Advertisement

ހުޅުހުޅަށް ދިމާވާ މައްސަލަތަކަށް ފަރުވާކުރަން ރިއުމަޓޮލޮޖީ ޑިޕާޓުމަންޓެއް ގާއިމުކޮށް އޭޑީކޭން ފަރުވާ ފަށައިފި

30 މޭ 2022 - 13:19 0

އޭޑީކޭ ހޮސްޕިޓަލްގެ ލޮބީ. މިވަގުތު ފުލްޓައިމްކޮށް ރިއުމަޓޮލޮޖިސްޓެއް އެ ހޮސްޕިޓަލުގައި ފަރުވާ ދެއްވަމުން ގެންދަވާނެ --- ފޮޓޯ: ހުސައިން ވަހީދު/އަދަދު


ހުޅުހުޅަށް ދިމާވާ މައްސަލަތަކަށް ފަރުވާކުރަން ރިއުމަޓޮލޮޖީ ޑިޕާޓުމަންޓެއް ގާއިމުކޮށް އޭޑީކޭން ފަރުވާ ފަށައިފި

30 މޭ 2022 - 13:19 0

ހަށިގަނޑުގައި ހުންނަ ކަށިތައް، އެއްކަށި އަނެއް ކައްޓާ ގުޅޭ ހިސާބު ނުވަތަ، ހުޅުތަކަށް މެދުވެރިވާ ސިއްހީ ނުރައްކާތެރި ހާލަތްތަކަށް ފަރުވާ ދޭން ހާއްސަ ޑިޕާޓުމަންޓެއް ގާއިމުކޮށް ފަރުވާތައް އޭޑީކޭ ހޮސްޕިޓަލުން ފަށައިފި އެވެ.

ހުޅުހުޅަށް އަރާ ތަދުތަކާއި ދިމާވާ މައްސަލަތަކަށް ފަރުވާކުރުމަށްޓަކައި އެކަމަށް ހާއްސަ "ރިއުމަޓޮޮލޮޖީ" ޑިޕާޓުމަންޓެއް އޭޑީކޭން ވަނީ މުޅިން އަލަށް ގާއިމުކޮށްފަ އެވެ. އެ ޑިޕާޓުމަންޓުގައި މިވަގުތު ފަރުވާ ދެއްވަމުން ގެންދަވަނީ ރިއުމަޓޮލޮޖިސްޓެއް ނުވަތަ އެފަދަ ބަލިތަކުގެ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. އަމާލް އެވެ.

"ވަރަށް ގިނަ މީހުންނަށް ނޭނގޭ ރިއުމަޓޮލޮޖީ އަކީ ކޯޗެއްކަން. މިހާރު ގިނައިން ދައްކަން އަންނަނީ އާތުރައިޓިސް ހުންނަ މީހުން. މީގެ ތެރޭގައި ހިމެނޭ ބައެއް އާތުރައިޓިސްއަކީ ވެސް. އެކަމަކު ހުޅުހުޅަށްވާ ކޮންމެ ތަދަކަށް ވެސް ރިއުމަޓޮލޮޖީ މެދުވެރިކޮށް ފަރުވާ ކުރެވޭނެ،" މި ނޫހާ ވާހަކަ ދައްކަވަމުން ޑރ. އަމާލް ވިދާޅުވި އެވެ..

އޭނާ ގަބޫލު ކުރައްވާ ގޮތުގައި މިފަދަ އާންމު ކަމަކަށް ފަރުވާ ކުރުމަށް ރާއްޖޭގެ ހޮސްޕިޓަލެއްގައި ހާއްސަ ޑިޕާޓުމެންޓެއް ގާއިމުކުރުމަކީ ސިއްހީ ދާއިރާއަށް ލިބިގެންދިޔަ ކުރިއެރުމެކެވެ.

"މީހުންނަށް މިހާރު ވަރަށް ފަސޭހަވާނެ. އާންމުކޮށް ކައިރި ގައުމުތަކަށް ދަނީ މިފަދަ ބަލިތަކަށް ފަރުވާ ހޯދަން. މިހާރު އަމިއްލަ ގައުމުގައި ހުރެގެން ފަރުވާ ހޯދޭނެ މަގު ވަނީ ފަހިވެފައި،" އެ ޑިޕާޓުމަންޓުގެ މުހިންމުކަން ހިއްސާކުރައްވަމުން ޑރ. އަމާލް ވިދާޅުވި އެވެ.

އެޕްރީލް މަހުގެ ތެރޭގައި އޭޑީކޭ އިން މި ފަރުވާތައް ފެށިއިރު މިހާތަނަށް އައި އިރު ތަރުހީބު ރަނގަޅެވެ.

ރާއްޖޭގައި ހުޅުހުޅަށް ދިމާވާ ބަލިތަކަކީ އާންމު ބައްޔެކެވެ. ވަކިން ހާއްސަކޮށް އާތުރައިޓިސް އަކީ ގިނަ އަދަދެއްގެ ދިވެހިން ތަހައްމަލު ކުރަމުންދާ ބައްޔެކެވެ.

އޭޑީކޭގެ ރިއުމަޓޮލޮޖީ ޑިޕާޓުމަންޓުން އާތުރައިޓިސްއަށް ފަރުވާ ކުރެވޭނެ އެވެ. އެގޮތުން، ރިއުމަޓޮއިޑް އާތުރައިޓިސް، ރިއެކްޓިސް އާތުރައިޓިސް އަދި އެހެނިހެން ބާވަތްތަކުގެ އާތުރައިޓިސް އަށް ވެސް ފަރުވާ ދޭނެ އެވެ. ހަމައެހެންމެ، މެޓަބޮލިކް އާތުރައިޓިސް އާއި އޮސްޓިއޯ އާތުރައިޓިސް އަށް ވެސް ޑރ. އަމާލް ފަރުވާ ދެއްވާނެ އެވެ.

ހުޅުހުޅުގައި ރިއްސާނަމަ 1440 އަށް ގުޅުއްވައި އޭޑީކޭގެ ރިއުމަޓޮލޮޖީ ޑިޕާޓުމެންޓުގެ އެޕޮއިންޓުމެންޓެއް ހައްދަވާށެވެ.