Advertisement

ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާ ނަގަން ކޯޓު އަމުރު ހޯދީ ރަނގަޅަށް: ފުލުހުން

27 މޭ 2022 - 18:01 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޔާމީންގެ ގެކޮޅުގައި ނެގި އިންޑިއާ އައުޓް ބެނާ ފުލުހުން ނަގަނީ-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާ ނަގަން ކޯޓު އަމުރު ހޯދީ ރަނގަޅަށް: ފުލުހުން

27 މޭ 2022 - 18:01 0

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހިގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާ ނަގަން ކޯޓު އަމުރު ހޯދީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެހެން ފުލުހެއްގެ ލޮގިން ބޭނުން ކުރައްވައިގެން ކަމަށް ބުނެ 'ދިޔަރެސް' ނޫހުން ދައްކާފައިވާ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގޮސް، ދޫވެހީގައި ދަމާފައިވާ ބެނާ ނަގާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ ބެނާ ނަގަން ކޯޓު އަމުރު ހޯދާފައިވަނީ އޮންނަ އުސޫލުތަކުގެ ތެރެއިން ގަވައިދުތަކާ އެއްގޮތަށް ކަމަށާއި އެ ކޯޓު އަމުރަށް ރިކުއެސްޓު ކުރެއްވީ އޭސީޕީ ރިޔާޒް ނޫން ކަމަށެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުގައި ކޯޓު އަމުރަށް އެދުމުގެ އުސޫލު ހަމަޖެހިފައި އޮންނަނީ އިންވެސްޓިގޭޝަން އޮފިސަރެއްގެ ސުޕަވައިޒަރު އެޕްރޫވް ކުރުމުން ކޯޓު އަމުރު ރިކުއެސްޓު ކޮމްޕިއުޓާ ސިސްޓަމުން ޖެނެރޭޓް ވާ ގޮތަށެވެ. މި މައްސަލައިގައި ވެސް ކޯޓު އަމުރު ޖެނެރޭޓްކޮށްފައިވަނީ އިންވެސްޓިގޭޝަން އޮފިސަރު ރިކުއެސްޓު ކުރުމުން ސުޕަވައިޒަރު އެޕްރޫވްކޮށްގެން," ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި "އިންޑިއާ އައުޓް"ގެ 50 އަކަށް ފޫޓުގެ އެ ބެނާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގޮސް ނެގީ އެ ބެނާ ދެމިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. ބެނާ ނަގަން ފުލުހުންނަށް ކްރިމިނަލް ކޯޓުން ދިން އަމުރު ބާތިލް ކުރަން ޔާމީން ވަނީ އެ މައްސަލަ ހައި ކޯޓަށް ވެސް ހުށަހަޅާފަ އެވެ.

ޔާމީންގެ ގެކޮޅާއި ޕީޕީއެމް އޮފީހުގެ އިތުރަށް މާލޭގެ ގިނަ އަދަދެއްގެ އިމާރާތްތަކުގައި "އިންޑިއާ އައުޓް" ބެނާތަކެއް ނެގުމާއެކު، އެ ކެމްޕޭން ހުއްޓުވަން މުއައްސަސާތަކަށް އަންގަވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ ގަރާރެއް ނެރުއްވައިފަ އެވެ.

އެގޮތަށް ރައީސް ނިންމެވީ އެ ހަރަކާތަކީ ރާއްޖޭގެ ގާނޫނުލްްއުގޫބާތުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފައިވާ އަމަލުތަކުގެ ތެރެއިން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ވީތީ ދަތިކޮށް ފުރައްސާރަކޮށް ތަފާތުކުރުންފަދަ އަމަލެއް ކަމުގައި ކަނޑައެޅުއްވުމަށް ފަހުގަ އެވެ.

އެ ގަރާރަކީ ޣައިރު ގާނޫނީ ގަރާރެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރަނީ، އެ ގަރާރުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ހަނި ކުރެވިގެންދާތީ ކަމަށް ބުނެ އެވެ.

ރިޔާސީ ގަރާރު ބާތިލުކުރުން ޕީޕީއެމްއިން ވަނީ ސިވިލް ކޯޓަށް ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ.