Advertisement

ފައިދާ ނުވާ، ބަސް ނުބުނެވޭ ރިސޯޓު ޖޭވީތަކުގެ ހިއްސާ ސަރުކާރުން ބޭނުމެއް ނުވޭ

29 މޭ 2022 - 08:30 0

އަމަން ހަލީމް

އަމަން ހަލީމް

ޝަންގްރިއްލާ ވިލިގިލި ރިސޯޓު އެންޑް ސްޕާ: ސަރުކާރު ހިއްސާވާ ގޮތަށް ޖޭވީއެއް ހަދައިގެން ތަރައްގީކުރި ފުރަތަމަ ރިސޯޓަކީ މިއީ. -- ފޮޓޯ: ޝަންގްރިއްލާ ހޮޓެލްސް


ފައިދާ ނުވާ، ބަސް ނުބުނެވޭ ރިސޯޓު ޖޭވީތަކުގެ ހިއްސާ ސަރުކާރުން ބޭނުމެއް ނުވޭ

29 މޭ 2022 - 08:30 0

ރިސޯޓު ތަރައްގީކުރަން ދައުލަތުން އަމިއްލަ ވިޔަފާރިވެރިންނާ އެކީ ހަދާފައިވާ ޖޮއިންޓް ވެންޗާ (ޖޭވީ) ކުންފުނިންތަކުން ސަރުކާރަށް މާ ބޮޑު ފައިދާއެއް ނުވާ ކަމަށާއި ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ ހިއްސާ ވިއްކާލަން ނުވަތަ ދޫކޮށްލަން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މި ޖޭވީ ކުންފުނިތަކަކީ ޓޫރިޒަމް ގާނޫނުގެ ފަސްވަނަ މާއްދާގައި ބުނާ ގިނަ ބަޔަކު ބައިވެރިވާ ބީލަން މަރުހަލާއަށް ނުގޮސް ރަށްތައް ކުއްޔަށް ދޭން ހަދާފައިވާ ކުންފުނިތަކެވެެ. ޓޫރިޒަމް ވިޔަފާރިތަކަށާއި ޓޫރިޒަމް ދާއިރާއަށް އަންނަ އިންވެސްޓްމަންޓުތަކަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށް ބުނެ އެކި ސަރުކާރުތަކުން މިގޮތަށް ކުންފުނި ހަދައިގެން ރަށްތައް ކުއްޔަށް ދީފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިގޮތަށް 45 ކުންފުންޏެއްގައި ސަރުކާރުގެ ހިއްސާ އޮވެ އެވެ. އެކަމަކު މި ކުންފުނިތަކުގައި ސަރުކާރުގެ ހިއްސާ އޮވެގެންވާ ފައިދާއަށް ވުރެ ކުރިމަތިވާ ހުރަސްތައް ގިނަކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ.

އެގޮތުން ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ބުރާސްފަތި ދުވަހު ބޭއްވި އިގުތިސޯދީ ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ބިލު އެންމެ މުހިންމުވާ އެއް ސަބަބަކީ މި ހިއްސާ ދޫކޮށްލެވޭނެ ގޮތްތަކެއް ގާނޫނުން ފަހިކޮށްދިނުން ކަމަށެވެ.

މިހާރު ޓޫރިޒަމް ގާނޫނު އޮތް ގޮތުން ހިއްސާ ދޫކޮށްލުމުގައި އެންމެ ބޮޑު ހުރަހަކަށް ވަނީ ގާނޫނުގައި ބުނާ ފޯމިއުލާ އެވެ. އެއީ ވެސް ހަމަ މި ސަރުކާރުން 2020 ގައި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރެއިން ކަނޑައެޅި ފޯމިއުލާއެކެވެ.

މި ފޯމިއުލާގައި ބުނަނީ ޓޫރިސްޓޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ސަރުކާރު ހިމެނޭގޮތަށް ހެދިފައިވާ ޖޭވީ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ އަގުކުރާނީ ބިމުގަ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ ކޮންމެ ޕަސަންޓަކަށް ފަސް އެމެރިކާ ޑޮލަރު މަގުން ކަމަށެވެ.

އެކަމަކު މިހެން އަގުކުރުމުން އާ ރަށެއް ކުއްޔަށް ނެގުމާ އެއްވަރުގެ ހަރަދެއް ހިނގާ ކަމަށާއި، މާކެޓް ވެލިއުއަށް ބަލާއިރު މާ ބޮޑު އަގެއް ދައްކަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީގެ ސީނިއާ ލީގަލް ކައުންސިލް އަޝްރަފް ރަޝީދު ވިދާޅުވި އެވެ.

"މިހާރު އަމަލުކުރަމުންދާ ގާނޫނުގައި އޮތީ ފޯމިއުލާއެއް ދީފަ. އެ ފޯމިއުލާގަ އޮތް ގޮތުން ހިއްސާއެއް ވިއްކާލަންޏާ ހަގީގަތުގައި މިހާރު މާކެޓް ރޭޓަށް ބަލާއިރު އާ ރަށެއް ލީޒް ކުރުމާ އެއްވަރު... ނުވަ ހެކްޓަރުގެ ރިސޯޓަކަށް ވެސް ގާތްގަނޑަކަށް ދެ މިލިއަން ތިން މިލިއަން ޑޮލަރު، އެ ފަސް ޕަސެންޓު ނޫނީ 10 ޕަސެންޓު ހިއްސާ އޮންނަންޏާ އެބަ އަރާ" އޭނާ ވިދާޅުވި އެވެ.

މިކަން އިސްލާހުކުރަން ސަރުކާރުން ހުށަހަޅާފައިވަނީ މާލިއްޔަތު ގާނޫނުގެ ދަށުން އައްޔަނުކުރެވޭ މިނިވަން މުސްތަގިއްލު ވެލުއާއެއް މެދުވެރިކޮށް ސަރުކާރުގެ ހިއްސާ އަގު ކުރާށެވެ. މިހެން އަގުކުރާއިރު އެ ރަށްތަކުގެ މާކެޓް ވެލިއު އާއި ބިމު ކުއްޔާއި އެކުއިޒިޝަން ފީއަށް ރިއާޔަތްކުރާނެ އެވެ.

މި ބިލު ދިރާސާކުރަމުންދާ އިގުތިސޯދީ ކޮމިޓީގައި އަމީރާއި އަޝްރަފް ވެސް ވަނީ ހިއްސާގެ މައްސަލައަކީ ވަރަށް އަވަހަށް ހައްލުކުރަން ޖެހޭ މައްސަލައެއް ކަަމަށް ވިދާޅުވެ މި މަސައްކަތް އަވަހަށް ނިންމަވައިދެއްވަން މެމްބަރުން ގާތު އެދިވަޑައިގެންފަ އެވެ.

ހަމައެކަނި ޝަންގްރިއްލާ މައްސަލައަށް ބެލިކަމުގައިވީ ނަމަވެސް، ވީހާވެސް އަވަހަށް ހިއްސާ ދޫކޮށްލެވޭނެ ގޮތް ފަހިވުން މުހިންމު ކަމަށް އަމީރު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ އެންމެ ބޮޑު ރިސޯޓު ޝަންގްރިއްލާއަކީ ދައުލަތުން 30 ޕަސެންޓު ހިއްސާވާ އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގެ ރިސޯޓެކެވެ. ބާކީ 70 ޕަސެންޓު ހިއްސާވަނީ ހޮންކޮންގެ ޝަންގްރިއްލާ އެވެ.

މި ރިސޯޓު ނުހުޅުވި ދިގުލައިގެންދާ މައްސަލައިގައި ޓޫރިޒަމް މިނިސްޓަރު ފެބްރުއަރީގައި ވިދާޅުވީ، ރިސޯޓު ހިއްސާ ވިއްކާ ނުލެވިގެން އުޅެނީ ގާނޫނުގައި ބުނާ ފޯމިއުލާއިން ހިސާބުކުރުމުން 80 މިލިއަން ޑޮލަރު ޖެހޭތީ ކަމަށެވެ.

ޝަންގްރިއްލާ ވިލިގިއްޔަކީ އައްޑޫ އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓު އަދި ސަރުކާރާއި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއްގެ ދަށުން ތަރައްގީކޮށް ހުޅުވި ފުރަތަމަ ރިސޯޓެވެ.

ބައެއް ޖޭވީ އެއްބަސްވުންތަކުގައި ކޮރަޕްޝަން، ހިއްސާ ހިލޭ ދޫކުރަން މަޖުބޫރު

ރިސޯޓުތައް ތަރައްގީކުރަން ހަދާފައިވާ ޖޭވީ އެއްބަސްވުންތަކާ ގުޅޭ އަނެއް މައްސަލައަކީ ބައެއް އެއްބަސްވުންތަކުގައި ސަރުކާރު ހިއްސާ ހިލޭ ދޫކުރަން މަޖުބޫރުކޮށްފައި އޮތުމެވެ.

މި ކަންބޮޑުވުން ކޮމިޓީގައި ހިއްސާކުރައްވަމުން އަޝްރަފް ވިދާޅުވީ ބައެއް ޖޭވީ އެއްބަސްވުންތަކުގެ ކަންކަން ގޮސްފައި ހުރީ "ވަރަށް ދެރަކޮށް" ކަމަށެވެ.

"ބައެއް އެގްރީމަންޓުގަ ސޮއިކޮށްފަ އެބަހުރި ސަރުކާރުގެ ހިއްސާ ޓްރާންސްފާ ކުރަންޏާ ޖެހޭނީ އެއްވެސް ލާރިއެއް ނުދީ ހިލޭއޭ. ކޮންމެވެސް ވަރަކަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް އެ ރަށްތަކުގެ މައްސަލަ ބަލަމުން އެބަދޭ" އޭނާ ވިދާޅުވި އެވެ.

އަޝްރަފް އިތުރަށް ވިދާޅުވީ ޖޭވީތަކުގެ ހަމައެކަނި މަގުސަދަކީ ޓޫރިޒަމް ގާނޫނުގެ ފަސްވަނަ މާއްދާ "ޑިފީޓު" ވާގޮތަށް އެއްބަސްވުންތަކެއް ހެދުން ކަމަށާއި ކޮންޓްރިބިއުޝަން (ފައިދާ)ގެ ގޮތުގައި ވެސް ސަރުކާރަށްވާ ފައިދާއެއް ނެތް ކަމަށެވެ. އަދި ސަރުކާރުގެ ހިއްސާ އޮތުމުން ބޭރުގެ އިންވެސްޓަރުން ވެސް ފަސްޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ އޭނާ ލަފާ ދެނީ ވެސް އަދި ސަރުކާރަށް އެންމެ ރަނގަޅު ގޮތަކީ ވެސް މި ޖޭވީތަކުގެ ހިއްސާ ދޫކޮށްލުން ކަމަށް އަޝްރަފް ވިދާޅުވި އެވެ.