާރާއަށް މިއަދު ގޮސްފި އެވެ.

ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި ދެމި ބެނާ ފުލުހުން ކޯޓު އަމުރެއްގެ ދަށުން ނެގީ އެ ކެމްޕޭން ހުއްޓުވަން މުއައްސަސާތަކަށް އަންގައި ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް ރިޔާސީ ގަރާރެއް ނެރުއްވުމުންނެވެ. އެ ގަރާރުގެ ދަށުން ކޯޓު އަމުރު ހޯދައިގެން، މަގުމަތީގައާއި މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައިވާ އޭގެ އެކި ބެނާތައް ފުލުހުން ނެގި އެވެ. ބެނާ ނެގި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ބެނާ ނަގަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން އިއްޔެ ވަނީ ނިންމާފަ އެވެ.

"ފުލުހަށް ދިއުމުން އެންގީ ހުކުމެއް އޮތަސް ބެނާ ވަގުތުން ހަވާލު ނުކުރެވޭނެ ކަމަށް، އަދި ބެނާ ހަވާލު ކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ކަމާ ބެހޭ ޑިޕާޓްމެންޓުން ކަމަށް. އަދި އެކަމާ ގުޅޭ ގޮތުން ހަދާ ގޮތެއް ޕާޓީއަށް އަންގާނެ ކަމަށް،" އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާގެ ބޭރުގައި ހުންނަވައިގެން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ބެނާތައް އިދިކޮޅާ ހަވާލު ނުކުރީ އެ ބެނާތައް ނައްތާލާފައިވުމުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

"... މި ބޭފުޅުން ވިދާޅުވި ވާހަކަތަކަށް ބަލާއިރު ބޮޑަށް ލަފާ ކުރެވެނީ މިހާރު އެހެން އެ ނެގި ހުރިހާ ބެނާތައް ނައްތާލާފައި ހުރި ކަމަށް. އެހެންވީމަ ކަމަށް ހަވާލު ނުކުރެވިގެން މިއުޅެނީ. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތަކީ. އެހެންނޫނީ ހައިކޯޓުން އެ ގޮތަށް އެއީ ބާތިލް އަމުރެއް ކަމަށް ހުކުމް ކުރީމަ ޖެހޭނެ އެ ބެނާތައް ވަގުތުން ހަވާލުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ބެނާތަކަކީ ވަރަށް ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ބެނާތަކެއް ކަމަށް އަދުރޭ ވިދާޅުވި އެވެ. އެގޮތުން ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބެނާގެ އަގު 150،000ރ. އަށް އަދި އެހެން ބެނާތަކުގެ އަގު 75،000ރ. އަށް އަރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިއްޔެ ހައިކޯޓުން ނިންމި ނިންމުމާއެކު "އިންޑިއާ އައުޓް" ގޮވުން މަނާކޮށް ނެރެފައިވާ ރިޔާސީ ގަރާރަކީ ބާތިލް އެއްޗެއް ކަން ހާމަވެފައިވާ ކަަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވަނީ ކުރިއަށް އޮތް ތަނުގައި "އިންޑިއާ އައުޓް" ކެމްޕެއިނު އިތުރަށް ފުޅާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ހައިކޯޓުގައި ބެނާގެ މައްސަލަ ބެއްލެވީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދެވެ. ތިން ފަނޑިޔާރުން ވެސް ބުރަވީ އެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ ގާނޫނާ ހިލާފަށް ކަމަށެވެ.