Advertisement

ލަންކާގެ ޕީޕަލްސް ބޭންކަށް ބޮޑުކޮށް ދަރާފައިވާ ކުންފުނިތަކުގެ ތެރޭގައި ކުރީގެ މެމްބަރު މަނިކުގެ ހުރަވީ އިންޓަނޭޝަނަލް

26 މޭ 2022 - 15:39 1

އަމަން ހަލީމް

އަމަން ހަލީމް

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މަނިކު ދޮން މަނިކު: އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ދޫކުރި މި ރަށުގެ އެކުއިޒިޝަން ކޮސްޓު ދެއްކީ ހިޔާނާތުގެ ފައިސާއިން. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ލަންކާގެ ޕީޕަލްސް ބޭންކަށް ބޮޑުކޮށް ދަރާފައިވާ ކުންފުނިތަކުގެ ތެރޭގައި ކުރީގެ މެމްބަރު މަނިކުގެ ހުރަވީ އިންޓަނޭޝަނަލް

26 މޭ 2022 - 15:39 1

އިގުތިސޯދީ ކާރިސާއެއްގެ ތެރޭގައި ދަރަނި އަދާނުކުރެވިގެން އުޅޭ ސްރީލަންކާގެ ދައުލަތުގެ ބޭންކެއް ކަމުގައިވާ ޕީޕަލްސް ބޭންކުގެ ޑީފޯލްޓްވެފައިވާ ބޮޑެތި ލޯނުތަކުގެ ލިސްޓުގައި ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ ހުރަވީ އިންޓަނޭޝަނަލް ހިމެނިއްޖެ އެވެ.

ހުރަވީ އިންޓަނޭޝަނަލްއަކީ ގުރައިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ހުސެއިން މަނިކު ދޮން މަނިކުގެ ކުންފުންޏެވެ. މި ކުންފުނީގައި ދެން ތިބޭ ތިން ހިއްސާދާރުންގެ ތެރޭގައި ނޫމަޑި އަދި އައިލެންޑް އެކްސްޕާޓު ކުންފުނީގެ އެނޯން ސަންޕަންޏާ ވެސް ހިމެނެ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި އެ ކުންފުނިން ނުދައްކައިގެން އުޅޭ ލޯނަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ދޫކުރި ތ. ކަޅުދިޔަފުށި ތަރައްގީކުރަން، އެ ރަށް ރަހުނުކޮށްފައި ނެގި ލޯނެކެވެ. ޕީޕަލްސް ބޭންކުން ނަގާފައިވާ ލޯނުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ ލޯނަކަށް ވެސް މި ރަށް ވަނީ ރަހުނުކޮށްފަ އެވެ.

ލަންކާގެ މީޑިއާ ރިޕޯޓުތަކުން ފެންނަ ގޮތުގައި މި ލޯނުތަކުގެ މައްސަލަ ފެންމަތިވީ އެ ގައުމުގެ ޕާލިމަންޓުގެ ކޮމިޓީ އޮން ޕަބްލިކް އެންޓަޕްރައިސަސްއިން އެކުލަވާލި ރިޕޯޓަކާ ގުޅިގެންނެވެ.

މި ރިޕޯޓާ ހަވާލާދީ ބަޓިކްލޯ ޑިސްޓްރިކްޓް ތަމްސީލުކުރައްވާ ޓެމިލް ނޭޝަނަލް އެލަޔަންސުގެ ޕާލިމަންޓު މެމްބަރު ޝާނަކިޔަން ރަސަމަނިއްކަމް ހާމަކޮށްފައިވާ ގޮތުގައި ހުރަވީ ކުންފުނީގެ ލޯނު ހިމެނޭގޮތަށް ޕީޕަލްސް ބޭންކުގެ ނަން-ޕާފޯމިން ލޯނުގެ އަގު 54 ބިލިއަން ރުފީސްއަށް އަރަ އެވެ. މިއީ ޑޮލަރުން ނަމަ 150 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެކެވެ.

ރަސަމަނިއްކަމް މި މައްސަލަ ފެންމަތިކުރީ މި ލޯނުތަކުގެ ތެރޭގައި މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޕާޓީ، ޔުނެއިޓެޑް ނޭޝަނަލް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ މިނިސްޓަރު ދާޔާ ގަމަގޭގެ "ދާޔާ އެޕޭރަލްސް" އާއި ރަނިލްގެ ކުރިން ބޮޑުވަޒީރަކަށް ހުންނެވި އިރު ސެންޓްރަލް ބޭންކުގެ ޓްރެޝަރީ ޑިރެކްޓަރުގެ މަގާމު ފުރުއްވި އަރްޖުން އެލޯއިސިއަސްގެ ނަން ހިމެނުމުންނެވެ.

ޕީޕަލްސް ބޭންކުގެ އެންމެ ބޮޑެތި ނަން-ޕާފޯމިން ލޯނުތައް: ހުރަވީން ދައްކަން ޖެހޭ އަދަދު ހަތް މިލިއަނާ ގާތްކުރޭ. -- ފޮޓޯ: ބަސަނާޔަކެއެމް/ޓްވިޓާ


ޕާލިމަންޓު ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓުގައިވާ ލިސްޓުގެ ފޮޓޮއަކުން ފެންނަ ގޮތުގައި ހުރަވީ އިންޓަނޭޝަނަލްއިން ލޯނު ދައްކަމުން ނުދާތީ ޖޫރިމަނާ ހިމަނައިގެން ދައްކަން ޖެހޭ އަދަދު ވަނީ 2.5 ބިލިއަން ރުޕީސް (6.9 މިލިއަންް ޑޮލަރު)އަށް އަރާފަ އެވެ. ހުރަވީ ކުންފުނިން ލޯނު އަނބުރާ ދެއްކުން ހުއްޓާލި ކަމަށް ދައްކަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ.

މަސައްކަތް ހުއްޓުނީ ރިސޯޓުގެ 80 ޕަސެންޓު ނިމުނު ފަހުން

ނުހެދި ހުރި ރިސޯޓުތަކާ ގުޅިގެން މިފަހުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވާ ގޮތުގައި މި ރިސޯޓުގެ މަސައްކަތް ހުއްޓުނީ 80 ޕަސެންޓު މަސައްކަތްތައް ނިމިފައިވަނިކޮށެވެ. އެކަމަކު މަސައްކަތް ހުއްޓިފައިވާ ސީދާ ސަބަބެއް ހާމަނުކުރައްވަ އެވެ.

މި ރަށް ދޫކުރި ދުވަސްވަރުގެ، އެއީ 2015 ގެ، ހަބަރުތަކުން އިނގޭ ގޮތުގައި މި ރަށް ތަރައްގީކުރުމުގެ މަސައްކަތް ހުރަވީ ކުންފުނިން ކުރަމުން އައީ ސްޕެއިންގެ މަޝްހޫރު ހޮޓެލް ޗެއިން "މެލިއާ ހޮޓެލްސް" އާ ގުޅިގެން "ގްރެން މެލިއާ ހުރަވީ މޯލްޑިވްސް"ގެ ނަމުގައި ރިސޯޓު ހުޅުވާށެވެ.

އޭރު ބުނީ 2017 ގައި ރިސޯޓު ހުޅުވާނެ ކަމަށެވެ. ނަމަވެސް ރިސޯޓު ކޮންސްޓްރަކްޝަންގެ ބޮޑު ބަޔެއް ނިމުނު ނަމަވެސް މިއަދާ ހަމައަށް އެތަން ހުޅުވޭނެ އަލިމަގެއް ނުފެނެ އެވެ. އެއީ ބޭންކަށް އެ ރަށް ވިއްކާ ނުލެވިގެން އުޅޭތީ އެވެ.

މި ރަށް ވިއްކާލަން ސިވިލް ކޯޓުން ހުއްދަ ދިނުމުން 2019 ވަނަ އަހަރު ބޭންކުން ފުރަތަމަ އިއުލާނުކުރީ 108 ކޮޓަރީގެ މި ރަށް 29.5 މިލިއަން ޑޮލަރު (454 މިލިއަން ރުފިޔާ) އަށް ވިއްކާލާށެވެ. ނަމަވެސް ފަހުން ކުރި އިއުލާނުގައި ބޭންކުން ބީލަން ހުޅުވާލީ އެންމެ މަތިން އަގު ހުށަހަޅާ ބަޔަކަށް އެ ރަށް ވިއްކާލާށެވެ.

އެކަމަކު އެކަށީގެންވާ ވަރުގެ ބިޑެއް ލިބުނު ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ޓޫރިޒަމް ގާނޫނުގައި އޮންނަ ގޮތުން މި ރަށުގެ ހެޑް ލީސް ރައިޓްސް ބަދަލުކުރަން ޓޫރިޒަމް މިނިސްޓްރީން އެއްވެސް އިއުލާނެއްކޮށްފައި ނުވާތީ އެވެ. ވިއްކާލި ނަމަ އެ ރަށާ ގުޅޭ އެއްވެސް ދަރަންޏެއް އޮއްތޯ ބަލަން އިއުލާޏުކުރާނެ އެވެ.

ތ. ކަޅުދިޔަފުށި މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: ފޮޓޮއިން ފެންނަ ގޮތުގައި މަސައްކަތް ހުއްޓުނީ ރަށުގެ ވަރަށް ގިނަ މަސައްކަތްތައް ނިމިފަ ވަނިކޮށް. -- ފޮޓޯ: ގޫގްލް އާތް


ކަޅުދިޔަފުއްޓަކީ އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓުގައިވާ ގޮތުގައި، މި ރިސޯޓުގެ އެކުއިޒިޝަން ކޮސްޓަށްވާ 150،000 ޑޮލަރު (2.3 މިލިއަން ރުފިޔާ) ދެއްކީ ހިޔާނާތުގެ ފައިސާއިންނެވެ. ނަމަވެސް މިހާތަނަށް މި މައްސަލައިގައި އެއްވެސް ފަރާތެއްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެ އެވެ.