Advertisement

އިންޑޮނީޝިއާގައި ފެރީއެއް އަޑިއަށް ގޮސް 26 މީހުން ގެއްލިއްޖެ

އަޑިއަށް ދިޔަ ފެރީއިން ބައެއް މީހުން ސަލާމަތްކޮށްފައި. -- ފޮޓޯ: އޭއެފްޕީ


އިންޑޮނީޝިއާގައި ފެރީއެއް އަޑިއަށް ގޮސް 26 މީހުން ގެއްލިއްޖެ

ޖަކާޓާ، އިންޑޮނީޝިއާ (މޭ 28) - އިންޑޮނީޝިއާގައި މޫސުން ގޯސްވެފައި ވަނިކޮށް ދަތުރު ކުރި ފެރީއަކުން ތެޔޮ ހުސްވެ އަޑިއަށް ދިޔުމާ ގުޅިގެން 26 މީހުން ގެއްލިއްޖެ އެވެ.

އޮފިޝަލުން ބުނީ ސުލަވެސީ އާޢި ބޯނިއޯއާ ދެމެދުގައި އޮންނަ މަކައްސަރު ސްޓްރެއިޓް ކަނޑުގެ ސަރަހައްދުން އަޑިއަށް ދިޔަ ފެރީގައި 43 މީހުން ތިބި ކަމަށެވެ.

ބުރާސްފަތި ދުވަހު ބޯޓު އަޑިއަށް ދިޔަ ނަމަވެސް، އޮފިޝަލުންނަށް އެ ހަބަރު ލިބުނީ ހޮނިހިރު ދުވަހު އެވެ.

ފެރީގައި ތިބި މީހުންގެ ތެރެއިން 17 މީހުން ސަލާމަތްވީ ކައިރިން ދަތުރު ކުރަމުން ދިޔަ ދެ ޓަގް ބޯޓުން އެހީތެރިވުމުންނެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ގާތްގަނޑަކަށް 17،000 ރަށުން އުފެދިފައި އޮންނަ ދެކުނު އިރުމަތީ އޭޝިއާގެ އިންޑޮނީޝިއާގައި ވަރަށް ގިނައިން ކަނޑުމަތީގެ ހާދިސާތައް ހިނގަ އެވެ.

މިދިޔަ ހަފްތާގައި އިރުމަތީ ނުސާ ޓެންގަރާ ޕްރޮވިންސްގައި 800 މީހުންނާ އެކު ފެރީއެއް ފަރަށް އެރި އެވެ. އެ ފެރީ ދެ ދުވަސް ވަންދެން އެ ތަނުގައި ތާށިވެފައި އޮތެވެ. އެކަމަކު އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

އޭގެ ކުރިން 2018 ވަނަ އަހަރު ސުމަޓްރާގައިވާ ދުނިޔޭގެ އެންމެ ފުން ލޭކްތަކުން ތެރެއިން ލޭކެއްގައި ފެރީއެއް އަޑިއަށް ގޮސް 150 މީހުން މަރުވި އެވެ.