Advertisement

އިރާނުން ބިމު އަޑީގެ ޑްރޯން މަރުކަޒެއް ދައްކާލައިފި

އިރާނުން ބިމު އަޑީގައި ހަދާފައިވާ ޑްރޯން މަރުކަޒު. -- ފޮޓޯ: އޭއެފްޕީ


އިރާނުން ބިމު އަޑީގެ ޑްރޯން މަރުކަޒެއް ދައްކާލައިފި

ތެހްރާން، އިރާން (މޭ 28) - އިރާނުގެ ހުޅަނގުގައި އޮންނަ ޒަގްރޯސް ފަރުބަދަތަކާ ދިމާލުން ބިމު އަޑީގައި ހަދާފައިވާ ޑްރޯން މަރުކަޒެއް ދައުލަތުގެ ޓީވީ މެދުވެރިކޮށް ދައްކާލައިފި އެވެ.

އިރާން ވައިގެ ސިފައިންގެ ޑްރޯންތަކަށް ހާއްސަ މަރުކަޒު ހުންނަ ސީދާ ތަން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ޓީވީ ރިޕޯޓަރަކު ބުނީ އެ ތަނަށް ދެވުނީ ކެރްމަންޝާހް ސިޓީއިން ހެލިކޮޕްޓަރުގައި 40 މިނެޓު ދަތުރު ކުރުމަށް ފަހު ކަމަށެވެ.

އިރާނުން ޑްރޯން އުފައްދަން ފެށީ 1980 ގެ އަހަރުތަކުގެ ތެރޭގައި އެވެ. އެމެރިކާ އާއި އިޒްރޭލުން ތުހުމަތު ކުރާ ގޮތުގައި މެދުއިރުމަތީގެ އެކި ގައުމުތަކުގައިވާ އިރާނަށް ތާއީދު ކުރާ ގްރޫޕްތަކަށް އެ ގައުމުން ޑްރޯން ފޯރުކޮށްދެ އެވެ.

ދައުލަތުގެ ޓީވީން އާއްމު ކުރި ވީޑިއޯއިން ފެންނަނީ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް މުހައްމަދު ބަގޭރީ އާއި ސިފައިންގެ ކޮމާންޑަރު އަބްދުލްރަހީމް މޫސާވީ ޑްރޯން މަރުކަޒަށް ޒިޔާރަތް ކުރައްވާ މަންޒަރެވެ.

ވައިގެ ސިފައިން ބޭރު ކުރުމަށް ހާއްސަ 100 އަށް ވުރެ ގިނަ ޑްރޯން އެ މަރުކަޒުގައި ރައްކާކޮށްފައި އެބަ ހުރި ކަމަށް ޓީވީން ބުންޏެވެ.

އެ ތަނުގައި ހުރި ޑްރޯންތަކުގެ ތެރެއިން އެންމެ ފާހަގަކުރެވެނީ "ކަރްމަން-22" ކަމަށް ޓީވީން ބުންޏެވެ. އެއީ މަދުވެގެން 2000 ކިލޯމީޓަރު ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލް އުފުލޭ ޑްރޯނެކެވެ.

އިރާނުން ހިންގާ ޑްރޯން ޕްރޮގްރާމާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެމެރިކާއިން ބުނީ 2019 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ތެޔޮ ކާރުހާނާއަކަށް ހަމަލާ ދިނީ އިރާނުގެ ޑްރޯނެއްގެ އެހީގައި ކަމަށެވެ.

ނަމަވެސް އިރާނުން އެކަން ދޮގުކުރެ އެވެ.