Advertisement

ޒާތީ މައުލޫމާތު ހާމަ ކުރުމުން ޓްވިޓާއަށް 150 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް

ޓްވިޓާއިން ވަނީ އެ ޕްލެޓްފޯމުގައި އިޝްތިހާރު ކުރާ ފަރާތްތަކަށް ބައެއް ޔޫޒަރުންގެ ޒާތީ މައުލޫމާތު ފޯރުކޮށްދީފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް


ޒާތީ މައުލޫމާތު ހާމަ ކުރުމުން ޓްވިޓާއަށް 150 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް

ސޭން ފްރެންސިސްކޯ، އެމެރިކާ (މޭ 26) - ޓްވިޓާ އެކައުންޓްގެ ސެކިއުރިޓީ ވަރުގަދަ ކުރަން ބޭނުން ކުރަން ޖެހޭ ބައެއް ޔޫޒަރުންގެ ޒާތީ މައުލޫމާތު، އެ ޕްލެޓްފޯމްގައި އިޝްތިހާރު ކުރާ ފަރާތްތަކަށް ފޯރުކޮށްދީފައި ވާތީ އެމެރިކާގައި ޓްވިޓާ 150 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

ފެޑެރަލް ޓްރޭޑް ކޮމިޝަން އަދި ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ތުހުމަތު ކުރި ގޮތުގައި ޓްވިޓާއިން ވަނީ ޒާތީ މައުލޫމާތު ރައްކާތެރި ކުރަން ޔޫޒަރުން ފޯރުކޮށްދޭ ފޯނު ނަންބަރާއި އީމެއިލް އެޑްރެސްތައް، އިޝްތިހާރު ކުރާ ފަރާތްތަކަށް ފޯރުކޮށްދީފައި ކަމަށެވެ.

އާއްމުން ފޯރުކޮށްދޭ ޒާތީ މައުލޫމާތާއި ޓެކް ކުންފުނިތަކުން އެ މައުލޫމާތު ބޭނުން ކުރާ ގޮތާ ގުޅޭ ގޮތުން ރެގިއުލޭޓަރުންނާއި ބޮޑެތި ކުންފުނިތަކާ ދެމެދު ހިޔާލު ތަފާތުވުން އޮވެ އެވެ.

ދެހާށް ނަވާރަ ވަނަ އަހަރާ ހަމައަށް ހޭދަވި ފަސް އަހަރުގެ މުއްދަތުގައި 140 މިލިއަނަށް ވުރެ ގިނަ މީހުން ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ޓްވިޓާއާ ހިއްސާކުރި އެވެ. އޭގެ ބޭނުމަކީ "ޓޫ ފެކްޓާ އޯތެންޓިކޭޝަން" ގެ ދަށުން އެކައުންޓްގެ ސެކިއުރިޓީ ވަރުގަދަ ކުރުމެވެ.

އެހެން ނަމަވެސް، ޔޫޒަރުންނަށް އެންގުމެއް ނެތި އަދި ހުއްދަ ހޯދުމެއް ނެތި ޓްވިޓާއިން ވަނީ އިޝްތިހާރު ފޯރުކޮށްދޭ ފަރާތްތަކަށް އެ މައުލޫމާތު ދީފަ އެވެ. އެ މައްސަލަ ކޯޓުން ބޭރުން ހައްލު ކުރަން ޓްވިޓާއިން އެއްބަސްވީ 150 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ.